ކުޅިވަރު

ބޭނުންވަނީ ސީޒަން އަހަރު ކުރީކޮޅު ފަށަން

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މީގެ ކުރިން އޮންނަހެން، އަހަރު ކުރީކޮޅު ފަށައި އަހަރުގެ ފަހު ފަހު ކޮޅު ނިންމާ ގޮތަށް، އަލުން ސީޒަންގެ ފޯމެޓް ބަދަލު ކުރުމަށް ފުރަތަމަ ޑިވިޝަންގެ ތިން ކުލަބުގެ ކެޕްޓަނުންގެ ފަރާތުން ހިޔާލު ހުށަހަޅައިފި އެވެ.

މިދިޔަ ސީޒަނުން ފެށިގެން އެފްއޭއެމުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ތަރުތީބު ކޮށްފައި ވަނީ، ކަލަންޑާ އިއާގެ ދެ އަހަރަށް ބަހާލައިގެންނެވެ. އެއީ ޖޫން ގައި ސީޒަން ފަށައި ޖެހިގެން އަންނަ އަހަރުގެ މެއި މަހު ސީޒަން ނިމޭ ގޮތަށެވެ.

އެފްއޭއެމުން ގެނެސްދޭން ފަށަފައިވާ ފުޓްބޯޅަ ޓޯކް ޝޯގެ، ރޭ ގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ގޯލް ކީޕަރު އަދި ދަ ގްރާންޑާ ސްޕޯޓްސް ކުލަބުގެ ވައިސް ކެޕްޓަން މުހައްމަދު ފައިސަލް ބުނީ، އަހަރު ކުރީ ކޮޅު ފަށައި އަހަރު ފަހުކޮޅަށް ނިންމާލާ ގޮތަށް ސީޒަން އޮތުމަކީ އޭގެ ސަބަބުން ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ސީޒަން އަހަރު މެދުތެރޭގައި ފެށުމާ ބެހޭގޮތުން އެފްއޭއެމުން ކުލަބުތަކުގެ މަޝްވަރާއަށް 2018 ވަނަ އަހަރު އެހުމަށް ބޭއްވި ބައްދަލުވުމުގައި ސީޒަން ޖޫންގައި ފެށުމަށް ދެކޮޅު ހެދި ހަމައެކަނި ކުލަބަކީ މާޒިޔާ އެވެ. ރޭ ގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނީ، ކުޅުންތެރިންނާއެކު ކުލަބުތަކުން ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އޮފް ސީޒަންގައި މުސާރަ ނުދޭ ކަމަށެވެ. އެހެންވެ އޮފްސީޒަންގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އޮންނަ މުބާރާތްތަކުގައި ކުޅުމަކީ އޮފް ސީޒަންގައިވެސް ކުޅުންތެރިންނަށް އާންމުދަނީއެއް ހޯދަން އޮތް ފުރުސަތެއް ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރުން ފެށިގެން ސީޒަން އެކުލަވާލާފައި އޮންނަ ގޮތުން އެ ފުރުސަތު ގެއްލިގެންދާ ކަން އޭނާ ފާހަގަ ކުރި އެވެ.

"10 މަސް ނުވަތަ 11 މަހަށް އެގްރިމެންޓް ހަދައިގެން ދެން ސީޒަން ނިމުނީމަ މުސާރައެއް ނުލިބޭނެ، ރާއްޖޭގެ ނިސްބަތުން 80 ޕަސަންޓް ކުޅުންތެރިންނަކީ ފުޓްބޯޅަ ކުޅެގެން އާންމުދަނީ ހޯދައިގެން އުޅޭ ކުޅުންތެރިން،" އިރޭ ބުންޏެވެ. "ޑިސެމްބަރު މަހު ރާއްޖޭ ތެރޭގެ އެކި މުބާރާތްތައް އޮންނައިރު ފުރަތަމަ ޑިވިޝަންގެ ވަރަށް ގިނަ ކުޅުންތެރިން އެ މަސް މަހުގައިވެސް ލާރި ހޯދަން އެ މުބާރާތްތަކުގައި ކުޅޭ، އަޅުގަނޑަށް ރަނގަޅީ ޑިސެމްބަރު މަހު ބްރޭކް ލިބޭ ގޮތަށް ސީޒަން އޮތިއްޔާ."

ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަހްމަދު ފައްރާހް (ފައްރަ) ބުނީ، ސީޒަން ޖޫންގައި ފަށަން ޖެހޭ އެއްވެސް ސަބަބެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. ސީޒަން ޖޫންގައި ފަށަން އެފްއޭއެމުން ކުލަބުތަކުގެ ހިޔާލަށް ހުށަހެޅީ އޭއެފްސީ ކަޕްގައި ވާދަ ކުރާ ކުލަބުތަކަށް އެ މުބާރާތުގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދި އޭއެފްސީ ކަޕަށް ތައްޔާރު ކުރުމަށް ފަސޭހަ ކޮށްދިނުމަށެވެ. ފައްރަ ބުނީ މީގެކުރިން އޭއެފްސީ ކަޕްގެ ސެމީ ފައިނަލާ ހަމައަށް ނިއުރޭޑިއަންޓް ދަތުރު ކުރީ އަހަރު ކުރީކޮޅުގައި ސީޒަން ފަށައި ކުޅެގެން ކަމަށެވެ. އޭނާ ބުނީ ނިއު ރޭޑިއަންޓްގެ އެ ކާމިޔާބަށް ވިސްނާއިރު އޭއެފްސީ ކަޕްގައި ވާދަ ކުރާ ޓީމަށް ޖޫންގައި ސީޒަން ފަށައިގެން ވަކި ލިބޭނެ އިތުރު ފައިދާއެއް ނުވިސްނޭ ކަމަށެވެ.

"ބޭރު ތަންތާންގައި ޔޫރަޕަށް ބާލައިރު އެ ގައުމުތަކުގައި ސީޒަން ފެށުން އަހަރުގެ މެދުތެރެއަށް ފައްތާފަ ވަނީ އެ ގައުމުތަކުގެ މޫސުން އޮންނަ ގޮތުން ކަމަށް ލަފާ ކުރެވެނީ،" ފައްރަ ވާހަކަ ދެއްކި އެވެ. "އޭއެފްސީ ކަޕަށް ދާ ޓީމަށް އެ މުބާރާތް ފަށަންވާއިރަށް ޕީކްގައި ތިބޭނޭ ކިޔާފަ ޖޫން އަށް ސީޒަން ފެއްޓީ ކަމަށް ވަނީ، އެކަމަށް އަޅުގަނޑަށް ތާއީދު ނުކުރެވޭ، އެއީ ރާއްޖޭގެ ކުލަބުތައް އެބަހުރި ޖެނުއަރީގައި ސީޒަން ފަށައިގެންވެސް ވަރަށް ބޮޑެތި ކާމިޔާބުތައް އޭއެފްސީ ކަޕްގައި ހޯދާފަ ނިއުރޭޑިއަންޓް ކަހަލަ ކުލަބުތައް."

އޭނާ ބުނީ ކޮންމެ ގައުމެއްގައިވެސް ފުޓްބޯޅަ ސީޒަން އޮންނަން ވާނީ އެ ގައުމެއްގެ އޮންނަ މާހަުލަށާއި ކުަލަބުތަކާއި ކުޅުންތެރިންނަށް އެންމެ ފަސޭހަ ވާނެ ގޮތަށް ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަންވެސް ރާއްޖޭގެ މާހަުލަށް ފެތޭ ގޮތަށް އެކުލަވާލުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ.

"ލެޓްސް ޓޯކް ފުޓްބޯލް" ގެ ނަމުގައި ގެނެސްދޭ އެ ޝޯގެގެ ފުރަތަމަ ޕްރްގްރާމްގައި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން ވެސް ވަނީ ކުރިން އޮންނަހެން އަހަރު ކުރީކޮޅު ސިޒަން ފެށުމަށް ހިޔާލު ހުށަހަޅާފަ އެވެ.