ހަބަރު

ދެ ސްކޮލާޝިޕަކަށް ފުރުސަތު ހުޅުވާލައިފި

Jun 1, 2020
1

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް އަދި ހައި އެޗީވާސް ސްކޮލާޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައިސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕްގެ އުސޫލުގެ ދަށުން 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެ، ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސާނެ އެވެ. އެ ސްކޮލާޝިޕް ލުބުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޭލެވެލްގެ ފަސް މާއްދާއިން އޭ ސްޓާ ފާސް ނުވަތަ ޝަހާދަ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވުން ހިމެނެއެވެ.

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕަށް ޝަރުތު ހަމަވެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ފުރުސަތު ދޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝެނަލް ޓްރެއިނިން ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރާ ދަރިވަރުންނަށް ކަމަށް އެ މިނިސްޓްރީން ބުންނެވެ.

އެގޮތުން އެ ދަރިވަރުންނަށް ވެސް ކިޔެވުމުގެ ހަރަދު ހަމަޖައްސައި ދޭނީ ސަރުކާރުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ. އެ ސްކޮލާޝިޕް ލިބުމުގެ ޝަރުތު ތަކުގެ ތެރޭގައި އޭ ލެވެލްގެ ފަސް މާއްދާއިން އޭ ފާސް ހޯދައިފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވުން ހިމެނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޮލާޝިޕްގައި ކިޔަވަން ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖެއާ، ސާކްގެ ގައުމުތަކާއި، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުގެ މަތީ ތައުލީމް ފޯރުކޮށްދޭ ތަންތަން ކަމަށެވެ. އަދި ދަރިވަރުން ސްކޮލާޝިޕްގައި ބައިވެރިވުމަށް މައި އެޑިއު ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭ ކަަމަށް އެ މިނިސްޓްރީން ބުންނެވެ.