އޮފްބީޓް

ސައްކޭލަކުން ޖެހުނު މީހަކު ކޮވިޑަށް ޕޮޒިޓިވް!

ވެއްޓުނު ސައްކޭލެއް ބޮލުގައި ޖެހި ބޮލަށާއި މައި ބަދައަށް ބޮޑެތި އަނިޔާތަކެއް ވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވާ އިންޑިޔާގެ ކެރެލާގެ ކަންނޫރުގަ އެވެ. އެ ސަރަހައްދުގެ ކަސާރާގޯޑް އަވަށުން މި މީހާ ކަންނޫރުގެ މެޑިކަލް ކޮލެޖަށް ގެންގޮސްފައިވަނީ ވެއްޓުނު ސައްކޭލަކުން މި މީހާގެ ބޮލުގައި ޖެހިގެންނެވެ. އޭރު މި މީހާގެ ގައިގައި ކޮރޯނާވައިރަސް ހުރި ކަމެއް ނޭނގެ އެވެ.

އުމުރުން 43 އަހަރުގެ މި ފިރިހެންމީހާގެ ބޮލުގައި ސައްކޭލަކުން ޖެހުނީ ސައްކެޔޮ ބިންނަން އަރާ އުޅެނިކޮށް މަތީގައި އިން ސައްކޭލެއް ވެއްޓިގެންނެވެ. ސައްކޭލުން ޖެހުމާއެކު އެ މީހާގެ މައިބަދައަށް ލިބުނު ގެއްލުމުގައި އޭނާގެ އަތާ ފައިގެ ވާގި ވަގުތުން ވަނީ ގޮއްސަ އެވެ. އެހެންވެ އިމަޖެންސީކޮށް އޭނާ މެޑިކަލް ކޮލެޖަށް ގެންދިޔައީ އެވެ.

އެތަނުގެ ޑޮކްޓަރުން އެ މީހާގެ ޓެސްޓްތައް ކުރިއިރު ކޮވިޑް-19 އަށް ވެސް ޓެސްޓް ކުރަން ދިނެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ނަތީޖާ ޕޮޒިޓިވްކަން އެނގުނުއިރު އޭނާގެ ސާޖަރީ ހަދައި ވަނީ ނިމިފަ އެވެ.

މި މީހާގެ ސާޖަރީ ހަދައިދިން ޑޮކްޓަރުންނާއި ނަރުހުން އަދި ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމުގައި އުޅުނު އެންމެންނާއި އޭނާގެ ބޮލުގައި ސައްކޭލުން ޖެހުމުން އޭނާ ގޮވައިގެން އަވަށުން އައި އެންމެން އަދި އެނޫން ވެސް އެމީހާއާ ކޮންޓެކްޓްވީ އެންމެން މިހާރު ވަނީ އައިސޮލޭޓްކޮށްފަ އެވެ. އަދި މި މީހާއާ އަވަށުން ވެސް ބައްދަލުވެފައި ތިބި އެންމެން ހޯދައި އެމީހުން އައިސޮލޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި މީހާގެ މައްސަލައިގައި ސިއްހީ އޮފިޝަލުން އެންމެ ބޮޑަށް ހައިރާންވީ މީނާގެ ހަށިގަނޑަށް ބަލި އެރި ގޮތެއް ނޭނގިގެންނެވެ. މީނާ އަކީ އޭނާ އުޅޭ އަވަށުން ބޭރަށް މީން ދުވަހަކުވެސް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ކޮވިޑް-19 ޖެހިފައިވާ މީހަކާ މީނާ އާ ބައްދަލުވެފައެއް ވެސް ނެތެވެ.