އީވާ އަބްދުﷲ

އީވާ އެދެނީ މެންބަރުންނާ އެއްވަރުގެ މުސާރައެއް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އަށް، މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އެ ކަމަނާ އެދިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިތުރު ތިން މަސް ދުވަހަށް ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެކަމާއި ގުޅިގެން މިވަގުތު އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާނީ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ އަށެވެ.

މަޖިލީހުގެ އިދާރާއިން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އަށް، މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އެ ކަމަނާ އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން އެ ގޮތަށް އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވަނީ 20،001 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް އުނިކުރުމަށެވެ. 3،0001 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،001 ރުފިޔާއިން ފެށިގެން މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނި ކުރުމަށެވެ.

މި ގޮތުން މަޖިލީހުގެ މެންބަރަކަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 42،000 ރުފިޔާ އެވެ. މެންބަރުންގެ މުސާރައިން 30 ޕަސެންޓް އުނިވާނެ އެވެ. އެހެންކަމުން މެންބަރުންގެ މުސާރައިން 12،600 ރުފިޔާ އުނިވާނެ އެވެ.

މި ގޮތަށް ޕަސެންޓޭޖަކުން އުނިކުރާނަމަ، ޝަރުއީ ކޯޓުތަކުގެ މަތީ ރޭންކްތަކުގެ ފަނޑިޔާރުންނަށް ވުރެ ދަށް ރޭންކްގެ ބައެއް ފަނޑިޔާރުންނާއި ގާޒީންގެ މުސާރަ މަތިވެ އެވެ. އެހެންކަމުން ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ގާޒީންގެ މުސާރައިން ޕަސެންޓޭޖެއްގެ ބަދަލުގައި ވަކި އަދަދުތަކެއް އުނިކުރަން ކޮމިޓީން ނިންމި އެވެ.

އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 7،100 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،300 ރުފިޔާ އުނިކުރުމަށެވެ. ޑްރަގް ކޯޓުގެ އިސް ގާޒީގެ މުސާރައިން 8،600 ރުފިޔާ އަދި އެހެން ގާޒީންގެ މުސާރައިން 7،800 ރުފިޔާ އުނިިކުރުމަށެވެ.

ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 6،950 ރުފިޔާ އަދި އެ ދެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،159 ރުފިޔާ އުނިކުރުމަށެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މުސާރައިން 6،950 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،650 ރުފިޔާ އުނިކުރުމަށެވެ.

ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 4،500 ރުފިޔާ އަދި ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 2،150 ރުފިޔާ އުނިކުރަން ކޮމިޓީން ފާސްކުރި އެވެ. ކޮމިޓީން ނިންމާފައި ވަނީ އެހެން މެޖިސްޓްރޭޓުން މުސާރައިން އެއްވެސް އަދަދެއް އުނިނުކުރުމަށެވެ.

މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ ތެރެއިން 20،000 ރުފިޔާއަށް ވުރެ މަތީ މުސާާރަތައް ކަނޑައެޅިފައިވާ މަގާމުތަކުގެ މުސާރަތައް ކުޑައިރު، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވެސް 20،000 އަށް ވުރެ މަތީ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފަ އެވެ.