ލައިފްސްޓައިލް

ކުޑަ ކުއްޖަކު ފްލައިޓްގައި އެކަނި ދަތުރުކޮށް މަންމަ ގާތަށް

ފަސް އަހަރުގެ ކުޑަ ކުއްޖަކު އެކަނި މާއެކަނި ފްލައިޓެއްގައި ދަތުރުކޮށްފި އެވެ. އޭނާ ދަތުރުކޮށްފައިވަނީ އިންޑިޔާގެ ދިއްލީ އިން ކަރްނާޓަކާގެ ބެންގަލޫރޫ އަށެވެ. މި ކުއްޖާއަށް އޭނާގެ މަންމަ ކައިރިއަށް ދެވޭ ގޮތް ވީ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން އިންޑިޔާގެ ޑޮމެސްޓިކް ފްލައިޓްތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން މިދިޔަ ހޯމަ ދުވަހު އަލުން ފެށުމާ ގުޅިގެންނެވެ.

ފްލައިޓްތައް އަލުން ފެށުމާއެކު އެކި ރަށްތަކުގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އާއިލާގެ މީހުންނާ ބައްދަލުކުރަން ދަތުރުކުރަން އަވަސްވެގަތެވެ. ފަސް އަހަރުގެ ވިހާން ޝަރުމާ އަކީ ވެސް މިގޮތަށް އަވަހަށް މަންމަ ކައިރިއަށް ދާން ބޭނުންވި ކުއްޖެކެވެ.

ވިހާން އަށް ދިއްލީގައި ތާށިވެފައި ހުންނަން ޖެހުނީ ކޮރޯނާވައިރަސް ފެތުރޭތީ އިންޑިއާ ލޮކްޑައުން ކުރީމަ އެވެ. އޭނާއަށް ބެންގަލޫރަށް އާދެވިފައި މިވަނީ ތިންމަސް ދުވަހަށް ވުރެ ގިނަ ދުވަހު ދިއްލީގައި ހުރެފަ އެވެ.

ވިހާން ދަތުރުކޮށްފައިވަނީ ސްޕެޝަލް ކެޓަގަރީ ފަސިންޖަރެއްގެ ގޮތުގަ އެވެ. އަދި ބެންގަލޫރުގެ އެއާޕޯޓުން ވިހާޏް އަށް އޭނާގެ މަންމަ އާ ވަނީ ބައްދަލުވެފަ އެވެ.

އެހެން މީހުންނެކޭ އެއްފަދައިން ވިހާން އަށް ވެސް ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ. ނަމަވެސް އޭނާ އަކީ 10 އަހަރު ނުފުރޭ ކުއްޖަކަށް ވާތީ އަމިއްލަ ގޭގައި ކަރަންޓީނު ވެގެން ހުރެވޭނެ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
އިންޑިޔާގެ އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރާ މީހުންގެ ތެރެއިން ކޮވިޑް-19 ރެޑް ޒޯންތަކުން އަންނަ މީހުން ސަރުކާރުން ބަހައްޓާ ތަނެއްގައި ކަރަންޓީނު ވާން ޖެހެ އެވެ. އަދި ފަހުން ނެރެފައިވާ ގަވާއިދުގައިވާ ގޮތުން ކަރަންޓީނުގައި ހުންނަ މުއްދަތަށް އެމީހާ އަމިއްލައަށް ފައިސާ ދައްކަން ޖެހެ އެވެ.

ދިހަ އަހަރު ނުފުރޭ ކުދިންނާއި ބަލި މީހުން އަދި އުމުރުން ދުވަސްވީ މީހުން ގޭގައި ކަރަންޓީނު ކުރެވޭނެގޮތް ހަމަޖައްސައިދޭ ކަމަށް ވެސް އިންޑިޔާ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

ފްލައިޓް ދަތުރުތައް އަލުން ފަށާފައިވާއިރު ވަރަށް ބޮޑު ބަދަލެއް ފްލައިޓް ތެރޭން ވެސް ފެނެ އެވެ. އޭގެ ތެރޭގައި ކޮންމެ ދަތުރަކަށް ފަހު މުޅި ފްލައިޓް ޑިސްއިންފެކްޓްކުރުމާއި ކެބިން ކުރޫން ޕީޕީއީގައި ތިބުން މިއީ ފެނިފައިވާ ޚާއްސަ ބަދަލު ތަކެވެ.