ބޮލީވުޑް

ދީޕިކާ އާއި އަމްރިތާ ރާއޯ އާއިލީ ގޮތުން ގުޅިފައި

ބޮލީވުޑްގެ އެންމެ ރީތި ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ޕަދުކޯން އާއި އަމްރިތާ ރާއޯއަކީ އާއިލީ ގޮތުން ގުޅިފައިވާ ދެ ބަތަލާއިންނެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ނޭނގި އޮތް ކަމެއް ނަމަވެސް ހަގީގަތުގައި މި ދެ ބަތަލާއިން އާއިލީ ގޮތުން ގުޅުނީ މިދިޔަ އަހަރު އެވެ. އެއީ ދީޕިކާގެ ދެބެންގެ ދެ ދަރި ކުއްޖަކާއި އަމްރިތާގެ ދެބެންގެ ދެ ދަރި ކުއްޖަކު ކައިވެނި ކުރީމަ އެވެ.

މި ކައިވެނި ކޮށްފައިވަނީ ދީޕިކާ އާއި ރަންވީރު ސިންގް ކައިވެނި ކުރުމުގެ ދުވަސްކޮޅެއް ކުރިންނެވެ.

މުމްބައިގައި އޮތް އަމްރިތާގެ ދެބެންގެ ދެ ދަރި ކޮއްކޮގެ ކައިވެނީގެ ހަފުލާގައި ދީޕިކާ އާއި ރަންވީރު ބައިވެރިވި އެވެ. އަދި އަމްރިތާ އާއި ފިރިމީހާ އާރްޖޭ އަންމޯލް ވެސް ބައިވެރިވި އެވެ. މި އެންމެން އެކުގައި ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑީއާގައި ވަނީ ދައުރުވެފަ އެވެ.

"ވިވާ" އާއި "މައި ހޫން ނާ" ފަދަ ފިލްމުތަކުން ވިދާލި އަމްރިތާ މި ފަހަކަށް އައިސް ފިލްމުތަކުގައި ބައިވެރިއެއް ނުވެ އެވެ. ޚާއްސަކޮށް ކައިވެނީގެ ފަހުން އަމްރިތާ މާ ގިނަ ފިލްމުތަކެއް ނުކުޅޭކަން ފާހަގަ ކުރެވެ އެވެ.

"އިޝްގް ވިޝްގް" އިން ބޮލީވުޑަށް ތައާރަފްވި އަމްރިތާ ބުނެފައިވަނީ ހިތްހަމަ ނުޖެހޭ ކަންތައްތައް ހުރުމުގެ ސަބަބުން ބޮޑެތި ފިލްމުތަކެއް ދޫކޮށްލަން މަޖްބޫރު ވެގެން ދޫކޮށްލި ކަމަށެވެ.

ފިލްމުތަކުގެ ތެރެއިން އަމްރިތާ ވަނީ މިއުޒިކް ޓީވީ ޝޯ "މޭރީ އާވާޒް ހީ ޕެހެޗާން ހޭ" ގައި ވެސް ލީޑް ރޯލު އަދާ ކޮށްފަ އެވެ.