އަލީ ސުޒޭން

ސީޒަން އަހަރު ކުރީކޮޅުގައި ފެށުމުގެ ހިޔާލު

ކޮވިޑް-19 އާ ގުޅިގެން ގުޅިގެން ފަސް ކޮށްފައިވާ އޭއެފްސީ ކަޕާއި އިންޓަނޭޝަނަލް މުބާރާތްތަކަށް ފުރުސަތު ދީފައި، ދެ ސީޒަންގެ ދެމެދުން އެކަށީގެންވާ މުއްދަތު ނުލިބިދާނެ ކަމަށް ފެންނަ ނަމަ ކުރިން ވެސް އޮންނަހެން އަހަރުގެ ކުރީކޮޅުގައި ސީޒަން ފަށުމަށް، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން ހިޔާލު ހުށަހަޅައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެފްއޭއެމުން ވަނީ މި ސީޒަން މާޗް މަހު ނިންމާލާފަ އެވެ. އެއް ވަނަ ޑިވިޝަންގައި ނިންމާލެވުނު ހަމައެކަނި މުބާރާތަކީ ދިވެހި ޕްރިމިއާ ލީގެވެ. އަންނަ ސީޒަނަށް ތައްޔާރުވުމާ ބެހޭގޮތުން، އެފްއޭއެމުން އިސް ނަގައިގެން ބޭއްވި ފުޓްބޯޅަ ޓޯކް ޝޯގައި ސުޒޭން ބުނީ ކޮވިޑް-19 އާ ގުޅިގެން ދިމާވި ހާލަތުގެ ސަބަބުން އަލަށް ފަށާ ސީޒަންގައި ހުރިހާ މުބާރާތްތަކެއް ނުބާއްވާއި ކުރު ސީޒަނަކަށް ހަދަން ވެސް ވިސްނަން ގެންގުޅެން ޖެހިދާނެ ކަމަށެވެ. އެއީ 2021/2022 ގެ ސީޒަނަށް ރަނގަޅަށް ތައްޔާރު ވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އޭއެފްސީން ވަނީ މާޗް މަހު 18 ވަނަ ދުވަހު މުއްދަތެއް ނެތް ގޮތަށް އޭއެފްސީ ކަޕް ފަސް ކޮށްފަ އެވެ. އޭއެފްސީ އަންދާޒާ ކުރާ ގޮތުގައި އޭއެފްސީ ކަޕް އެންމެ އަވަހަށް ފެށުނަސް ފެށޭނީ ޖުލައިގަ އެވެ. އެހެން ނަމަވެސް އޭޝިއާގެ ހުރީހާ ޒޯނެއްގައި ޖުލައިގައި ވެސް ފެށޭނެ ކަމެއް ނޭނގެ އެވެ. އަނެއް ކޮޅުން ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ވެސް މި އަހަރު ކުރިއަށް ހުރުމުން، އޭއެފްސީގެ މުބާރާތްތައް ނިންމާލެވޭނެ ވަކި ހިސާބެއް ބުނަން ވެސް އޮތީ ނޭނގި އެވެ.

ސުޒޭން ބުނީ މި ބަލި މަޑުކަމަށް ފަހު އޭޝއާގެ މުބާރާތްތައް އޮތީ ކިހިނެއްތޯ ބަލައި އޭއެފްސީ ކަޕްގައި ޓީސީ އާއި މާޒިޔާއަށް ވެސް ފަހިވާނެ ގޮތަށް އާ ސީޒަން ބައްޓަން ކުރެވިގެން ދާން ޖެހޭނެ ކަމަށެވެ.

"ރާއްޖޭގައި ޕްލޭން ކޮށްފައި މިއޮތީ ޖޫންގައި ފަށައިގެން ގެންދާ ގޮތަށް، އެހެން ނަމަވެސް މިހާރު ކަންދިމާވާ ގޮތުން ބަލިމަޑުކަމަށް ފަހު ފަށާ ސީޒަން ކަނޑައެޅޭ މުއްދަތަށް ނުނިމި 2021 ވަނަ އަހަރުގެ ސީޒަން ޖޫން ގައި ފަށަން ވަގުތު ނުލިބިދާނެ ކަމަށް ވަންޏާ ދެން އޮތް ގޮތަކީ މަޑުކޮށްފައި އަހަރުގެ ކުރީ ކޮޅު ސީޒަން ކުރިން ވެސް ފަށާހެން އަންނަ އަހަރުގެ ކުރީ ކޮޅަށް މަޑު ކުރުން." ޖޫން އަށް ސީޒަން ފެށުމުން އެކަމަށް އޭރު ވެސް ފާޑު ކީ ސުޒޭން ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ބުންޏެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމު ބުނީ އަލަށް ސީޒަން ފެށުމުގެ ވާހަކަ ދެއްކުމުގެ ކުރިން އެންމެ މުހިންމު ކަމަކީ، ކުރިމަތި ވެފައި ކޮވިޑްގެ ހާލަތާއެކު ކުލަބުތަކަށް އިތުރަށް ކުރިމަތިވާނެ މާލީ ގޮންޖެހުންތައް ޓެކުލް ކުރާނެ ގޮތެއް ހޯދަން ކުލަބުތަކާއި އެފްއޭއެމާއެކު ތިބެގެން ވާހަކަ ދައްކައި ހައްލުކެއް ހޯދުން ކަމަށެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ނިޒާމް ފާހަގަ ކުރީ މި ހާލަތު މެދުވެރިވެފައި ވުމުން އެކަށީގެންވާ ޕްރީ ސީޒަނެއް ލިބޭނެ ގޮތަށް ސީޒަން ބައްޓަން ކުރުމަށެވެ.

ނިޒާމް ބުނީ، ސެޕްޓެމްބަރުގައި އަލުން ސީޒަން ފަށައި ޖަނަވަރީގެ ޓްރާންސްފާ އާ ހަމައަށް ދާއިރު ކުލަބުތައް އޮންނާނީ އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރު ވެވިފައި ކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސުޒޭން ވަނީ، ހިޔާލު ތަފާތުވުން އުފެދިފައިވީ ނަމަވެސް، ރާއްޖޭގެ ފުޓްބޯޅަ މިވަގުތު އޮތް ހާލަތުގެ ގޮތުން "ފެއާޕްލޭ" އަށް ޓަކައި އެފްއޭއެމާއެކު މަސައްކަތް ކުރުމަށް ރާއްޖޭގެ ފުޓްބޯޅައިގެ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.

އޭނާ ބުނީ ކޮވިޑް-19 އާއެކު ރާއްޖޭގެ ފުޓްބޯޅައަށް އިތުރު އުނދަގޫ ހާލަތްތައް މެދުވެރިވެފައިވާ ކަމަށާއި އެ ހާލަތުން އަރައި ގަތުމަށް ފުޓްބޯޅައިގެ ހުރިހާ ފަރާތްތަކުން އެފްއޭއެމަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

"ފުޓްބޯޅައިގައި ވެސް އޮވޭ ޑިފެންސް ކުރުމާއި އެޓޭކު ކުރުމާއި ކުޑަކޮށް ޑިލޭ ކޮށްގެން ކުޅުމާއި ފެއާޕްލޭއަށް ކުޅުން، މިހާރު ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއިލާ އެއްކޮށް ފެއާޕްލޭއަށް ދާން ޖެހިފައި މިއޮތީ،" މި އަހަރު ފެބްރުއަރީ މަހު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ހަވާލުވި ސުޒޭން ވާހަކަ ދެއްކި އެވެ. "މި ވަގުތުގެ މިއޮތް ހާލަތުގެ ގޮތުން ފެއާޕްލޭގެ ތެރެއިން ފުޓްބޯޅަ އެސޯސިއޭޝަނަށް އެއްބާރުލުން ދޭން އެބަޖެހޭ."

"އަޅުގަނޑު މި ދަންނަވަނީ ހުރި ހިތްހަމަނުޖެހުންތައް އުދާސްތައް ދޫކޮށްލާފައި އަންނާށެކޭ ނޫން، އެއާވެސް އެއްކޮށް ހަމަ ފުޓްބޯޅައިގެ ކުރިއެރުމަށްޓަކައި އެއްކޮށް މަސައްކަތް ކުރަން އަންނަންވީ، ފެއާޕްލޭއަށް ބޯޅަ ބޭރަށް ޖަހަންވީ ވަގުތު، މިއޮތީ ފުޓްބޯޅަ އިންޖަރީ ވެފަ، އެހެންވީމަ މިވަގުތު އެއްބަޔަކު އަނެއް ބަޔަކާ ވާދަވެރިކަން އޮތުމުގެ ބަދަލުގައި އެކުވެރި ކަމާއެކު ކުރިއަން ނުކުންނަންވީ ވަގުތު، ފުޓްބޯޅައަށް ކޮންޓްރަބިއުޓް ކޮށްދެވޭނެ ހުރިހާ ބޭފުޅުން މިވަގުތު ފުޓްބޯޅަ އެސޯސިއޭޝަނާއެކު މަސައްކަތް ކުރަން އަންނަންވީ."