ދީން

ރޯދަ ނިމުނަސް އަޅުކަމުގައި ހިފަހައްޓާތި

މިއަހަރުގެ ބަރަކާތްތެރި ރޯދަ މަސް ވަކިވެގެން ދަނީ އެވެ. ރަހުމާއި ބަރަކާތުން ފުރިގެންވާ މައްސަރުގެ ހެޔޮ ދަރުމަ ހޯދަން ވަރަށް ގިނަ ބަޔަކު ގަދައަޅައި މަސައްކަތްކުރި އެވެ. ފަރުލު އަޅުކަންތަކާއި ސުންނަތްތަކަށް ހާއްސަ އިސްކަމެއް ދެވުނެވެ. ކީރިތި ގުރުއާން ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެވުނެވެ. ލުހާ ނަމާދާއި، ތަރާވީހު ނަމާދު އަދި ދަމު ނަމާދު ކުރެވުނެވެ.

ނަމަވެސް ރޯދަ މަސް ނިމުމާއެކު ވަރަށް ގިނަ ބަޔަކަށް އަޅުކަމާއި ދުރުވެވެ އެވެ. ގުރުއާން ކިޔެވުން މުޅިންހެން ހުއްޓާލެވެ އެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. ހަޔާތުގެ ކާމިޔާބަކީ އަބަދުވެސް ތިމާއާއި ތިމާ ހެއްދެވި ފަރާތާއި އޮންނަން ޖެހޭ ހާއްސަ ގުޅުން އޮތުމެވެ. އެ ގުޅުން ދެމި އޮތްކަމުގެ ހެއްކަކީ ތިމާގެ ކިބާގައި ދީންވެރިކަން ހުރި މިންވަރެވެ.

ރޯދަ މަސް ނިމުނު ނަމަވެސް ހެޔޮ ކަމުގެ މޫސުން ނިމިގެން ދިޔައީއެއް ނޫނެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ކޮންމެ ދުވަހަކު، ކޮންމެ ހަފުތާއަކު އަދި ކޮންމެ މަހަކާއި ކޮންމެ އަހަރަކު ކުރުމަށް ހާއްސަ އަޅުކަންތައް ވެއެވެ. ފަރުލު ފަސް ނަމާދު ކުރުމަކީ ތިމާގެ މައްޗަށް އޮތް އެންމެ އިސް ވާޖިބެވެ. ވީ މިންވަރަކުން ސުންނަތް ނަމާދުތައް ކުރަން އިސްކަންދޭން ޖެހެ އެވެ. މީގެ އިތުރުންވެސް ދަރުމައާއި ސަވާބު އެދިގެން ކުރެވޭ ކޮންމެ ހެޔޮ ކަމަކީ މާތްﷲ ގެ އިރާދަފުޅުން ދަރުމައާއި ސަވާބު ލިބޭނެ ކަންކަމެވެ.

ސުންނަތް ރޯދަ ހިފުން

ރޯދަ މަސް ނިމިގެން ދިޔަ ނަމަވެސް އަހަރުގެ ތެރޭގައި ސުންނަތް ރޯދައަށް ހާއްސަ ދުވަސްތަކެއް ވެއެވެ. ސުންނަތް ރޯދަ ހިފުމަކީ ވަރަށް މަތިވެރި ދަރުމައަކާއި ސަވާބެއް ތިމާއަށް ލިބޭނެ އަމަލެކެވެ. އެގޮތުން ރޯދަ މަހުގެ ރޯދަތައް ހިފާ ފުރިހަމަ ކުރުމަށްފަހު ޝައްވާލުމަހުގެ ހަރޯދަ ހިފައި މީހަކަށް މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ދަރުމަ ލިބޭނެ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ހަދީސް ކުރައްވާފައި ވެއެވެ.

ސުންތް ރޯދަތަކުގެ ތެރޭގައި ކޮންމެ ހަފުތާއަކު ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެވެ. އަދި ހަނދު ފުރިހަމަވާ ތިން ދުވަހަކީ ވެސް ރޯދަ ހިފުމަށް ހާއްސަ ދުވަސްތަކެކެވެ. އެއީ 13، 14، 15 މި ތިން ދުވަހެވެ. ކޮންމެ މަހެއްގެ ވެސް ހަނދު ފުރިހަމަވާ ތިން ދުވަހު ރޯދަ ހިފުމަކީ ވެސް ގަދަ ވެގެންވާ ސުންނަތެވެ.

ހައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި، އާޝޫރާ ދުވަހަކީ ވެސް ރޯދަ ހިފުން މުހިންމު ދުވަސްތަކެކެވެ. ވީމާ ރޯދަމަސް ނިމިގެންދިޔަ ނަމަވެސް ރޯދަ ހިފުމާއި މުޅިން ދުރުވެނުގަންނާށެވެ. ނަފްސުގެ ތާހިރު ކަމަށްޓަކައި އިސްވެ ބަޔާންވެދިޔަ ދުވަސްތަކުގައި ރޯދަ ހިފުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ.

ކީރިތި ގުރުއާން ކިޔެވުން

ރޯދަ މަހަކީ ގުރުއާންގެ މައްސަރެވެ. ކީރިތި ގުރުއާން ބާވައިލަންވަން ފެއްޓެވީ ރޯދަ މަހުގަ އެވެ. އެކަން ކީރިތި ގުރުއާނުގައި މާތްﷲ އަންގަވާފައި ވެއެވެ. އެހެން ކަމުން ރޯދަ މަހު ކުރުން އެންމެ މޮޅު އިތުރު ވެގެންވާ އެއް އަޅުކަމަކީ ކީރިތި ގުރުއާން ކިޔެވުމެވެ.

ރޯދަ މަހުގައި ގުރުއާން ކިޔެވުމަށް ވަރަށް ގިނަ މީހުން ގަދައަޅާ މަސައްކަތް ކުރޭވެސް މެއެވެ. ކޮންމެ ނަމާދަކަށް ފަހު ގުރުއާނުން ކޮންމެވެސް މިންވަރެއް ކިޔެވޭތޯ މަސައްކަތް ކުރެއެވެ. ބައެއް މީހުން ހަފުތާއަކު އެއް ފަހަރު އަނެއްބައި މީހުން މަހުގެ ތެރޭގައި ދެ ފަހަރު ނަމަވެސް ހަތިމެއް ކުރެވޭތޯ ބަލައެވެ.

ރޯދަ މަސް ނިމިގެން ދިޔަ ނަމަވެސް ގުރުއާނާ ތިމާއާ އޮތް ގުޅުން ހީނަރުވި ނުދޭށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަސްހާބު ބޭކަލުން ގުރްއާން ކިޔަވާ ވިދާޅުވާ އަޑު އެއްސެވުމަށް ލޯބި ކުރައްވާ ކަމުގައި ވެސް ރިވާވެގެން ވެއެވެ. އަދި އެފަދައިން ގުރްއާން އަޑު އައްސަވާ ހިނދު، ހަނުހުނެވުމާއި، އެ ބަސްފުޅުތަކުގެ އަޑު އިވިވަޑައިގަތުމުން އިތުރު އެކަލޭގެފާނުގެ ދެ ލޯފުޅުން އޮހޮރެމުން ދާ ކަރުނަ ކޯތާފަތްޕުޅު މައްޗަށް ފައިބާ ކަމުގައި ވެސް ވެއެވެ.

ވީމާ އީމާންތެރިކަން ހަރުދަނާ ކުރުމުގައި ގުރުއާންގެ ދައުރު ވަރަށް މުހިންމެވެ. ރޯދަ މަހު ހޭދަ ކުރާހާ ގިނަ ވަގުތު ހޭދަ ނުކުރެވުނު ނަމަވެސް ކީރިތި ގުރުއާން ކިޔެވުމަށް ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހޭދަ ކުރަންވާނެ އެވެ.

އަދި ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމަށް ހާއްސަ އިސްކަމެއް ދޭށެވެ. އެފަދައިން އަމަލުކުރާ މީހަކަށް މާތްﷲ ނޫރެއް ލައްވާނެ ކަމަށް ހަދީސްފުޅުގައި އެވެ. އަދި ކޮންމެ ރެއަކުވެސް ސޫރަތުލް މުލްކް ކިޔެވުމުގައި ދެމިތިބޭ ބަޔަކުގައިވާށެވެ.

ދަމު ނަމާދު ކުރުމާއި، ލުހާ ނަމާދު ކުރުން

ރޯދަ މަހުގައި، ވަކިން ހާއްސަކޮށް ރޯދަ މަހުގެ ފަހު ދިހައެއްގައި ދަމު ނަމާދު ކުރުމަށް ވެސް ގިނަ ބަޔަކު ހާއްސަ އިސްކަމެއް ދެއެވެ. އަދި ލުހާ ނަމާދު ކުރުމަށް ވެސް ހާއްސަ އިސްކަމެއްދޭތީ ފެނެއެވެ.

މިއީ ސުންނަތްކަން ވަރަށް ގަދަ ދެ ނަމާދެވެ. މާތް ނަބިއްޔާ އެކަލޭގެފާނުގެ ހެޔޮ ހަޔާތްޕުޅުގައި އެ ދެ ނަމާދު ކުރުމަށް ވަރަށް އިސްކަން ދެއްވި އެވެ. އެއީ ހަމައެކަނި ރޯދަ މަހަށް ހާއްސަ ކޮށްގެންނެއް ނޫނެވެ.

ކީރިތި ރަސޫލާ، އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ރޯދަ މަހު މިސްކިތުގައި ދަމު ނަމާދު ކުރެއްވީ ތިން ރެއެއްގަ އެވެ. ހަތަރު ވަނަ ރޭ އެކަލޭގެފާނު މިސްކިތްކޮޅަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އޭގެ ފަހުން ނަމާދު ކުރެއްވީ ގެކޮޅުގަ އެވެ.

ވީމާ ރޯދަ މަސް ނިމިގެން ދިޔަ ނަމަވެސް ދަމު ނަމާދު ކުރުމަށާއި ލުހާ ނަމާދު ކުރުމަށް ހާއްސަ އިސްކަމެއް ދޭށެވެ.

ރޯދަމަސް ނިމި ދިޔައެއް ކަމަކު ޒިކުރު ކުރުމާއި، އިސްތިޣުފާރު ކުރުމުގެ މަތީގައި ދެމި ހުންނާށެވެ. އެއީ ތިމާގެ ހަޔާތް އުފާވެރިކޮށްދީ، ބާޖަވެރި ކޮށްދޭނެ ކަމެކެވެ. އަދި ދީނުގެ މަތީގައި ދެމި ހުރުމަށް ވާގިވެރިވެދޭ ކަމެކެވެ.

ހެޔޮ އަމަލު ކުރުން މަތީ ދެމިހުރެވޭތޯ ބަލާށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސްފުޅެއްގެ މާނައިގައި ވެއެވެ: "މާތް ﷲ ގެ ހަޒުރަތުގައި އެންމެ ހެޔޮކަން ބޮޑު އަމަލަކީ، އެކަމަކީ ކިތަންމެ މަދު ކަމެއް ކަމުގައިވިޔަސް، އެއަމަލު ކުރުން މަތީ ދެމިހުންނަށް އަމަލުތަކެވެ."

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ