ހަބަރު

ހޯރަފުއްޓަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Sep 20, 2015

ހއ. ހޯރަފުއްޓަށް ނަގޫރޯޅިއެއް އަރައި އެރަށުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. 

އަވަސް އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ މެމްބަރު މުހައްމަދު ސަމީރު ވިދާޅުވީ ރޭގެ ވަގުތެއްގައި އެރި އެ ނަގޫރޯޅީގެ ސަބަބުން އެރަށުގެ ތިން ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި އޭގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ހުރި ރުއްތަކާއި ގަސްތައް ބިމުން ލުހެލާފައިވާ ކަމަށެވެ. އެގޮތުން ގެއްލުން ވި އެއް ގޭގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެގޭގައި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއްހެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. 

"އަނެއް ދެ ގޭގެ ފުރާޅުވެސް ކޮންމެވެސް ވަރަަކަށް އެއްލާލާފަ ހުރީ. ނަމަވެސް މާ ބޮޑަކަށް ނެތް. އެހާ ބޮޑު ގެއްލުމެއްވެސް ނެތް ވެފަ. ދެން އޭގެން ގެއެއްގެ އިންފާރުވެސް އޮތް ވެއްޓިފަ.،" ސަމީރު ވިދާޅުވިއެވެ. 

ސަމީރު ވިދާޅުވި ގޮތުގައި ގެއްލުން ވެފައިވަނީ ނަގޫރޯޅި އަރައިގެން އައި ހިސާބުތަކަށެވެ. އެގޮތުން އެރަށު ބަނދަރު ސަރަހައްދުން ދެ ގަހެއް ބިމުން ލުހިފައިވާ ކަމަށާއި ވަލު ސަރަހައްދުން ތިން ރުއް ބިމުން ލުއްސައިގެން ގޮސް އެއް ރުއް ފަޅައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"މިހާިދސާގައި އިރާދަކުރެއްވީތީ އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވޭ،" ސަމީރު ވިދާޅުވިއެވެ.