ރައީސް އަބްދުﷲ ޔާމީން

ކޮޅަށް ހުންނަވައިގެން ރައީސް ޔާމީނަށް ނަމާދެއް ނުކުރެއްވޭ

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށާއި ކޮޅަށް ހުންނަވައިގެން އެ މަނިކުފާނަށް މިހާރު ނަމާދު ވެސް ނުކުރެއްވޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

ރައީސް ޔާމީނަށް ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބުނާއިރު އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދު އާއިލާ އާއި އެމަނިކުފާނުގެ ގާނޫނީ ޓީމާއި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ސަރުކާރުން. ބުނަމުން ދަނީ ރައީސް ޔާމީންގެ ހާލުކޮޅު "ވަރަށް ރަނގަޅު" ކަމަށެވެ.

މިވަގުތު އިދިކޮޅު ދެ ޕާޓީ ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތް ކުރެއްވި ނަމަވެސް ރައީސް ޔާމީންގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށެވެ. އެމަނިކުފާނަށް މައިބަދައިގެ މައްސަލަތަކާއި ހިތުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާ އެކަންކަމާއި ގުޅިގެން އެމަނިކުފާނަށް ފަރުވާ ލިބެންޖެހޭ ކަމަށެވެ.

ރައީސް ޔާމީނަކީ ރައީސް ނަޝީދު ފަދައިން ދޮގު ވާހަކަތަކެއް ދައްކައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭ ގޮތުން ޕާޓީން ހާމަކުރަމުން ގެންދަނީ ހަގީގީ މައުލޫމާތު ކަމަށެވެ.

"އަޅުގަނޑު މިރޭވެސް ދަންނަވާލަން ބޭނުން ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅެއް ނޫން. އެމަނިކުފާނަށް މައިބަދައިގެ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވޭ، އަދި ހިތުގެ މައްސަލަތަކެއް ވެސް... ދަންނަވަންތޯ، އެމަނިކުފާނު މިއަދު ހުންނެވީ ކޮޅަށްހުރެ ނަމާދު ނުކުރެވޭ ހާލުކޮޅުގައި." އިދިކޮޅުގެ ވާހަކަތައް ގެނެސްދޭ "ޗެނަލް 13" ގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ހުކުމްކުރިތާ 174 ދުވަސްވެފައިވާއިރު، އެންމެ ފަހުން ބޭއްވި އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތްތަކުގައި ބަލި ހާލަތުގެ ވާހަކަތައް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓި އެއްމަސް ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން އޭރު ވިދާޅުވި އެވެ. އަދި އޭރު ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ބަންދުން ދޫވެ، ޝަރީއަތް ކުރިއަށް ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބާރަބަރަށް ޑޮކްޓަރަށް ދައްކަވަމުން ގެންދެވި ކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރަށް ނުދެއްކޭ ކަމަށެވެ. އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށެވެ.