ދުނިޔެ

ވެންޓިލޭޓަރު މައްސަލާގައި ބޮލީވިއާގެ ހެލްތު މިނިސްޓަރު ހައްޔަރުކޮށްފި

May 24, 2020
3

ކޮވިޑް-19 އާ ގުޅިގެން ބޮލީވިއާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ބޮޑު އަގުގައި ގަތް މައްސަލާގައި އެ ގައުމުގެ ހެލްތު މިނިސްޓަރު ހައްޔަރު ކޮށްފި އެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ހިޔާނާތް ހިމެނޭ ކަމުގެ ތުހުމަތުތައް ތަހުގީގު ކުރުމަށް ބޮލީވިއާގެ ރައީސް ޖިނީން އަނޭޒް އެންގެވުމާއެކު، ހެލްތު މިނިސްޓަރު މާސެލޯ ނަވާހާސް ހައްޔަރު ކޮށްފައި ވަނީ މިދިއަ ބުދަ ދުވަހެވެ. ނަވާހާސްއާއެކު ހެލްތު މިނިސްޓްރީގެ އިތުރު ދެ އޮފިޝަލަކު ވެސް ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފަ އެވެ.

އިންޓާ އެމެރިކަން ޑިވަލޮޕްމަންޓް ބޭންކުގެ އެހީއާއެކު ބޮލީވިއާ އިން 179 ވެންޓިލޭޓަރު ގަތުމަށް ޖުމްލަ ފަސް މިލިއަނެއްހާ ޑޮލަރު ވަނީ ހަރަދު ކޮށްފަ އެވެ. އޭރު ބުނެފައި ވަނީ ސްޕެއިންގެ ކުންފުންޏަކުން ގަތް ކޮންމެ ވެންޓިލޭޓަރަކަށް 27،600 އެއްހާ އެމެރިކާ ޑޮލަރު ޖެހިފައިވާ ކަމަށެވެ. ނަމަވެސް، ފަހުން ހާމަވި ގޮތުގައި، އެ ކުންފުނިން ވެންޓިލޭޓަރު ވިއްކަނީ އޭގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަގެއްގައި ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ، އެ ވެންޓިލޭޓަރުތައް ބޮލީވިއާގެ އައިސީޔޫތަކަށް އެންމެ އެކަށީގެން ނުވާ ކަމަށް ބުނެ ބައެއް ޑޮކްޓަރުން ޝަކުވާ ކުރުމާ ގުޅިގެންނެވެ.

ބޮލީވިއާގައި މިހާތަނަށް ކޮވިޑް-19 އިގެ 4،500 އެއްހާ ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 190 މީހުން ވަނީ މަރުވެފަ އެވެ.