ޓީސީ

ޓާގެޓަކީ ޓީސީ ރެލިގޭޓްނުވެ ސަލާމަތް ކުރުން

ނިމިގެން ދިޔަ ސީޒަނުގައި ކުރިމަތި ހާލަތާއި އަދި މިހާރު ކުރިމަތި ވެފައިވާ ހާލާތާއެކު އަންނަ ސީޒަންގައި ޓީސީ ސްޕޯޓްސް ކުލަބުގެ ޓަގެޓަކީ ރެލިގޭޓް ނުވެ ސަލަމަތް ވުން ކަމަށް ޓީސީގެ މުއައްސިއްސް އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގްގެ 2018 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން، މި އަހަރުގެ އޭއެފްސީ ކަޕްގައި ވާދަ ކުރަމުން އަންނަ ޓީމަށް ނިމިގެން ދިޔަ ސީޒަންގައި ވާނީ މާލީ ގިނަ ގޮންޖެހުންތައް ކުރިމަތި ވެފަ އެވެ.

މިދިޔަ ސީޒަންގައި ޓީސީ އާ ހަވާލުވި ކޯޗް، މުހައްމަދު އާތިގް (އާތީ) ވަކި ހިސާބަކުން ޓީމުން ވަކިވީ ކުލަބުން ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކުޅުންތެރިން މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އެވެ. އެއާއެކު އެ ކުލަބުން ވަނީ ބައެއް ކުޅުންތެރިންނަށް ރިލީޒް ދީފަ އެވެ. މިދިޔަ ސީޒަންގައި ޓީސީއާ ގުޅުނު ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދަށް ވެސް ރިލީޒް ދީ، އޭނާ ވެސް ޓީމުން ދޫކޮށްލީ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ނަޝީދު ޓީސީ ދަރަނިވެރި ވެގެން ގޮސް ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެގެން ދާން މަންޒަރު ބަލަން ކެތް ނުވާނެ ކަމަށާއި އެ ހާލަތަށް ދިއުމުގެ ކުރިން، ޓީމުގެ ހުރި ދަރަނިތައް އަދާ ކުރުމަށް ފަހު އުވާލާނެ ކަމަށެވެ.

އެފްއޭއެމުން މިހާރު ގެނެސް ދޭން ފަށާފައިވާ ފުޓްބޯޅަ ޓޯކް ޝޯގެ ޕްރޮގްރާމްގައި މިދިޔަ ބުރާސްފަތި ނަޝީދު ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން ކުރިމަތި ވެފައިވާ ހާލަތާއެކު ޓީމުތަކަށް މާލީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތި ވާނެ ކަމަށެވެ.

އެހެންވެ މިހާރު ކުރިމަތި ވެފައިވާ ހާލަތާއެކު އަންނަ ސީޒަންގައި ޓީސީގެ ޓާގެޓަކީ އެފްއޭއެމުން ދޭ މާލީ އެހީއަށް ފެތޭ ވަރުގެ ޓީމެއް ހަދައިގެން ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމަށް މަސައްކަތް ކުރުން ކަމަށެވެ. އަންނަ ސީޒަންގައި ބިދޭސީ ކުޅުންތެރިން ގެނަޔަސް އަގު ބޮޑު ކުޅުންތެރިޔެއް ނުގެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޓީމުގެ ބިދޭސީ ކީޕަރު ޕާކިސްތާންގެ ސާގިބް ހަނީފު ވެސް ޓީމުގައި ހުންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަންނަ ސީޒަންގައި ފެންނާނީ ދިވެހި ކީޕަރެއް ކަމަށެވެ.

އެގޮތުން ޓީސީގެ ދެ ވަނަ ކީޕަރު އާދަމް އިމްއާން އާއެކު ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން ޓީސީގެ ގޯލްކީޕަރު ކޯޗް އަހްމަދު އަހްސަން ދީފައިވާ ކަމަށް އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނަޝިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ބައްސާމްގެ ވައުދު ވެފައިވާ އެހީތެރި ކަމުގެ ތެރެއަށް ފެތޭވަރުގެ ޓީމު ހަދަން،" ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި ފަހުން މި އަހަރު ފިޔަވައި ކޮންމެ އަހަރެއްގައި ވެސް ލީގްގެ ގަދަ ދެ ވަނައިގެ ތެރޭގައި ހިމެނުނު ކުލަބުގެ ރައީސްކަން ވެސް ކުރިން ކުރެއްވި ނަޝީދު ވާހަކަ ދެއްކެވި އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އިތުރަށް ކުރިއަށް ނުގެންދެވިގެން ޑޮމެސްޓިކް ސީޒަން ނިންމާލިޔަސް މި އަހަރުގެ އޭއެފްސީ ކަޕް ޓީސީއަށް އަދި އޮތީ ކުރިއަށެވެ. އޭއެފްސީ ކަޕްގައި އެ ޓީމުން ކުޅުނީ އެންމެ މެޗެކެވެ. ބަންގުލަދޭޝްގައި އެ ގައުމުގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ ބަލިވީ 5-1 ންނެވެ. އެ މެޗަށް ފަހު އޭއެފްސީ ކަޕް ވަނީ މެދުކަނޑާލަފާ އެވެ.