ލައިފްސްޓައިލް

ހެމާ އެމްވީ: ކަސްރަތުކޮށްލަން ވާޗުއަލް ޕާޓްނާއެއް

May 26, 2020

ކޮވިޑް-19 އައި ފަހުން ޖިމަކަށް ނުދެވެ އެވެ. ޖިމް އަށް ދާ މީހުންނަށް ވެސް ޖިމް ޕާޓްނަރު ނެތުމުން ރަނގަޅު ހިޔާލެއް ވެސް ނުލިބެ އެވެ. މިހާރު ކެވޭ ތަކެއްޗާއި އޭގައި ނިއުޓްރިޝަން ހުންނަނީ ކިހާ ވަރެއް ކަމެއް ވެސް ނޭނގެ އެވެ. އެހެންވެ މި ހުރިހާ ބޮލުގެ ރިހުމަކަށް ހައްލު ގެނެސްދޭން ދަ ހެމާ ޖިމުން މިވަނީ ހެމާއެމްވީ މޮބައިލް އެޕް ނެރެފަ އެވެ.

"ކޮވިޑް-19 އާ ގުޅިގެން ގޭގައި ގިނަ ބަޔަކު ތިބެން ޖެހިފައި މިވަނީ. އެހެންވެ މުޅި ފިޓްނަސް ކޮމިއުނިޓީ އަށް މި ހާލަތުގައި ހަދިޔާއެއްގެ ގޮތުގައި ހެމާ އެޕް މި ދޫކޮށްލަނީ،" ދަ ހެމާ ޖިމްގެ ވެރިޔާ އަހުމަދު މުއާޒު ހެމާގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވި އެވެ.

"ހެމާއެމްވީ" މޮބައިލް އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް ފޯނު ބޭނުންކުރާ މިހުންނަށާއި އެޕަލް ސްޓޯރުން ވެސް ހިލޭ ޑައުންލޯޑު ކޮށްލެވޭނެ އެވެ. މި އެޕްގައި މިލިއަނަކަށް ވުރެ ގިނަ ނިއުޝިޝަން އައިޓަމްސް ހިމަނާފައިވެ އެވެ. މީގެން ލިބޭނެ ފައިދާއަކީ އެ ދުވަހަކު ކެވޭ އެއްޗެއް މިނެކިޔާލަން އެނގުމެވެ. ކޮންމެ ދުވަހަކު ވެސް އެ މީހަކަށް ބޭނުންވަނީ އަދަދެއްގެ ކެލޮރީސް އެއްކަން އެނގޭނެ އެވެ. ދުވަސް ނިމޭއިރު އެ ދުވަހަކު އިތުރަށް ކެވިފައިވަނީ ކިހާ އަދަދެއްކަން ޔަގީންވާނެ އެވެ. އެހެންވެ އެ ދުވަހަކު ވިރުވާލަން ޖެހޭ އަދަދު ދެނެ ގަންނަން ފަސޭހަވެ އެވެ. އެހެންވެ މި އެޕްއަކީ ވާޗުއަލް ޖިމް ޕާޓްނަރެއްގެ ގޮތުގައި ބުނެވިދާނެ އެވެ.

"މި އެޕްގައި އެބަހުރި މިލިއަނަކަށް ވުރެ ގިނަ ފުޑްސް. މިސާލަކަށް ކެރެޓް ސިލެކްޓް ކުރީމަ އެނގޭނެ އޭގައި ހުންނަ ނިއުޓްރިޝަން. މީގައި ހުންނާނެ ރޮށި ފަދައެއް ޗިހި ވެސް. އޭގައި ހުންނަ ނިއުޓްރިޝަން ވެސް އެނގެން ހުންނާނެ،" މުއާޒު ވިދާޅުވި އެވެ.

މީގެ އިތުރުން މި މޮބައިލް އެޕްގައި ހެމާއަށްދާ ހާއްސަ ޕްރިމިއަމް ކްލައިންޓުންނަށް ވެސް ހާއްސަ ބައެއް ހިމެނެ އެވެ. އެބައި ހާއްސަ ވަނީ ޕާސަނަލް ޓްރެނަރުންގެ އެހީތެރިކަން ހޯދައިގެން ހެމާއަށް ދާ މީހުންނަށެވެ. މި ބައިން އެ މީހެއްގެ ވޯކް އައުޓް މެނޭޖުކޮށްލުމުގެ އިތުރުން އިންސްޓްރަކްޓަރާ ވާހަކަ ވެސް ދައްކާލެވޭނެ އެވެ.

ގޭގައި ލޮކްޑައުންގެ ހާލަތުގައި މުޅި ގައުމު އޮތްއިރު، ގޭގައި ތިބެގެން ކަސްރަތުކޮށްލަން މިއޮތީ ރަނގަޅު އެޕްލިކޭޝަން އެކެވެ. ހެމާއިން ގޭގައި ތިބި މީހުންނަށް ހިލޭ ދީފައިވަނީ ރަނގަޅު ހަދިޔާ އެކެވެ.