ދީން

މައްސަރު ދުވަސްތަކުގައި ކުރެވޭނެ ހެޔޮ އަމަލުތައް

ރޯދަމަހުގެ އެންމެ ހާއްސަ ދުވަސްވަރަކީ ފަހުދިހައެކެވެ. އެއީ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެއްގައި ލައިލަތުލް ގަދުރި ވިލޭރޭ ލައްވާފައި ވާކަމަށްޓަކައެވެ. ފަހު ދިހައެއްގެ ރޭތަކުގައި އަޅުކަމުގައި އިތުރަށް ހީވާގިވުމަކީ ސުންނަތުން ސާބިތުވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެހެން ދުވަސްތަކަށްވުރެ ބޮޑަށް މި ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވެލައްވައެވެ. އަދި ކީރިތި ގުރުއާން ކިޔެވުންވެސް އިތުރު ކުރައްވައެވެ.

މި ހާއްސަ ދުވަސްތަކުގައި އަޅުކަން ކުރާނޭ ގޮތާއި، ރޭ އަޅުކަމާއި، ކިޔާނޭ ޒިކުރުތަކާއި، ކުރާނޭ ދުއާތަކާ ބެހޭގޮތުން ވަރަށް ގިނަ ފަރާތްތަކުން ސުވާލުކޮށް މައުލޫމާތު އެއްކުރެއެވެ. އެގޮތުން އުފެދޭ އެއްސުވާލަކީ މިދުވަސްތަކުގައި ހައިލުވެރީންނާއި ނިފާސްކަމުގެ ތެރޭގައިވާ ކަނބަލުންނަށް ކުރެވޭނެ ހެޔޮ އަމަލުތަކަކީ ކޮބައިތޯއެވެ؟

ހެޔޮކަމުގެ ދޮރުތައް ނުހަނު ގިނައެވެ. އަދި ހެޔޮ އަމަލު ކުރުމުގެ އެތައް ފުރުސަތުތަކެއް މާތް ﷲ ވަނީ އެއިލާހުގެ އަޅުތަކުންނަށް ފަހިކޮށްދެއްވާފައެވެ. ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގައި ހައިލުވެރިންނާ ނިފާސްވެރިންނަށް ކުރެވޭނޭ އެތައް އަޅުކަމެއް އެބަހުއްޓެވެ.

ހައްޖަތުލްވަދާއުގައި، ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނު އަނބިކަނބަލުން އާއިޝަތުގެފާނަށް މައްސަރު ކަންތައް ޖެހިވަޑައިގެންފައިވާތީ ކުރެވޭނޭ ހެޔޮ އަމަލުތައް ބަޔާންކޮށްދެއްވަމުން ހަދީސް ކުރެއްވިއެވެ. "ތަވާފު ކުރުން ފިޔަވައި، ކަމަނާ ހައްޖުވެރިން ކުރާ ހުރިހާ ކަމެއް ކުރަށްވާށެވެ!"

ހައްޖުވެރިންގެ ވަގުތުތަކަކީ ދުއާ ކުރުމާއި ޒިކުރު ކުރުމާއި ކީރިތި ގުރުއާން ކިޔެވުމުގައި ހޭދަކުރާ ވަގުތަކެކެވެ. އެހެންވީމާ، ނަމާދު ކުރުމާއި ތަވާފު ކުރުން ފިޔަވައި، އެހެން ހުރިހާ ހެޔޮ ކަމެއްގައި އެކަމަނާއަށް ބައިވެރިވެވަޑައިގެނެވޭނެ ކަމުގައި އެވަނީ އަންގަވާފައެވެ.

ހައިލުވެރިންނާއި ނިފާސްވެރިން ގުރްއާން ކިޔެވުން

ހައިލުވެރިންނާއި ނިފާސްވެރިން، ކީރިތި ޤުރްއާނުގައި ބީހުމަކީ ހުއްދަކަމެއް ނޫންކަމުގައި އިލްމުވެރިންގެ އިއްތިފާގު ވެލައްވައެވެ.

ނަމަވެސް، ހައިލުވެރިންނާ ނިފާސްވެރިން، ހަތިމުގައި އަތްލުމަކާ ނުލައި، އެއްޗެއް ބަލައިގެން ނުވަތަ ހިތުން ގުރްއާން ކިޔެވުމާމެދުގައި އިލްމުވެރިންގެ މެދުގައި ދެ ރައުޔެއްވެއެވެ. އޭގެ ތެރޭގައި ހުއްދަ ނުވާނޭކަމަށް ދެކެލައްވާ ބޭކަލުންނާއި ހުއްދަވާނޭ ކަމަށް ދެކެލައްވާ ބޭކަލުންވެސް އެބަތިއްބެވިއެވެ.

މި މައްސަލައިގައި ހައިލުވެރިންނާއި ނިފާސްވެރިން ގުރްއާން ކިޔެވުން ހުއްދަ ނުވާނޭކަމަށް ދެކެލައްވާ ބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަންނަވިނި ބަސްފުޅެވެ. އެކަލޭގެފާނުގެ ހަދީސްފުޅެއްގެ މާނައިގައިވެއެވެ. "ހައިލުވެރިޔާއާއި ޖުނުބުވެރިޔާ ގުރުއާނުން އެއްވެސް މިންވަރު ނުކިޔެވުން ހުއްޓެވެ." ނަމަވެސް މި ހަދީސްފުޅަކީ ސައްހަ ހަދީސެއް ނޫންކަމުގައި ހަދީސް އިލްމުވެރިން ވިދާޅުވެފައިވެއެވެ.

ހައިލުވެރިޔާއަށް ކީރިތި ގުރްއާން ކިޔެވުން ހުއްދަކަމުގައި ދެކެލައްވާ ބޭކަލުންގެ ތެރޭގައި އަލްއިމާމު އަހުމަދު ބުން ހަންބަލް އާއި ޝައިހުލް އިސްލާމް އިބްނު ތައިމިއްޔާ އާއި އައްޝައުކާނީ رحمهم الله ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. ހައްޖަތުލް ވަދާއުގެ ހާދިސާގައި އާއިޝާ رضي الله عنها އަށް ތަވާފު ކުރުން ފިޔަވައި ހައްޖުވެރިން ކުރާ ހުރިހާ އަމެލެއް ކުރުމުގެ ހުއްދަ ކީރިތި ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ ކަމަށްޓަކައި ގުރުއާންވެސް ކިޔެވޭނޭކަމުގައި މިބޭކަލުން ވިދާޅުވެއެވެ.

އަދި ހައިލުވެރިން ގުރައާން ކިޔެވުން މަނާ ކުރާ ސައްހަ ދަލީލެއް ނެތްކުމުގައާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އަސްހާބު ބޭކަނބަލުން ހައިލުގެ ތެރޭގައި ގުރްއާން ކިޔަވައި ވިދާޅުވެ ހައްދަވާނޭކަމަށާއި ނަމަވެސް އެކަން މަނާކުރައްވާފައި ވާކަން އެނގެން ނެތް ކަމުގައިވެސް މިބޭކަލުން ވިދާޅުވެއެވެ.

މިއާ ހިލާފަށް ޖުނުބުވެރިން ގުރުއާން ކިޔެވުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެނީ ޖުނުބުވެރިކަމުގެ ހާލަތުން އަރައިގަތުމަށްޓަކައި ހިނައިގަތުމަކީ އެކަން މެދުވެރިވެފައިވާ މީހާ ބޭނުންވެޖެހިނދެއްގައި ކުރެވިދާނޭ ކަމެއް ކަމުގައިވާތީއެވެ.

ލައިލަތުލް ގަދްރިވިލޭރޭގެ ހާއްސަ ދުއާ

ހައިލު ނިފާސްކަމުގެ ހާލަތުގައި ތިއްބަވާ ކަނބަލުންވެސް ލައިލަތުލް ގަދުރި ވިލޭރޭގެ ދަރުމަޔާއި ސަވާބު ހޯދަމަށް ޒިކުރުކޮށް އިސްތިގުފާރު ކުރުމަކީ ކުރެވިދާނޭކަމެކެވެ. އަދި ލައިލަތުލް ގަދުރި ވިލޭރެއާއި ބައްދަލުވެއްޖެނަމަ ކިޔުމަށް ކީރިތި ރަސޫލާ صلى الله عليه وسلم އުނގަންނައި ދެއްވި ދުއާ ގިނަ ގިނައިން ކިޔާހެދޭނެއެވެ. އެދުއާއަކީ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي އެވެ.

ހައިލުވެރިންނާއި ނިފާސްވެރިންނަށްވެސް ކުރެވިދާނޭ ހެޔޮކަން ނުހަނު ގިނައެވެ. އޭގެ ތެރޭގައި، އާއިލީ ގުޅުން ބަދަހިކުރުމަށް ފޯނުކޮށް ހާލު ބެލުމާއި، މައިންބަފައިންނަށް ހެޔޮ ކޮށް ހިތުމާއި ފިރިމީހާއަށް ކިޔަމަން ގަތުމާއި، ފިރިމީހާއާއި ދަރީންވެސް އަޅުކަމަށް ނެގުމާއި، އެކަންކަމުގައި ވާގިވެރިވުން ހިމެނެއެވެ. މިއިން ކޮންމެ ކަމަކީވެސް އެކަނބަލުންނަށް ދަރުމައާއި ސަވާބު ހޯދޭނެ ކަންކަމެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ