ދީން

ގޭގައި އީދު ނަމާދު ކުރެވޭނެތަ؟

ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު މީސްތަކުން ޖާހިލިއްޔަ ޒަމާނުގައި އުފާ ފާޅުކޮށް ކުޅެ އުޅުނު ދެ ދުވަހެއް ވެއެވެ. އެ ދެދުވަހުގެ ބަދަލުގައި މުސްލިމުންނަށްޓަކައި އެއަށް ވުރެ މާ ހެޔޮ ވެގެންވާ ދެ ދުވަސް މާތް ﷲ ލައްވާފައިވާ ކަމުގައި އިތުރު އެކަލޭގެފާނު ބަޔާން ކޮށްދެއްވި އެވެ. އެއީ ފިތުރު އީދާއި އަލުހާ އީދެވެ. މުސްލިމުންގެ މި ދެ އީދު ވެސް އަންނީ ވަރަށް މަތިވެރި ދެ އަޅުކަމާ ވިދިގެންނެވެ. ފިތުރު އީދަކީ ރޯދައިގެ އަޅުކަމާއި ވިދިގެން ޝައްވާލު މަހުގެ އެއްވަނަ ދުވަހު އަންނަ އީދެވެ. އަލުހާ އީދަކީ ހައްޖު މަހުގެ ދިހަ ވަނަ ދުވަހު ފާހަގަ ކުރާ އީދެވެ.

މި ދެ އީދުގައި ވެސް މީސްތަކުން، ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކުރުމަކީ ސުންނަތް ވެގެންވާ ގޮތެވެ. އީދު ނަމާދުގެ ޖަމާއަތުގައި، އަންހެނުންނާ ފިރިހެނުންނާ ކުދި ބޮޑު އެންމެން ބައިވެރިވުމަށް ވަނީ އަންގަވާފަ އެވެ. ލާނޭ ހެދުމެއް ނެތް އަންހެނަކު، އޭނާގެ އުހުތެއްގެ އަތުން އަނބުރާ ދޭ ގޮތަށް ހެދުމެއް ހޯދައިގެ ނަމަވެސް އީދު ނަމާދަށް ދިޔުމަށް މާތް ރަސޫލާ ވަނީ އަމުރު ކުރައްވާފަ އެވެ.

މައްސަރު ކަންތައް ޖެހި، ނަމާދު ނުކުރެވޭ ހާލުގައިވާ އަންހެންވެރީން ވެސް، ޖަމާއަތް ނުހަދާ ހިސާބުގައި ދުރުގައި މަޑުކޮށްލައި، ހުތުބާ އަޑު އަހާ އީދު ނަމާދުގެ އެ ބޮޑު ޖަމާއަތުގައި ބައިވެރިވުމަށްވެސް ވަނީ އަންގަވާފަ އެވެ. މިއީ ކީރިތި ރަސޫލާ صلى الله عليه وسلم އުއްމަތަށް ދެއްވާފައި އިރުޝާދުތަކެވެ. އެ ކަލޭގެފާނުގެ ޒަމާނުގައި އަމަލު ކުރައްވާފައިވާ ގޮތެވެ.

މި ފަހުން ރާއްޖޭގައި ވެސް އީދު ނަމާދު ކުރަމުން ގެންދަނީ ބޮޑު ޖަމާއަތުގަ އެވެ. ނަމަވެސް މި ފަހަރު މި އޮތީ ވަރަށް ބޮޑަށް ހާލަތު ބަދަލުވެފަ އެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފަ އެވެ. ގެއިން ބޭރަށް ނުކުތުން މަނާކޮށް މާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. ވީމާ މިފަހަރު އީދު ނަމާދު ވެސް ކުރަން ޖެހިފައި ވަނީ ގޭގަ އެވެ.

ނަމަވެސް ސުވާލަކީ ޖަމާއަތުގައި ކުރާ މިފަދަ ނަމާދެއް ގޭގައި އެކަނި ކުރެވިދާނެ ހެއްޔެވެ.

ގޭގައި އީދު ނަމާދު ކުރެވޭނެތަ؟

މިހާރު ފެތުރެމުން މިދާ ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު ގޭގައި އީދު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން އިރުޝާދު ދީފައި ވެއެވެ.

މިއާއެކު ވަރަށް ގިނަ ބަޔަކު އީދު ނަމާދު ގޭގައި ކުރެވިދާނެތޯ ސުވާލު ކުރެއެވެ. މި މައްސަލައިގައި އިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރަށްގެ ހިލާފެއް އެބައޮތެވެ. ގިނަ އިލްމުވެރިން ބުރަވެއްލައްވަނީ އީދު ނަމާދުގައި ބައިވެރި ނުވެވިއްޖެ މީހަކު އޭނާގެ އަހުލުވެރިންނާއެކުގައި، ނުވަތަ އެކަނި ނަމަވެސް، ގޭގައި އީދު ނަމާދު ގަލޯ ކުރަންވާނެ ކަމުގަ އެވެ. ބައެއް އަސްހާބު ބޭކަލުން އެފަދައިން އަމަލު ކުރައްވާފައިވާކަން އެނގެން އެބައޮތެވެ. އިހުގެ ބޮޑެތި ދަންނަ ބޭކަލުންގެ ތެރެއިން، ޝާފިއީ މަޒުހަބުގެ އިލްމުވެރިންނާއި، މާލިކީ މަޒުހަބާއި އަދި ހަންބަލީ މަޒުހަބުގެ އިލްމުވެރިންގެ ވެސް ރައުޔަކީ މިއީ އެވެ.

ނަމަވެސް، ޝައިހުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އާއި ފަހުގެ ދަންނަ ބޭކަލުންގެ ތެރެއިން އައްޝައިހް އިބްނު ޢުޘައިމީން رحمه الله ގެ ރައުޔު މިޔާ ޚިލާފެވެ. އެބޭކަލުން ބުރަވެއްލަވާ ގޮތުގައި އެކަނި ގޭގައި އީދު ނަމާދު ކުރުމެއް ނުވެ އެވެ.

އިސްލާމީ ބޮޑެތި ގައުމުތަކުގެ ތެރެއިން ސަޢޫދީ ޢަރަބިޔާގައި ވެސް މި އަހަރުގެ އީދު ނަމާދު ގޭގައި ކުރުމަށް ރައްޔިތުންނަށް ވަނީ އިރުޝާދީފައި ވެއެވެ. ދިވެހި ރާއްޖޭގައި ވެސް އަމަލު ކުރެވޭނީ ގިނަ ދަންނަބޭކަލުންގެ ރައުޔާ އެއްގޮތަށް ކަމުގައި ކަނޑައަޅައި، ގޭގައި އީދު ނަމާދު ކުރަން އިސްލާމިކް އެފެއާޒް މިނިސްޓްރީއިން ވަނީ އަންގާފަ އެވެ.

އީދު ނަމާދުގެ ވަގުތު

އީދު ނަމާދުގެ ވަގުތު ފެށެނީ އިރު ލޮންސިއެއްހާ ވަރަށް އެރުމުންނެވެ. އަދި އީދު ނަމާދުގެ އެންމެ ފަހު ވަގުތަކީ އިރު މެދު ޖެހުމާހައަށް އޮންނަ ވަގުތެވެ. އިރު އަރާތާ 10 ވަރަކަށް މިނެޓް ތެރޭގައި މި އުސްމިނަށް އިރު ވާސިލު ވާނެ އެވެ.

ރާއްޖޭގައި އާންމުކޮށް އީދު ނަމާދު ޖަމާއަތުގައި ކުރާ ގަޑިއަކީ ހެނދު 7:30 އެވެ. ގޭގައި އީދު ނަމާދު ކުރާއިރު، އިރު އަރާތާ 10 ވަރަކަށް މިނެޓު ފަހުން ފެށިގެން ގޮސް އިރު މެދުޖެހުމާ ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް ޢީދު ނަމާދު ކުރެވިދާނެ އެވެ.

އީދު ނަމާދު ކުރާނީ ކިހިނެތް؟

އީދު ނަމާދަކީ ދެ ރަކުއަތުން ކުރާ ނަމާދެކެވެ. އީދު ނަމާދު ވެސް ކުރާނީ ފަތިސް ނަމާދުގެ ފަރުލުގެ ދެ ރަކުއަތް ކުރާ ގޮތަށެވެ.

ހަމައެކަނި ތަފާތަކީ ކޮންމެ ރަކުއަތެއްގެ ގިޔާމުގައި އިތުރު ތަކްބީރުތަކެއް ކިޔުން ސުންނަތް ވެގެންވާ ކަމެވެ. އެގޮތުން ފުރަތަމަ ރަކުއަތުގައި ހަށަންބަން ތަކުބީރަށް ފަހު، އިތުރު ހަތް ތަކުބީރު ކިޔުން ސުންނަތް ވެގެން ވެއެވެ. އަދި ދެވަނަ ރަކުއަތުގައި ސަޖިދައިން ތެދުވަމުން ކިޔާ ތަކުބީރު ނުހިމަނާ، އިތުރު ފަސް ތަކުބީރު ކިޔުން ސުންނަތްވެގެން ވެއެވެ. ކޮންމެ ތަކުބީރަކަށް ވެސް ހަށަން މޮހާލައި ދެއަތް ކޮނޑާ ހަމައަށް ނުވަތަ ކަންފަތުގެ ފޫޅާ ހަމައަށް އުފުލާލަންވާނެ އެވެ.

އީދު ނަމާދުގެ ހުތުބާ

އީދު ނަމާދު ގޭގައި ކުރާނަމަ ހުތުބާ ކިޔުމެއް ނެތެވެ. ހުކުރު ނަމާދާ ހިލާފަށް އީދު ނަމާދުގެ ހުތުބާއަކީ ނަމާދުގެ ސުންނަތެކެވެ. އަދި ހުކުރު ނަމާދުގައި ހުތުބާ ކިޔަނީ ނަމާދުގެ ކުރިން ނަމަވެސް އީދު ނަމާދުގައި ހުތުބާ ކިޔަނީ ނަމާދުގެ ފަހުގަ އެވެ. އީދު ނަމާދުގެ އިހު ސުންނަތެއް ފަހު ސުންނަތެއް ވެސް ނުވެއެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މުސާ ފިކުރީ