ދުނިޔެ

އަފްޣާނިސްތާނު: ބޮމުގެ ހަމަލާއެއްގައި ނޫސްވެރިއަކު މަރުވެއްޖެ

May 31, 2020

ކާބުލް (މެއި 31) - އަފްޣާނިސްތާނުގެ ޓީވީ ސްޓޭޝަނެއްގެ މުވައްޒަފުންތަކެއް ދަތުރުކުރި ވެހިކަލަކަށް އަމާޒު ކޮށްގެން ދިން ބޮމުގެ ހަމަލާއެއްގައި، ނޫސްވެރިއެއްގެ އިތުރުން އެ ވެހިކަލް ދުއްވަން އިން ޑްރައިވަރު މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެފި އެވެ.

އެ ހަމަލާގައި އެ ވެހިކަލްގައި ތިބި އިތުރު ހަތަރު މީހުން ޒަހަމްވެފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ޚުރުޝިދު ޓީވީގެ 15 މުވައްޒަފުން ގޮވައިގެން ދަތުރުކުރި ބަހަށް އަމާޒުކޮށް، އެ ބަސް ދަތުރުކުރި މަގުގައި ބޮމެއް ގޮއްވާލައިގެން ކަމަށް އެ ސްޓޭޝަނުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

މިއީ ސީދާ އެ ޓީވީ ސްޓޭޝަނަށް އަމާޒު ކޮށްގެން ދިން ހަމަލާއެއް ނަމަވެސް، އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ.

ޚުރުޝިދު ޓީވީގެ ވެހިކަލަކަށް އަމާޒުކޮށް މިދިއަ އަހަރު ވެސް މިފަދަ ހަމަލާއެއް ވަނީ ދީފަ އެވެ. އެފަހަރު އެ ސްޓޭޝަނުގެ ތިން މުވައްޒަފުން ވަނީ ޒަހަމްވެފަ އެވެ.

ތާލިބާނާ ދެކޮޅު ކޮންޓެންޓު ގެނެސްދޭ ކަމަށް ބުނެ، އަފްޣާނިސްތާނުގެ ޓީވީ ސްޓޭޝަންތަކަށް މީގެ ކުރިން ވެސް ހަނގުރާމަވެރި އެ ޖަމާއަތުން ވަނީ އިންޒާރުދީފަ އެވެ.