ހަބަރު

މިއަދު ބޯޓެއް އަޑިއަށް ދިޔަ ކަމުގެ ރިޕޯޓްތައް ތެދެއް ނޫން: ފުލުހުން/ސިފައިން

Sep 21, 2015
1

މީހުންނާއި މުދާ އަރުވައިގެން ދަތުރު ކުރަމުން އައި ބޯޓެއް، މ އަތޮޅު ކައިރިއަށް މިއަދު އަޑިއަށް ދިޔަ ކަމަށް ބުނި ނަމަވެސް އެއީ ތެދު ރިޕޯޓްތަކެއް ނޫން ކަމަށް ފުލުހުންނާއި ކޯސްޓްގާޑުން ބުނެފި އެވެ.

ފުލުހުންނާއި އެމްއެންޑީއެފް އިން ބުނީ މ އަތޮޅުގައި އެފަދަ ހާދިސާއެއް އެންމެ ފަހުން ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެފަދަ ހާދިސާއެއް މިއަދު ހިނގި ކަމަށް ބުނެ، ވާހަކަތަކެއް ފެތުރޭތީ އެކި ދިމަދިމާލުން އެކަން ބެލި ނަމަވެސް، އެފަދަ ހާދިސާއެއްގެ ރިޕޯޓެއް ނެތް ކަމަށް ފުލުހުންނާއި އެމްއެންޑީއެފް އިން ބުންޏެވެ. އަދި މިއަދު ދައުރުވާ ފޮޓޯ އަކީ ހޮނިހިރު ދުވަހުގެ ހާދިސާގައި ފަރަށް އެރި ބޯޓުގެ ފޮޓޯއެއް ަމަށް ލަފާ ކުރެވޭ ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ހިނގި ހާދިސާގައި މީހުންނާ އެކު ދަތުރު ކުރި "ސަވާރީ ބޯޓް" ވަނީ މ. ދިއްގަރު ފަރަށް އަރައިފަ އެވެ. އެބޯޓު ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބެލެވޭ ގޮތުގައި ދައުރުވަމުން އަންނަނީ އެ ފޮޓޯތަކެވެ. އޮފިޝަލް ވިދާޅުވީ މިއަދު އެފަދަ ހާދިސާއެއް ހިނގި ނަމަ މިހާރު އޮންނާނީ އެނގިފައި ކަމަށެވެ.