ހަބަރު

އެޑިޓޯރިއަލް ޕޮލިސީ ރަޖިސްޓާ ކުރަން ޖެހޭ ގޮތް ހަދަނީ

ރާއްޖޭގައި ހިންގާ އޮންލައިން ނޫސްތަކުގެ އެޑިޓޯރިއަލް ޕޮލިސީތައް ހޯމް މިނިސްޓްރީ އާއި މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި ފައިލް ކުރުން ލާޒިމް ކުރަން އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެމްސީއިން މިގޮތަށް ނިންމާފައި ވަނީ އެ ކޮމިޝަންގެ ވިލަރެސް ކޮމިޓީންނެވެ. އެ ކޮމިޓީން ވަނީ އެމްއެމްސީގެ ބައްދަލުވުމަށް މި ހުށަހެޅުން ހުށަހަޅައި މެންބަރުންގެ ވޯޓުން ފާސް ކުރުމަށް ނިންމާފަ އެވެ.

އެމްއެމްސީގެ ވިލަރެސް ކޮމިޓީން މި ބަދަލު ގެންނަން ނިންމީ، އެއް ލިޔުމެއް ތިން ނޫހެއްގައި އެއް ގޮތަކަށް ލިޔުނު މައްސަލަ ތަހުގީގު ކުރުމަށްފަހު އެކުލަވާލި ރިޕޯޓްގަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެމްއެމްސީގެ ކޮމިޓީއިން ވަނީ އެ ތަނުން އެއް ނޫހުން އަމަލު ކޮށްފައިވާ ގޮތަކީ ނޫސްވެރިކަމުގެ ހަމަތަކާ ހިލާފު ކަމަކަށްވާތީ ނަސޭހަތް ދީފަ އެވެ.

އަނެއް ނޫހުން އެކަށީގެންވާ އިދާރީ ފިޔަވަޅުތައް އަޅާފައިވާތީ، ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެ ލިޔުން އެންމެ ފުރަތަމަ ޝާއިއުކުރި ނޫހުން އެ މައްސަލަ އަދިވެސް ތަހުގީގުކޮށް އެކަމުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނަމުންދާތީ ކޮމިޓީއިން ނިންމީ ފިޔަވަޅެއް މިވަގުތު ނޭޅުމަށެވެ.

ނަމަވެސް ކޮމިޓީއިން ވަނީ މިފަދަ މައްސަލަތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ނޫސްތަކުން އަމަލު ކުރުން ލާޒިމް ކުރާ އުސޫލުތަކެއް ކަނޑައަޅަން ނިންމާފަ އެވެ. އެފަދަ އެއް އުސޫލަކީ ނޫސްތަކުގެ އެޑިޓޯރިއަލް ޕޮލިސީ އާއި ނޫސްވެރިންގެ އަހުލާގީ މިންގަނޑު ކޮންމެ އަހަރަކު އެއް ފަހަރަކު ރިވިއުކޮށް އެ ހޯމް މިނިސްޓްރީ އާއި އެމްއެމްސީގައި ފައިލްކުރުމުގެ އުސޫލެވެ. އަދި، އެ އުސޫލު ކިޔުންތެރިންނަށް ފެންނަ ގޮތަށް އާންމު ކުރުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.

އޭގެއިތުރުން ކޮންޓްރިބިއުޓަރެއްގެ ލިޔުމެއް ނުވަތަ އޯޕެޑެއް ނުވަތަ ވިއްކާފައިވާ އެޑްވަޓޯރިއަލްއެއް ޝާއިއުކުރާނަމަ، އެކަން އެނގޭނެ ގޮތަށް އެޑިޓޯރިއަލް އުސޫލެއް ހެދުމާއި ނޫސްތަކުގެ ޕްރޫފް ރީޑް ކުރުމުގެ އުސޫލާއި ކޮޕީ ކުރުން ފަދަ ކަންކަން ހުއްޓުވުމަށް އެތެރޭގެ އުސޫލުތައް ވަރުގަދަ ކުރުމަށް ވެސް ވަނީ ކޮމިޓީއިން އިރުޝާދު ދީފަ އެވެ.

ނޫހަކުން ލިޔުމެއް ނަގާނަމަ، އެ ލިޔުމެއް ނެގި ކަމާއި އެ ލިޔުން ނެގި ސަބަބު ވެސް އެނގޭނެ ގޮތަށް ކިޔުންތެރިންނަށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ އުސޫލެއް ހެދުމާއި ލިޔުމެއް އިސްލާހު ކޮށްފިނަމަ އެކަން ވެސް ކިޔުންތެރިންނަށް އެނގޭނެ ގޮތަށް ހުރުމަށް އުސޫލު ހެދުމަށް ނޫސްތަކަށް އަންގަން ކޮމިޓީއިން ވަނީ ނިންމާފަ އެވެ.