އީދު ފާހަގަ ކުރުން

އީދުގައި އުފާ ފާޅު ކުރަން ޖެހޭނެ!

އީދުގެ އުފާ ފާޅު ކުރުމާއި، އީދަށް ޒީނަތްތެރިވުމާއި، ތަހުނިޔާ ކިޔައި ހެދުމަކީ އިސްލާމް ދީނުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ދެ އީދު ދެ ދުވަހަކީ މުސްލިމުން އުފާ ފާޅުކުރުމުގެ ދުވަސްތަކެކެވެ.

ކޮންމެ ބައެއްގެ ތެރޭގައި ވެސް އެބައިމީހުންގެ އީދުތައް އޮންނަ ފަދައިން މުސްލިމުންގެ ދެ އީދަކީ ފިތުރު އީދާއި އަލުހާ އީދެވެ. އީދުގެ އަދަބުތައް ވެސްވަނީ މި މާތް ދީނުގައި ބަޔާން ކޮށްދެއްވާފަ އެވެ.

ހިނައިގަތުމާއި ޒީނަތްތެރިވުން

އީދު ނަމާދަށް ދިޔުމަށްޓަކައި ހިނައިގަތުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އަސްހާބު ބޭކަލުން މި ސުންނަތަށް ތަބާވެވަޑައިގެންނެވިކަން ހާމަވެ އެވެ. އަބްދުﷲ ބުނު އުމަރު رضي الله عنهما އީދު ނަމާދަށް ނުކުމެވަޑައިގަތުމުގެ ކުރީގައި ހިނައިގަންނަވާ ކަމުގައި ރިވާވެގެން ވެއެވެ.

އަދި ތިމާގެ އަތުގައި އޮތް އެންމެ ރީތި ހެދުމެއްލުމަކީ ވެސް އީދުގެ އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އިބްނު ހުޒައިމާ އެކަލޭގެފާނުގެ ސަހީހުގައި ރިވާ ކުރައްވާފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޢީދު ދުވަހާއި ހުކުރު ދުވަހު ތުރުކުރައްވާ ޖުއްބާކޮޅެއް އޮވެ އެވެ.

އީދު ނަމާދަށް ދާން ނުކުތުމުގެ ކުރިން ކެއުން

ފިތުރު އީދާއި އަލުހާ އީދުގެ ތަފާތަކީ، ފިތުރު އީދުގައި އީދު ނަމާދަށް ދާން ނުކުތުމުގެ ކުރިން ކީރިތި ރަސޫލާ صلى الله عليه وسلم ފަރީއްކުޅުވާތީ އެވެ. އަދި އަލުހާ އީދުގައި އެކަލޭގެފާނު ފަރިއްކުޅު ވަނީ އީދު ނަމާދުން އެނބުރި ވަޑައިގެންނެވުމަށް ފަހުގަ އެވެ.

ފިތުރު އީދުގައި އީދު ނަމާދަށް ދިމުގެ ކުރިން ކެއުމުގެ ހިކްމަތާމެދު އިލްމުވެރިން ވިދާޅުވެފައި ވެއެވެ. ފިތުރު އީދަކީ ރޯދައިގެ އަޅުކަން ނިމުމާ ވިދިގެން އަންނަ އީދަކަށް ވެފައި، އެދުވަހަކީ ރޯދަ ހިފުން ހަރާމް ދުވަހަކަށް ވާތީ، އެދުވަހު ރޯދައަށް ނުހުންނަކަން އިއުލާނު ކުރެވޭ އިއުލާނު ކުރުމެކެވެ.

ތަކްބީރު ކިޔުން

ތަކްބީރު ކިޔުމަކީ އީދުގެ ސުންނަތްތަކުގެ ތެރެއިން ހިމެނޭ ވަރަށް މުހިންމު ކަމެކެވެ.

މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. "وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ" (البقرة 185) މާނައީ: "(މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަ ބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދު ފުރިހަމަ ކުރުމަށްޓަކަ އެވެ. އަދި ތިޔަބައި މީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރުކިޔައި އުޅުމަށްޓަކަ އެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް ޝުކުރުވެރި ވުމަށްޓަކަ އެވެ."

ތަކުބީރު ކިޔުމުގައި އަލުހާ އީދަށްވުރެ ބޮޑަށް ފިތުރު އީދުގައި ތަކުބީރު ކިޔުއްވާކަމުގައި ވެސް ރިވާ ވެގެންވެ އެވެ. ތަކުބީރު ކިޔުމުގެ ވަގުތަކީ އީދުގެ ހަނދު ފެނުނީންސުރެ އީދު ނަމާދު ކުރުމާ ހަމައަށެވެ.

ތަހުނިޔާ ކިޔުން

އީދުގެ އަދަބުތަކުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް އީދުގެ ތަހުނިޔާ ކިޔުން ހިމެނެ އެވެ.

އީދުގެ ތަހުނިޔާގެ ގޮތުގައި މިފަދަ އިބާރާތެއް ކިއިދާނެ އެވެ. تقبل الله منا ومنكم މާނައީ: "އަހަރުމެންނާއި ތިޔަބައިމީހުންގެ (ހެޔޮ އަމަލުތައް) މާތް ﷲ ގަބޫލު ކުރައްވާށި!" އެވެ.

މާދަމާ އީދާ ބައްދަލު ކުރާއިރު މި އަދަބުތަކުގައި ހިފާށެވެ. އަދި ދީނުގެ ހުދޫދުތަކުގެ ތެރޭގައި އީދުގެ އުފާފާޅު ކުރާށެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ