ރިޕޯޓް

މި ކުއްޖާގެ މިހާރުގެ ހާލަތު ބަލާލަން ބޭނުންތަ؟

އައިޝަތު ޝަނާޔާ ޝަރީފަކީ އުފަންވި ދުވަހުން ފެށިގެން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި އެތައް ބައެއްގެ ހިތުގެ އެންމެ ފުންމިނުން ޖާގަ ދެވިގެން ދިޔަ އަންހެން ކުއްޖެކެވެ. އުފަންވިއިރު އޭނާ އޮތް ގޮތުންނެވެ.

އުފަންވިއިރު ޝަނާޔާގެ މޫނު މަތީގައި ހުރީ އާދަޔާހިލާފަށް ބޮޑު ލަފެކެވެ. އެއަށް ފަހު މީޑިއާގައި އަދި ވަރަށް ގިނަ ބަޔަކަށް މި ކުއްޖާ މަޝްހޫރުވެގެން ދިޔައީ "މޫނުގައި ލަފު ހުރި ކުއްޖާ" ގެ ގޮތުގަ އެވެ.

ޝަނާޔާ އަށް އިތުރު ސަމާލުކަމެއް ލިބިގެން ދިޔައީ އޭނާގެ މޫނުގެ މި ލަފު އެއްކޮށް ފިލުވާލުމަށް ހަދަން ޖެހޭ ޕްލާސްޓިކް ސާޖަރީ އަށް ފައިސާ ހޯދުމަށް ފެށި ކެމްޕޭނާ ގުޅިގެންނެވެ. ރާއްޖެ އާއި ބޭރުގެ އެކި ފަރާތްތައް ވެސް ބައިވެރިވެގެން ހިންގި އެ ކެމްޕޭނަކީ މިފަދަ ކުއްޖަކަށް އެހީ ހޯދުމަށް ރާއްޖޭގައި އެހާ ފުޅާކޮށް އެހާ ވަރުގަދަކޮށް ކުރިއަށް ގެންދިޔަ ކެމްޕޭންކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެ ކެމްޕޭނުން އެކަނި ވެސް ޝަނާޔާގެ ސާޖަރީ އަށް 250،000ރ. އެއްކުރެވުނެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އިން އެކަނި ވެސް އެހީގެ ގޮތުގައި އެ ދަރިފުޅަށް 178،057 ރުފިޔާ ހަދިޔާކުރި އެވެ. އަނެއްކޮޅުން މި ކެމްޕޭނުގައި ޝަނާޔާގެ އާއިލާ އަށް ހަމަ ނޭވާ ލެވިގެން ދިޔައީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޕޮލިޓީޝަން، އަހުމަދު ސިޔާމް މި އެހީގެ ކެމްޕޭނަށް ވަދެ ވަޑައިގެން ޝަނާޔާގެ އޮޕަރޭޝަނުގެ ހުރިހާ ޚަރަދެއް ނެންގެވި ހިސާބުންނެވެ.

އޭގެ ފަހުން މިހާރު ދެ އަހަރުވީ އެވެ. ޝަނާޔާ އަށް މިހާރު ދެ އަހަރާއި ތިން މަސް ވަނީ އެވެ.

އެހެންވީމަ ޝަނާޔާގެ މިހާރުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ ޔަގީނަށް ވެސް މިއީ ވަރަށް ގިނަ ބަޔަކު ބަލަން ބޭނުންވާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ޝަނާޔާ އަށް އެކި ފެންވަރުގައި އެހީ ފޯރުކޮށްދިން މީހުން ޝަނާޔާގެ "އާ މޫނު" ބަލައިލުމަށް ޝައުގުވެރިވާނެކަން ވެސް ޔަގީނެވެ.

ނަމަވެސް ޝަނާޔާގެ އާ މޫނަށް ކުރަން ޖެހޭ އިންތިޒާރު އަދިވެސް ދިގުލައިގެން ދަނީ އެވެ. އެކަމަކު އެއްވެސް ބަޔަކު ހާސްވާނެ ކަމެއް ނެތެވެ.

ޝަނާޔާ އާއި އޭނާގެ ކުޑަކުޑަ އާއިލާ މިހާރު ތިބީ ވަރަށް ވެސް އުފަލުންނެވެ. ސާޖަރީ ނުހެދި ދިގުލައިގެން ދިޔަ ނަމަވެސް ހާސްކަމެއް ނެތެވެ.

"ޑޮކްޓަރުން ބުނެފައި ވަނީ އޮޕަރޭޝަން ކުރިއަށް ގެންދާނީ ވަރަށް ހަމަޖެހިލައިގެންނޭ. އެހެންވީމަ ޑޮކްޓަރުން އަންގަން ދަން އަޅުގަނޑުމެން މި ތިބީ ހުރިހާ ކަމެއް ސެޓްކޮށްލައިގެން ތައްޔާރުވެލައިގެން،" އުފަން ރަށް ދ. މީދޫގައި ހުރެ އިއްޔެ ފޯނުން ވާހަކަ ދައްކަމުން ޝަނާޔާގެ ބައްޕަ، އަހުމަދު ޝަރީފު ކިޔައިދިނެވެ.

ޝަރީފުގެ ދަރިފުޅުމުގެ ސާޖަރީ އަށް އިންޑިއާގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ދަނީ ތައްޔާރުވަމުންނެވެ. މި ޓީމުގައި އިސްކޮށް އުޅެނީ ރާއްޖޭގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އިންޑިއާގެ ޑޮކްޓަރު ބާލާޖީ އެވެ.

"އޭރު އަޅުގަނޑުމެން ހީކުރީ މިލިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް އޮޕަރޭޝަނަށް. އެކަމަކު ފަހުން ގަބޫލުކުރެވުނީ ޔޫރަޕާ ހަމަ އަށް ގޮސްގެން މި ސާޖަރީއެއް ހަދަން އުޅެގެން އެކަން އޮންނާނީ ނުކުރެވިފައޭ. ދެން އެކި މީހުން ދެއްކި ވާހަކަތަކަށް ބަލާފައި އެންމެފަހުން އިންޑިއާ އިން މިކަމަށް ހައްލެއް ހޯދަން ނިންމީ،" ޝަރީފު ކިޔައިދިނެވެ.

"ދެން އިންޑިއާ އަށް ގޮސް ޑޮކްޓަރުންނާ ވާހަކަ ދެއްކީމަ ވެސް ސީދާ ޚަރަދުގެ އަގެއް ނުލިބުނު. ޑޮކްޓަރުން ބުނީ މިއީ އެއް ފަހަރުން ކޮށް ނިންމާލެވޭނެ އޮޕަރޭޝަނެއް ނޫން ކަމަށާއި އެކި މަރުހަލާތަކެއް ބޭނުންވާ އޮޕަރޭޝަނެއް ކަމަށް. އެއީ މޫނުގެ އެހެން ތަނަކުން ހަން ނަގައިގެން ލަފު ހުރިތަނުގައި ހަން ލައްވާތީ."

"ޑޮކްޓަރުން ބުނެފައި ވަނީ ދަރިފުޅުގެ މޫނުގައި ހުރި ލަފު އެއްކޮށް ފިލުވާލަދޭނަމޭ. އޭނާ ސްކޫލަށް ދާން ޖެހޭ އުމުރަށް އަޅާއިރު މިކަން އެއްކޮށް ރަނގަޅުކޮށްދޭނެ ކަމުގެ ގެރެންޓީ ވަނީ ދީފައި."

ޝަނާޔާގެ މޫނާއި ބޮލުގައި ހުރި ލަފު އިތުރަކަށް ނުފެތުރެ އެވެ. ޝަރީފު ބުނީ ޑޮކްޓަރުން ސާޖަރީ ފަސްކޮށްފައި ވަނީ ދަރިފުޅު ބޮޑުވަމުން އަންނައިރު ލަފު ބަދަލުވަމުންދާ ގޮތް ބެލުމަށާއި ދިރާސާކުރުމަށް ކަމަށެވެ.

"މޫނުގައި ހުރި ލަފު އެއްގޮތަކަށް ވެސް ނުފެތުރޭ. ޑޮކްޓަރު ވެސް ބުނެފައި ވަނީ އެ ލަފު އިތުރަށް ފެތުރުމުގެ ފުރުސަތެއް ނެތޭ،" ރަށު ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަތާ އަށް އަހަރުވެފައިވާ ޝަރީފު ބުންޏެވެ.

"އެކަމަކު ދަރިފުޅު ބޮޑުވަމުންދާ ވަރަކަށް އޭނާގެ މޫނުގެ ހަންތައް ވާންވުމުގެ ސަބަބުން ލަފަ އެންމެ ފުރަތަމަ ހުރި ގޮތަށް ބަދަލުތަކެއް އައިސްދާނެއޭ ޑޮކްޓަރު ބުނި. ޑޮކްޓަރު ބުނެފައި ވަނީ ސާޖަރީ ހަދަން ވެސް ފަސޭހަވާނީ އެގޮތަށް ދަރިފުޅުގެ ހަންގަނޑު ވާންވެ ވަރުގަދަވީމައޭ"

"ބޮލުގައި ލަކުނު ހުރިތަން މިހާރު ވަނީ ވަރަށް ބޮޑަށް ދެމި ވާންވެލާފައި ހުރީ. އެކަމަކު މޫނު މަތީގައި ހުރި ލަފައިގެ ބައި އަދިވެސް އެހާ ވާނެއް ނުވޭ."

ޝަރީފު ބުނީ ދަރިފުޅުގެ ސާޖަރީ ފަސްވެފައިވިޔަސް އޭގެ ނޭދެވޭ އަސަރުތަކެއް އޭނާ އަށް ނުކުރާ ކަމަށެވެ.

"ދަރިފުޅުގެ އެ މައްސަލަ ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ނެތް. އެހެން ކުދިންނެކޭ އެއްވެސް ތަފާތެއް ނެތް. ވާހަކަ ދެއްކުމުގައި ވެސް ވިސްނުމުގައި ވެސް މައްސަލައެއް ހުރި ކަމަކަށް ފާހަގައެއް ނުކުރެވޭ،" ޝަރީފު ބުންޏެވެ.

"ބައެއް މީހުންނަށް ހީވަނީ ދަރިފުޅަށް މިކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އެކަން ސިއްރުކޮށްލައިގެންނޭ އުޅެން ޖެހޭނީ. އަޅުގަނޑުމެން އެގޮތަކަށް ގަބޫލެއްނުކުރަން. އެއީ އެކަމަކީ ދަރިފުޅުގެ މައްސަލައެއް ނޫން. އަޅުގަނޑުމެން އުޅުނީ ޝަނާޔާގެ ހާލަތު ސިއްރުކޮށްގެނެއް ނޫން ދެއްތޯ"

"އެހެންވީމަ އެންމެނަށް ވެސް އެނގޭ ދަރިފުޅުގެ ހާލު. އެންމެނަށް ވެސް ފެނޭ ދަރިފުޅު. މިހެން ވީމަ މިކަން ނުވޭ މާ ބޮޑު ކަމަކަށް އަސްލު."

"މުޖުތަމައުން ޝަޔާނާ އަށް ކުރިމަތިވާ އުނދަގުލެއް ނެތް އަދި. އަޅުގަނޑުމެން ވިސްނައިގެން މި ތިބީ ޕްރީ ސްކޫލަށް ވައްދާ އުމުރަށް ދިޔައީމަ ޕްރީ ސްކޫލަށް ވެސް ވައްދަން."

"ދެން ވާގޮތަކީ ޝަޔާނާގެ އުމުރުގެ ކުޑަކުދިން އުޅޭނެ އޭނާގެ މޫނު ހުންނަ ގޮތް ފެނިގެން އެކަމަށް ޝައުގުވެރިވެގެން. އެ ކުދިން އަހާނެ އެމީހުންގެ ގޮތުގައި ކިހިނެތް ވެފައިތޯ އެ ހުންނަނީ ވެސް"

"ޝަނާޔާ އަށް ވެސް މިހާރު ކުޑަކުޑަކޮށް ވާހަކަ ދެއްކޭ. އެކަމަކު އޭނާ އަކަށް މާ ބޮޑަކަށް މޫނުގެ ލަފައިގެ މައްސަލަ އެނގޭހެން ހީއެއް ނުވޭ. އެހެން ނަމަވެސް ލޯގަނޑު މުނު ފެނުނީމަ އަހާލާނެ އެއީ ކޯއްޗެއް ހެއްޔޭ ނުވަތަ މިއީ އައްދޮވެފައި ހެއްޔޭ ވެސް އަހާލާނެ"

ޝަނާޔާ އަށް އޭނާގެ މޫނުގެ ލަފު މައްސަލައަކަށް ނުވެ އެވެ. އަދި އެ ރަށުގެ މީހުންނާއި އެހެން މީހުންނަކަށް ވެސް މި ކުއްޖާގެ މޫނުގައި ހުރި ލަފު މައްސަލައަކަށް ނުވެ އެވެ.

އެހެންވީމަ އެހާ ބޮޑު ޚަރަދެއްކޮށްގެން ޝަނާޔާގެ މޫނުން އެ ލަފު ފިލުވާލުމަށް ބޮޑު ޕްލާސްޓިކް ސާޖަރީއެއް ހަދަން ޖެހޭތޯ އެވެ؟ މިއީ ވެސް ވަރަށް ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ.

ޝަރީފް ބުނީ އެހީގެ ގޮތުގައި ލިބިފައި ހުރި ގިނަ އަދަދެއްގެ ފައިސާ، އެހީ ބޭނުންވާ އެހެން ކުދިންނަށް ހަދިޔާކުރުމުގެ ވިސްނުން އޭނާގެ ބޮލަށް ވެސް އައި ކަމަށެވެ.

ނަމަވެސް ދަރިފުޅުގެ މޫނުގައި ހުރި ލަފު ނުފިލުވައި ދޫކޮށްލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

"ބައެއް މީހުން ބުނޭ ދަރިފުޅުގެ މޫނުގައި ލަފަ ހުއްޓަސް ވަރަށް ރީއްޗޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް އަދި އެހެން ބަޔަކަށް އެކަން މައްސަލައަކަށް ނުވިޔަސް މުޖުތަމައުގެ އެންމެންގެ އެ ވިސްނުމެއް ނުހުރެދާނެއޭ،" ޝަރީފު ކިޔައިދިނެވެ.

"ދަރިފުޅުގެ މޫނު މިހެން ހުރެގެން އެއް ދުވަހަކު އަޅުގަނޑަށް ގުޅީ ކޮންމެވެސް މީހަކު. އެ ފިރިހެން މީހާގެ އަންހެނުންގެ މޫނުގެ އެއްބައި ހުންނަނީ ކަޅުވެފައި ލަފައަކުން. އޭނާ ވެސް އަޅުގަނޑަށް ކިޔާލަ ދިނީ އޭނާގެ އަންހެނުން އެ ލަފައާ އެކު އުޅެން ޖެހުމުން ކުރަން ޖެހުނު ތަޖުރިބާތަކުގެ ވާހަކަތައް."

"އެހެންވީމަ ދަރިފުޅުގެ މޫނުގައި ހުރި ލަފުގެ ސަބަބުން އޭނާ އަށް މުޖުތަމައުން ނޭދެވޭ އަސަރުތަކެއް ނުކުރިޔަސް މި ލަފު ނުފިލުވައި ދޫކޮށްލުމުގެ ހިޔާލެއް އަޅުގަނޑުގެ ނެތް."

ދަރިފުޅުގެ ސާޖަރީކުރިއަށް ގެންދަން ތައްޔާރުވެގެން ހުއްޓަސް ޝަރީފު ބުނީ އޭނާގެ ދަރިފުޅަށް އެކި މީހުންގެ ފަރާތުން ލިބިފައިވާ ފައިސާގެ އެހީން ކޮންމެވެސް މިންވަރެއް އެހީ ބޭނުންވާ އެހެން އާއިލާތަކަށް ހަދިޔާކުރަން ވިސްނާ ކަމަށެވެ.

"އޭރު ލިބުނު ހުރިހާ އެހީއެއް އަޅުގަނޑު ހުންނާނެ ސޭވްކޮށްފައި. އެއީ ފަހުން ވެސް ކަމެއް ދިމާވެއްޖެ ނަމަ ބޭނުން ކުރަން ޖެހޭނީ އެ ފައިސާކަމުގައިވާތީ،" ޝަރީފު ބުންޏެވެ.

"އެހީގެ ގޮތުގައި އެހާ ގިނަ ފައިސާ ލިބިފައި ހުރީމަ އަޅުގަނޑު ހިތަށް އެރި އެ ފައިސާ ކޮންމެވެސް ގޮތަކުން އެހެން އާއިލާތަކަށް (އެހީ ބޭނުންވާ) ހަދިޔާކުރަން ވެސް. އެކަމަކު އެ ވާހަކަ އާއިލާގެ ގިނަ މީހުން އެދުނީ ދަރިފުޅުގެ ކަންތައް އެއްކޮށް ނިންމާލެވެން ދެން އެހީގެ އެ ފައިސާ ވެސް ބެހެއްޓުމަށް"

"އެއީ ވާނޭ ގޮތް އެއްވެސް ބަޔަކަށް ނޭނގޭނެތާ. މިސާލަކަށް ސާޖަރީގެ ޚަރަދު އެހެން ފަރާތަކުން އަޅުގަނޑަށް ލިބިފައި ވިޔަސް އެހީގެ ފައިސާ އެހެން ބަޔަކަށް އަޅުގަނޑު ހަދިޔާކުރާތަނުން ދެން ވެދާނެ ގޮތެއް ވެސް ހަމަ ނޭނގޭނެތާ"

"މިސާލަކަށް އަނެއްކާވެސް އަޅުގަނޑު ނުކުންނަން ޖެހިދާނެތާ އެހީ ހޯދަން"

"އެހެން ނަމަވެސް ދަރިފުޅުގެ މި ސާޖަރީ ނިމުމަށް ފަހު އިތުރުވާ އެހީގެ ހުރިހާ ފައިސާއެއް އަޅުގަނޑު ގަސްދުކުރަނީ އެހީ އަށް ބޭނުންވާ އެހެން މީހުންނަށް އެ ފައިސާ ހަދިޔާކުރަން"

"އަޅުގަނޑު ބޭނުމެއް ނުވޭ މިހާރު އަޅުގަނޑުގެ ދަރިފުޅަށް އިތުރު ސަމާލުކަމެއް ލިބި އެހީ ބޭނުންވާ އެހެން ކުދިންނަށް ލިބޭ ސަމާލުކަން ގެއްލޭކަށް ވެސް. އެހެންވީމަ ދަރިފުޅަށް އެހީ ހޯދަން ހިންގި ފޭސްބުކް ޕޭޖު ވެސް މިހާރު ޕްރޮމޯޓެއް ނުކުރަން."