ހަބަރު

މަޖިލީހާ ޖަދަލު ކުރަން ބޭނުމެއް ނުވޭ: މުޣުނީ

May 30, 2020
2

ރައްޔިތުންގެ މަޖިލީހަކީ ދައުލަތް ހިންގުމުގެ އެއް ބާރަށް ވާތީ އެތަނުން ބުނާ ވާހަކައަކާމެދު ބަސް ބުނެ ޖަދަލު ކުރަން ބޭނުންފުޅު ނުވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

މުޣުނީ މި މޭރުމުން ވާހަކަފުޅު ދެއްކެވީ އޭނާގެ މުސާރައިގެ މައުލޫމާތު ހިމެނޭ ލިޔުމެއް ރައްޔިތުންގެ މަޖިލީހުން ލީކުވި ގޮތެއްގެ ސަބަބު ހޯދަން ފޮނުވި ސިޓީގެ ޖަވާބުގައި ސްޓެލްކޯއިން މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އެންއީއޯސީގައި ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅުވައި މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުޣުނީ ވިދާޅުވީ ދައުލަތް ހިންގުމުގެ ބާރަކާ "ޗެލެންޖުކުރަން" ބޭނުންފުޅު ނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރު ތެރެއިން އެއް ބާރު. އެތަނުން ބުނާ އެއްޗަކަށް ޗެލެންޖެއް ނުކުރާނަން. އެކަމާ ގުޅޭގޮތުން އިތުރު ކޮމެންޓެއް ނެތް،" މުޣުނީ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާއަށް އާންމު ވެފައިވާ އެ ސިޓީގައިވާ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީއަށް މުސާރައިގެ ގޮތުގައި އިނާޔަތްތަކާއެކު މަހަކު ގާތްގަނޑަކަށް 98،000 ރުފިޔާ ލިބި ވަޑައިގަންނަވަ އެވެ. އެކަމާ ގުޅިގެން މުޣުނީއަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.

އެ މައުލޫމާތު ލީކުވި ގޮތް ހޯދަން މަޖިލީހުގައި އެދުމުން މަޖިލީހުގެ މެންބަރުން ވެސް ފާޑުވިދާޅުވި އެވެ. މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވިދާޅުވެފައި ވަނީ ދައުލަތުގެ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ މުސާރައަކީ ސިއްރެއް ނޫން ކަމަށާއި އެ މައުލޫމާތަކީ މަޖިލީހުން އާންމު ކޮށްފައިވާ މައުލޫމާތެއް ކަމަށެވެ.

ސްޓެލްކޯއިން ފޮނުވި ސިޓީއާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ހަމަޖެހިފައި އޮންނަ އުސޫލަކީ މަޖިލީހުން ކުރާ ސުވާލުތަކަށް ވުޒާރާތަކުންނާއި މުއައްސަސާތަކުންނާއި ކުންފުނިތަކުން ޖަވާބުދާރީވުން ކަމަށެވެ. އެއްވެސް ހާލެއްގައި އެ ފަރާތްތަކުން ކުރާ ސުވާލުތަކަށް މަޖިލީހުން ޖަވާބުދާރީވާން ނުޖެހޭ ކަމަށް އެ ގޮތަށް ސިޓީ ވެސް ނުފޮނުވޭނެ ކަމަށެވެ.

"އިންޖީނުގޭ ކުދިންނަށް ގަލޮޅު ކެނެރީގޭ މުހައްމަދު ނަޝީދަށް ސިޓީ ފޮނުވިދާނެ، ބޭނުން އެއްޗެއް ވިދާޅުވެވި ވެސް ދާނެ، އެކަމަކު މަޖިލީހުގެ ރައީސަށް ސިޓީއެއް ނުފޮނުވޭނެ، އިންޖީނުގެ ކުދިންނަށް އެނގެން އެބަ ޖެހޭ މި ތަނަށް ސިޓީ ނުލިޔުއްވޭނެކަން. މި ތަނުން ފޮނުވާ ސިޓީއަކަށް އެ ބޭފުޅުންނަށް ޖަވާބު ދެއްވޭނީކަން،" ނަޝީދު ވިދާޅުވި އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ސްޓެލްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ސަރުކާރު އައުމަށް ފަހުގައި ކުންފުނިތަކުގެ އެމްޑީންގެ މުސާރަ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީން ހަމަޖައްސާ ގިންތީގެ ތެރެއިން ކަމަށެވެ. އެ ގޮތުން ސްޓެލްކޯއަކީ އޭ ކެޓަގަރީގެ ކުންފުންޏަކަށްވެފައި އެ ކެޓަގަރީގެ ހުރިހާ ކުންފުންޏެއްގެ އެމްޑީންނަށް ވެސް ލިބެނީ ސްޓެލްކޯގެ އެމްޑީއަށް ލިބޭ މުސާރަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.