އޮފްބީޓް

އަނބު ވަށިތައް ލޫޓުވާލުމުން ގިނަ ބަޔެއްގެ އެހީ

ބޮޑު ކަމެއް ދިމާވެގެން އުޅޭ ވަގުތަކީ ރަނގަޅު މީހުންނާއި ގޯސް މީހުން ފާހަގަ ކޮށްލަން އެންމެ ފަސޭހައިން އެނގޭނެ ވަގުތެވެ. އިންޑިއާގެ ދިއްލީއިން ދާދިފަހުން ފެނުނީ މިފަދަ މިސާލެކެވެ.

އެންޑީޓީވީގެ މި ރިޕޯޓުގައިވާ ގޮތުން ޗޯޓޫ ނަމަކަށް ކިޔާ މީހަކު ދިއްލީގެ ޖަގަތުޕޫރުގެ އޭރިއާއެއްގައި އަނބު ގާޑިޔަލެއްގައި އަނބު އަތުރައިގެން އަނބު ވިއްކަން ހުއްޓެވެ. ގާޑިޔަލުގައި ނުބެހެއްޓޭބައި ހުރީ އެމީހާގެ ކައިރީގައި ހުރި ވަށިގަނޑުތަކެއްގަ އެވެ. މިއީ ވަރަށް ކާރޫބާރޫ ބޮޑު ހިސާބުގަނޑެކެވެ. ކުއްލިއަކަށް އެ ހިސާބުގަނޑުގައި ބަޔަކު މީހުން ތަޅާފޮޅާ ހަމަނުޖެހުން ހިންގަން ފެށުމުން އަނބުގާޑިޔާ އެތަނުން ދުރަށް ލުމަށް އެތަނުގައި ތިބި މީހުން ޗޯޓޫގެ ކިބައިން އެދުނެވެ.

އެހެންވެ އޭނާ ގާޑިޔާ ދުރަށް ގެންދަން މަސައްކަތް ކުރިއިރު އޭނާގެ އަނބުވަށިތައް ހުރީ އެ ހުރި ތަނުގަ އެވެ. ގާޑިޔާ ރައްކާތެރި ތަނެއްގައި ބަހައްޓާފައި ޗޯޓޫ އަންނަންވީއިރަށް އެ ތާގައި ތިބި ބައެއް މީހުން އޭނާގެ އަނބު ވަށިތައް ލޫޓުވާ ނިންމާލައިފި އެވެ.

މި މީހާގެ ވަށިތަކުން އަނބު ލޫޓުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ. މި ވީޑިއޯއިން ފެންނަނީ ބައެއް މީހުން އެމީހުންނަށް ނެގުނުހާ ގިނައެއްކޮށް އަނބު ނަގައިގެން ދާ މަންޒަރެވެ.

ބައެއް މީހުން އަޅައިގެން ހުރި ހެލްމެޓް ތެރެއަށް ވެސް އަނބު އަޅައިގެން ދިޔަ އެވެ. ހެލްމެޓް ފަދަ އެއްޗެތި އަޅައިގެން ތިބި މީހުންނަކީ ހަގީގަތުގައި އަމިއްލަ ފައިސާއިން އަނބު ގަނެވޭ ފެންވަރުގެ މީހުން ކަމަށް ބެލެވެ އެވެ. ނަމަވެސް މީހެއްގެ ބުރަ މަސައްކަތުން ވިއްކަން ހޯދާފައިވާ އެއްޗެއް ލޫޓުވާލައިގެން ގެންދިޔުމަށް މި މީހުން އެއްވެސް ޖެހިލުމެއް ނުވި އެވެ.

ބައެއް މީހުން ވަށިގަނޑުން އަނބު ނަގާފައި އަދި އެހެން މީހުން ކައިރީ ވެސް އަންނަން ގޮވާ ހެދި އެވެ. މިކަމުގެ ސަބަބުން އެހިސާބުގަނޑު ޓްރެފިކް ޖޭމް ވެސް އިތުރު މައްސަލަތައް ދިމާވި އެވެ.

ޗޯޓޫ، އެންޑީޓީވީ އަށް ބުނި ގޮތުގައި އޭނާ އަތުގައި 15 ވަށިގަނޑުގެ އަނބު ހުއްޓެވެ. އެއީ 30،000 ރުޕީސް އަށް އޭނާ ގަނެފައިވާ އެއްޗިއްސެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވަނީ ޗޯޓޫ ކަހަލަ މަގުމަތީގައި އެއްޗެތި ވިއްކަން ތިބޭ މީހުންނަށް ކަމަށް ވާއިރު މިގޮތަށް ވިއްކަން ގެންގުޅުނު އެއްޗެތި ބަޔަކު ލޫޓުވާ ލުމުން އިތުރަށް މިފަދަ މީހުންގެ ހާލަތު ގޯސްވެގެން ދާނެކަން ޔަގީން ކުރެވެ އެވެ.

ޗޯޓޫ މި މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް އެކަށީގެންވާ ގޮތެއްގައި މައްސަލަ ބަލައިދީފައެއް ނުވެ އެވެ. ނަމަވެސް މި ވީޑިއޯ ވައިރަލް ވުމުން ބައެއް މީހުން ޗޯޓޫ އަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަންތައްތަކެއް ކޮށްދީފައި ވެއެވެ.
ޗޯޓޫގެ އެކައުންޓް ނަންބަރު ސޯޝަލް މީޑިއާގައި ޝެއާ ކޮށްދީގެން ގިނަ ބަޔަކު އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްދީ އޭނާއަށް އެހީތެރިވެދީފައި ވެއެވެ.