ދުނިޔެ

ނޭޕާލުން ދީނާއި ސިޔާސަތު ވަކިކޮށްފި

Sep 20, 2015

ހިންދޫ މޮނާކީ އެއްގެ ގޮތުގައި އޮތް ނޭޕާލް ސެކިއުލާ ޑިމޮކްރަސީ އަކަށް ބަދަލު ކޮއްފައި މި ވަނީ އާ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ މެދު ނުރުހުން ފާޅުކޮށް ވަރުގަދަ މުޒާހަރާތަކެއް އެގައުމުގައި ހިނގަމުން ދަނިކޮށެވެ.

އަށާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލްގެ ތާރީހުގައި، އިންތިހާބު ކޮއްފައިވާ މަންދޫބުން ތަކެއް އެކުލަވާލި މިއީ ފުރަތަމަ ގާނޫނު އަސާސީ އެވެ.

އާންމުންގެ މެދުގައި އެންމެ ބޮޑަށް ހިޔާލު ތަފާތު ވެފައި ވަނީ ގައުމު ހަތް ބަޔަށް ބަހާލައިގެން ހިންގާ ގޮތަށް އޮންނަ މާއްދާއަށެވެ. މި ބަދަލަށް ނޭޕާލުގެ ގިނަ ބަޔަކު ތާއީދު ކުރިޔަސް މުޒާހަރާ ކުރާ މީހުން ބުނަނީ މިހެން ހެދުމުން އަބާދީ މަދު ބައެއް ހިސާބުތަކުގެ އަޑު ކެނޑިގެން ދާނެއެވެ. އަދި އެފަރާތްތަކުގެ ހައްގުތަކަށް މަސައްކަތް ކުރުން ވަޅުޖެހިގެން ހިނގައިދާނެއެވެ. އާ ގާނޫނު އަސާސީ އާ ދެކޮޅަށް ހިނގަމުންދާ ހަމަ ނުޖެހުން ތަކުގައި މިހާ ތަނަށް ސާޅީހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމަކީ އެ ގައުމުގައި ފަށާފައިވާ ސުލްހައިގެ މަސައްކަތުގެ އެންފެ ފަހު މަރުހަލާއެވެ. ސުލްހައިގެ މި މަސައްކަތް ފެށުނީ 2006 ވަނަ އަހަރު މާއޮއިސްޓުން ހަތިޔާރު ބަހައްޓައި ސިޔާސީ މައިދާނަށް ނުކުތުމުންނެވެ. އެތައް އަހަރަކަށް ދެމިގެން ދިޔަ ދާހިލީ ހަނގުރާމަ އެ އަހަރު ނިމި، އޭގެ ދެ އަހަރު ފަހުން އެގައުމުގެ ޒަމާންވީ ރަސްކަން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.