އޮފްބީޓް

ހޭވެރިކަން ވީއިރު އޮތީ ބޮޑީ ބޭގެއް ތެރޭ!

ޕެރަގުއޭގެ އަންހެނަކަށް އޭނާގެ ހަޔާތުގައި ވެސް ނުލިބޭ ވަރުގެ ޝޮކެއް ލިބިއްޖެ އެވެ. އެހާ ބޮޑު ޝޮކެއް އަންހެން މީހާއަށް ލިބުނީ ހޭވެރިކަން ވީއިރު، މަރުވީ ކަމަށް ނިންމައި ބޮޑީ ބޭގަކަށް ލާފައި އޮތީމަ އެވެ.

ގްލަޑީޒް ރޮޑްރިގޫޒް ޑުއާޓޭ މަރުވީކަމަށް ކަނޑައަޅައި އޭރު އޮތީ ޖަނާޒާގެ ކަންތައްތައް ކުރުމަށް ތައްޔާޜުވެފަ އެވެ. އޭނާގެ އާއިލާގެ މީހުންނަށް ވެސް އޭނާ މަރުވިކަން އޮތީ އަންގާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސެން ފާނަންޑޯ ކްލިނިކަށް މި އަންހެންމީހާ ދިޔައީ ލޭގެ ޕްރެޝަރު މާ ބޮޑަށް މައްޗަށް ދާކަމަށް ފެނިގެންނެވެ. މި މީހާގެ އުމުރަކީ 50 އަހަރު ކަމަށް ހޮސްޕިޓަލުގެ ރެކޯޑްތަކުން ދެއްކި ނަމަވެސް ލޯކަލް މީޑިއާ އިން ބުނެފައިވަނީ މި މީހާގެ އުމުރަކީ 46 އަހަރު ކަމަށެވެ.

އަންހެންމީހާ ކްލިނިކަށް ދިޔަތާ ދެ ގަޑިއިރު ތެރޭގައި އޭނާ މަރުވީ ކަމަށް ޑޮކްޓަރު ނިންމައި އޭނާގެ ފިރިމީހާ އަށާއި ދަރިފުޅަށް އެކަން އެންގި އެވެ. އަދި ކަށިކަމާކެމީގެ ކަންތައް ކުރާ ޕާލާ އަށް އޭނާގެ "ހަށިގަނޑު" ފޮނުވާލި އެވެ. ނަމަވެސް އެތަނަށް އެމީހާގެ ހަށިގަނޑު ވައްދަން އުޅުނު މީހުންނަށް ބޮޑީ ބޭގް ތެރެއިން އަންހެންމީހާ ތެޅޭލަން ފެނުނީ އެވެ.

ޕެރަގުއޭ ފުލުހުން ބުނަނީ ރޮޑްރިގޫޒް ޑުއާޓޭ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ހެނދުނު 9.30 ގައި ކަމަށާއި 11.20 ގައި އޭނާ މަރުވީ ކަމަށް ޑޮކްޓަރު ކަނޑައެޅި ކަމަށެވެ.

އޯވޭރިއަން ކެންސަރަށް ފަރުވާ ކުރަމުންދާ މި އަންހެންމީހާ ޖަނާޒާ ބާއްވާ ޕާލާ އަށް ވެއްދުމުން އެތަނުގައި ތިބި މުވައްޒަފުންނަށް އެމީހާ ދިރިހުރިކަން ޔަގީން ކުރެވުނީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑުއޭޓޭގެ ފިރިމީހާ ޕެރެގުއޭ ޓެލެވިޒަން ނެޓްވޯކަށް ދިން އިންޓަވިއު އެއްގައި ބުނީ އެ ވަގުތު އެ ކްލިނިކްގައި ޑިއުޓީގައި ހުރި ޑރ. ވެރާ އޭނާގެ އަންހެނުން މަރުވީ ކަމަށް ނިންމައި ހަށިގަނޑު ހަވާލުކުރީ އޮރިޔާން ހާލުގައި އޮއްވާ ކަމަށެވެ. އަދި ހަށީގަނޑާއެކު މަރުވިކަމުގެ ސެޓްފިކެޓް ވެސް ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. އަދި އަންހެނުން ޝޮކަށް ދިއުމުން ރަނގަޅު ކުރެވޭތޯ ވެސް އެއްވެސް މަސައްކަތެއް ޑޮކްޓަރު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެމެން އެ ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރަށް އިތުބާރު ކުރާތީ. ނަމަވެސް އެ ކްލިނިކުން އަންހެނުންގެ ގަޔަށް ގުޅާފައިވާ ހުރިހާ ހޮޅިތަކެއް ނައްޓާލައި އޭނާ މަރުވީ ކަމަށް ނިންމީ. އަދި ޖަނާޒާ ބާއްވާ ތަނަށް ހަށީގަނޑު ފޮނުވާލީ،" ފިރިހެންމީހާ ބުންޏެވެ.

އަންހެންމީހާ މަރުނުވާކަން އެނގުމުން ފިއުނެރަލް ޕާލާގައި ތިބި މީހުން އޭނާ ވަނީ ޕެރަގުއޭގެ ސޯޝަލް ވެލްފެއާ އިންސްޓިޓިއުޓް މެޑިކަލް ފެސިލިޓީޒް އަށް ފޮނުވާލާފަ އެވެ. އަދި އެތަނުގައި އަންހެންމީހާއަށް މިހާޜު ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލަތު ނޭނގޭ ކަމަށް ޕެރެގުއޭ މީޑިއާ އިން ބުނެފައި ވެއެވެ.