ދުނިޔެ

އިރާގު މުޒާހަރާތަކުން އެތައް ބައަކު ރަހީނުކުރި: އދ

May 24, 2020

ބަޣުދާދު (މެއި 24) - އިރާގުގެ ސަރުކާރާ ދެކޮޅަށް އާއްމު ނުކުމެ ކުރި މުޒާހަރާތަކުގެ ތެރެއިން އެތައް ބައަކު ރަހީނުކޮށް، އަނިޔާ ކޮށްފައިވާ ކަމަށް އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

އިރާގުގައި ހަރަކާތްތެރިވާ އދ. އިގެ އެސިސްޓެންސް މިޝަނުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފަސް މަސް ދުވަހަށް ދިގު ދެމިގެންދިއަ މުޒާހަރާތަކުގެ ތެރެއިން ނުހައްގުން އަނިޔާ ދިން މީހުންގެ ތެރޭގައި މުޒާހަރާކުރި މީހުންގެ އިތުރުން މުޒާހަރާއަށް ސަޕާޓުކޮށް ހިތްވަރުދިން މީހުން ވެސް ހިމެނޭ ކަމަށެވެ.

އެ ރިޕޯޓުގައި ބަލާފައިވަނީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ހާދިސާތަކަށެވެ. އެގޮތުން، އެ މުއްދަތުގެ ތެރޭގައި 123 މީހަކު ގެއްލިފައިވާކަން ދެނެގަނެވިފައިވާ ކަމަށާއި، އޭގެ ތެރެއިން އެ ޖަމިއްޔާއަށް ހޯދިފައިވަނީ 98 މީހުންކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރަހީނުކޮށް އަނިޔާކޮށްފައިވަނީ، ހަތިޔާރު ހިފައިގެން ހަރަކާތްތެރިވާ "މިލިޝާ"ކަމަށް އެކަމާ ގުޅިގެން އިންޓަވިއު ކުރި މީހުންގެ ތެރެއިން 28 މީހަކު ބުނެފައިވެ އެވެ.

އަދި އެމީހުން ރަހީނުކޮށްފައިވަނީ މުޒާހަރާ ކުރި ސަރަހައްދުގެ ކައިރިން ކަމަށާއި، އޭގެ ތެރެއިން ގިނަ ބައަކަށް ކަރަންޓު ޝޮކު ދީ، ތަޅާ އަނިޔާކޮށްފައިވާކަމަށް ބުނެފައިވެ އެވެ.

މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާއިރު، 490 މީހުން މަރުވެ، 7،700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އދ. އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.