ވިޔަފާރި

ކައުންސިލްތަކުން ހިލޭ އެހީދެނީ ގާނޫނާ ހިލާފަށް: ފިނޭންސް

May 23, 2020
5

ކައުންސިލްތަކުގެ ބަޖެޓުން ހިލޭ އެހީ ދެމުންގެންދަނީ ގާނޫނާ ހިލާފަށް ކަމަށާ، އެ ފަދަ ކަންކަން ނުކުރަން ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީ އިން ލަފާދީފި އެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީގެ ޗެއާމަން އަހުމަދު ޝަރީފް ސޮއިކުރައްވައި ނެރެފައިވާ ލަފާގައިވާ ގޮތުން ފަހަކަށް އައި އެކި ކަންކަމާ ގުޅިގެން ލޯކަލް ކައުންސިލް ތަކުން އެ ކައުންސިލް ތަކަށް ލިބެންޖެހޭ ފައިސާ މައާފުކުރުމާއި ސަބްސިޑީ ދިނުމާއި ހާއްސަ އެހީ ދިނުމާއި އަމިއްލަ ފަރުދުންނަށް އެކި ބާވަތްބާވަތުގެ އެހީތައް
ކައުންސިލުން ދޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ފަދަ އެހީއެއް ދެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ދާއިރާއެއްގެ އެންމެ މަތީ ވެރިއެއްގެ ހުއްދައާއެކު މާލީ ޒިންމާދާރުވެރިޔާ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިގެން ކަމަށެވެ. އަދި އެހީގެ ފައިސާ ދޫކުރެވޭނީ އެ އަހަރުގެ ބަޖެޓުގައި އެ ފަދަ ކަންކަމަށް ހަރަދު ކުރުމަށް ފައިސާ ކަނޑައަޅާފައި އޮވެގެން ނޫނީ ނުވަތަ އެ މިނިސްޓްރީ އަށް ހުށަހަޅައި އެ އޮފީހެއްގެ ބަޖެޓަށް ފައިސާ ލިބިގެން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި،
ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު" ގައިވާ ގޮތުން ހިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން އެހީއެއް ނުވަތަ ސަބްސިޑީއެއް ކައުންސިލް ތަކުންއެއް ވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެ ކަމަށެވެ. އަދި ކައުންސިލް ތަކުން ފައިސާ އިން ޖަމިއްޔާތަކާއި ކޯޕަރޭޓިބް ސޮސައިޓީ ތަކަށާއި އެނޫން އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.

އިންޓާނަލް އޮޑިޓް ކޮމެޓީން އިތުރަށް ބުނެފައިވާ ގޮތުގައި ކައުންސިލް ތަކުން ހަރަދު ނުކުރެވޭނެ ކަންކަމުގެ ތެރޭގައި ވަކި ރައްޔިތެއްގެ ނުވަތަ ރައްޔިތުންތަކެއްގެ ފަރުދީ މަސްލަހަތު ހިމާޔަތްކުރުމަށް ހަރަދުކުރުމާއި ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ހަރަދު ކުރުން ހިމެނޭ ކަމަށެވެ.

"މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީގެ ފަރާތުން މިގޮތަށް ކައުންސިލްތަކުން "އިން ކައިންޑް" ގެ ގޮތުގައި މިފަދަ އެހީތައް ރައްޔިތުންނަށް ދެވިދާނެތޯ ބެލުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔަކަށް އެދުމުން، ކައުންސިލުތަކުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިން-ކައިންޑް ގެ ގޮތުގައި ރައްޔިތުންނަށް އެހީ ދިނުމަކީ ކަމާގުޅޭ ޤާނޫނު ތަކަށް ރިޢާޔަތްކުރާއިރު ހުއްދަ ކަމެއް ކަމަށް ނުފެންނަކަމަށް ލަފާދެއްވާފައިވެ އެވެ،" އޮޑިޓް ކޮމެޓީގެ ލަފާގައިވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ދީފަ އެވެ. މީގެ އިތުރުން މާލީ ގޮތުން ވެސް ގިނަ ބާރުތަކެއް ދޭން ސަރުކާރުން ނިންމާފައިވެ އެވެ.