ބައްސާމް އަދީލް ޖަލީލް

ޓީމުތަކުގެ ކަންބޮޑުވުން އެހީ ބައްސާމް އެކަނި: ޑޭވް

އެފްއޭއެމަށް އައި ލީޑާޝިޕްތަކުގެ ތެރެއިން ކުލަބުތަކުގެ ކަންބޮޑުވުން އަޑު އެއްސެއްވި ހަމައެކަނި ރައީސަކީ، މީހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) ވިދާޅު ވެއްޖެ އެވެ.

އޭނާ ބުނީ އެފްއޭއެމްގެ ތާރީހުގައި ފެނުނު އެންމެ ހިންގުންތެރި، ކުލަބުތަކަށް އެންމެ ބޮޑަށް އެހީވި ރައީސަކީ ބައްސާމް ކަމަށެވެ.

ކުރީގެ ސްޕޯޓްސް ކޮމިޝަނާ ވިދާޅުވީ، މީގެ ކުރިން ވެސް ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ނަމަވެސް ކުލަބުތަކަށް ލިބެންވީ ހައްގު މިންވަރު ފޯރުކޮށް ދިން ލީޑާޝިޕެއް ބައްސާމްގެ ލީޑާޝިޕް ނުނީ ނެތް ކަމަށެވެ.

"ބައްސާމް ވައުދު ފުއްދަވާ ކަމަށް ވާނަމަ ބައްސާމް ނޫން ރައީސެއް ބޭނުމެއް ނުވޭ، އެފްއޭ ރަނގަޅު ވެއްޖެއްޔާ ރަނގަޅު ވާނީ ކޮން ބަޔަކަށްތޯ، ކުލަބުތަކަށް، ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުލަބަކުން މި ބުނަނީ ބައްސާމް ހުރެދޭށޭ،" ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ބައްސާމްގެ ނައިބު ރައީސްގެ ގޮތުގައި އިންތިހާބަށް ވާދަ ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

"އޭގެ މާނައަކީ ކުލަބުތަކުން ބޭނުންވާ ކަންކަން ކޮށްދެނީ ބައްސާމް ކަމަށް ވެއްޖެއްޔާމުން އަޅުގަނޑުމެން ސަޕޯޓް ކުރާނީ ބައްސާމަށް، އަދި މިހާތަނަށް އެކަން ކޮށްދެއްވީ ބައްސާމް."

މިދިޔަ އަހަރު އޮކްޓޯބަރު މަހު، ނަޝީދު ވިދާޅުވެފައި ވަނީ، ޓީސީގެ ދަރަނި އަދާ ނުކުރެވޭނަމަ، ސީޒަނަށް ފަހު ފުޓްބޯޅަ ޓީމު އުވާލާނެ ކަމަށެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އޭރު ވާހަކަ ދައްކަމުން އޭނާ ވިދާޅުވެފައި ވަނީ ޓީސީ ދަރަނިވެރިވެގެން ގޮސް ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެގެން ދާން މަންޒަރު ބަލަން ކެތް ނުވާނެ ކަމަށާއި އެ ހާލަތަށް ދިއުމުގެ ކުރިން، ޓީމުގެ ހުރި ދަރަނިތައް އަދާ ކުރުމަށް ފަހު އުވާލާނެ ކަމަށެވެ.

މާލީ ދަތިކަން ކުރިމަތިވެ ޓީސީގެ ފުޓްބޯޅަ ޓީމު އުވާލަން ޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ހާލަތަށް ނުވެއްޓި ދެމި އޮވެވުނީ ބައްސާމް އިސްވެ އެފްއޭއެމު މެދުވެރިކޮށް ދިން އެހީތެރި ކަމުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެފްއޭއެމުން ގެނެސްދޭން ފަށާފައިވާ، ފުޓްބޯޅަ ޓޯކް ޝޯގެ، ރޭ ގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވީ، ޓީމުގެ ހާލަތު އަދި މުޅިން ހަމަޔަކަށް ނޭޅުނު ނަމަވެސް ވެއްޓެން އުޅުނު އަނދަވަޅުން ސަލާމަތް ކުރެވުނީ ބައްސާމް ޓީސީގެ އަތުގައި ހިފުމުން ކަމަށެވެ.

"2018 ނިމުނު ފަހުން މިހާރު އަޅުގަނޑުމެން ސަވައިވް ވެވުނީ ހަމައެކަނި އެފްއޭގެ ތެރެއިން ބައްސާމް އެ ވައުދުވި ގޮތަށް ބައްސާމް އެކަން ކޮށްދެމުން މިހާރު އަންނާތީ، ސަރުކާރުން ވެސް ކުއްފުންޏަކުން ވެސް އެހީތެރި ކަމެއް ނުލިބޭ، އެހީތެރިވީ ބައްސާމް."

އެ ޕްރޮގްރާމްގައި ވާހަކަ ދެއްކެވި، މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދު، ވިދާޅުވީ މިދިޔަ ސީޒަންގައި ކުޅުންތެރިން ދަނޑަށް ހާޒިރު ނުވެ ތިން ހަތަރު މެޗު ނުކުޅެ ދޫވެގެން ދިޔަ ކުލަބުތަކަށް އެހެން ދިމާވީ އެ ކުލަބުތަކުގެ މެނޭޖުމެންޓުން މަސައްކަތް ނުކުރުމުން ކަމަށެވެ.

"އަޅުގަނޑަކަށް ނޭންގެ އެ ކުލަބުތަކަކަށް އެކަން އެހެން ދިމާވީ ސީދާ ކީއްވެގެން ކަމެއް، މިއީ އެ ކުލަބުތަކުގެ މެނޭޖުމެންޓަށް ބުނާ ދެރަ ބަހެއްވެސް ނޫން،" ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެނޭޖުމެންޓަށް އިޝާރާތްކޮށް ވާހީދު ވާހަކަ ދެއްކެވި އެވެ. "އެއް ޓީމެއް މެޗަށް ނައިސް ހަތަރެއް ނުވަތަ ހަ މެޗު ކެންސަލްވެގެން ދިއުމުން އަޅުގަނޑަށް ހީވަނީ ކޮންމެވެސް ކަހަލަ މައްސަލައެއް ކުލަބުގައި އުޅެނީހެން."

އަންނަ ސީޒަނަށް ޓީސީ ތައްޔާރު ވުމާ ބެހޭގޮތުން ނަޝީދު ވިދާޅުވީ މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން އަންނަ ސީޒަނަށް ވިސްނުން ހުރީ އެފްއޭއެމުން ދޭ މާލީ އެހީއަށް ފެތޭވަރުގެ ޓީމެއް ހަދައިގެން ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމަށް މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެބޮޑު އިސްކަމެއް ދެނީ ބައްސާމްގެ ވައުދު ވެފައިވާ އެހީތެރި ކަމުގެ ތެރެއަށް ފެތޭވަރުގެ ޓީމު ހަދަން "ނަޝީދު ވާހަކަ ދެއްކިވި އެވެ. "އަޅުގަނޑުމެންނަށް ސަވައިވް ވަންދެން އަޅުގަނޑުމެން މި ވިސްނަނީ ޓީސީ ފަށައިގެން އައިރު އޮތް ވަރުގެ އެވަރެޖު ޓީމެއް ކަންނޭންގެ ޓީސީގައި ދެން އޮންނާނީ."