ސުޝްމީތާ ސެން

އެޑިސަންސް ޑިޒީޒަށް ފަރުވާ ހޯދާ ކަމަށް ސުޝްމިތާ ބުނެފި

މީގެ ހައެއްކަ އަހަރުއްސުރެ އެޑިސަންސް ޑިޒީޒް ކިޔާ އޮޓޯ އިމިއުން ޑިޒީޒް އަކާ ހަނގުރާމަ ކުރަމުންދާ ކަމަށް ސުޝްމިތާ ސެން ބުނެފި އެވެ. ނަމަވެސް މި ބަލީގައި ހަށިގަނޑު ބަލިކަށި ވިޔަ ނުދިނުމަށް ނަންޗާކޫ ކިޔާ މާޝަލް އާޓްސް ހަތިޔާރަކުން ތަފާތު ކަސްރަތު ސެޝަންތައް ބާއްވައިގެން ބަލި ކޮންޓްރޯލް ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫޓިއުބުގައި ޝެއާ ކުރި ވީޑިއޯއެއްގައި ސުޝްމިތާ ބުނި ގޮތުގައި ސެޕްޓެމްބަރު 2014 ގައި އޭނާގެ ހަށީގަނޑުގައި އެޑިސަންސް ޑިޒީޒް ހުރިކަން އެނގުނު އިރު ގައިގެ ހަކަތަ ވަނީ ވަރަށް ދަށްވެ މީހާ ހުރީ ވަރަށް ބަލިވެފަ އެވެ. މި ބަލި ޖެހުމުން މޫނާއި ގައިގެ ތަންތަން ކަޅުވާން ފަށަ އެވެ. އެގޮތުން ލޯ ކައިރި ތަންތަން ކަޅުވެފައި ވެސް ހަތަރު ވަރަކަށް އަހަރު ހުރި ކަމަށް ސުޝްމިތާ ބުންޏެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށް ކާން ޖެހޭ ވަރުގަދަ ބޭސްތަކުގެ ސައިޑް އިފެކްޓްސްތަކުގެ ސަބަބުން ވެސް އޭނާއަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށް ސުޝްމިތާ ބުންޏެވެ.

"ބައްޔަކާ ހަނގުރާމަ ކުރުމަށް ވުރެ މީހާ ވަރުބަލި ކޮށްލާނެ އެހެން އެއްވެސް ކަމެއް ނޯންނާނެ. އަހަރެން ހިތަށް އެރި ދެން މިގޮތަކަށް ނޫޅޭނަމޭ. އަހަރެން ހިތްވަރާއެކު މި ބައްޔާ ހަނގުރާމަ ކުރާނަމޭ. އެހެންވެ މާޝަލް އާޓްސްގެ ހަތިޔާރުން ކަސްރަތުކޮށް ހަށިގަނޑުގެ ބާޜު ގަދަ ކުރަން މަސައްކަތް ފެށީ،" ސުޝްމިތާ ބުންޏެވެ.

މި މާޝަލް އާޓްސް ފޯމް އަކީ ވެސް ހަށިގަނޑަށް ވަރަށް ބާރުކުރާ ކަސްރަތަކަށް ވާތީ އޭނާގެ ބަލީގެ ސަބަބުން ހަށިގަނޑުގައި ހުރި ވޭނާއި މި ކަސްރަތުން ލިބެމުންދިޔަ ވޭން އެކުވުމުން ހަށީގަނޑު ފަސޭ ހަވާން ފެށި ކަމަށް ސުޝްމިތާ ގަބޫލު ކުރެ އެވެ.

އެޑީސަންސް ޑިޒީޒްގައި އެންމެ ބޮޑަށް އެންޓިބޮޑީޒް ހަމަލަ ދެނީ އެ މީހެއްގެ ހަށިގަނޑުގައިވާ އެޑްރިނަލް ގްލޭންޑްސް ތަކަށެވެ. އެހާ ބޮޑަށް ވަރުބަލިވަނީ އެހެންވެ އެވެ. ނަމަވެސް މިހާރު އަމިއްލަ އަށް ކަސްރަތުކޮށްގެން ސުޝްމިތާ ވަނީ އޭނާގެ ހަށިގަނޑުގެ ވޭންތައް ކޮންޓްރޯލްކޮށްފަ އެވެ. އަދި މިހާޜު ސްޓެރޮއިޑް ވެސް ނުނަގާ ކަމަށާއި 2019 ފެށީގެން ބަލި ވެސް ކޮންޓްރޯލް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.