ރިޕޯޓް

ހައްޖު ކޯޕަރޭޝަން: ހައްޖުވެރިންގެ ކެކުޅުންތަކަށް ނިމުމެއް!

Sep 23, 2015

"ހައްޖުގެ ކަންކަން ހަމަޖައްސަދޭނެ ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏެއް ވުޖޫދަށް އައީތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ސަރުކާރުގެ ތަނެއް ވީމަ ފައިސާ ހަވާލުކުރާއިރު ހާސް ވާކަށް ނުޖެހޭ. ކޯޕަރޭޝަނުގެ ހިދުމަތަށް ބަލަންޏާ ބުނެވޭނީ ފައިސާ ދެއްކި ދުވަހުން ފެށިގެން ދަތުރުގެ މިހާތަނަށް ކަންތައްތައް ދިޔަ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހެޔޭ،" މިއީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ 57 އަހަރުގެ ހައްވާ ނަބީލާ ގެ ޝުއޫރެވެ.

ޖާގަ ކަށަވަރު ނުކޮށް ފައިސާ އަތުުލުމާއި، ހަރަދުކުރާ ފައިސާއިން ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ހައްޖަށް ދާން ތައްޔާރުވާ ދިވެހިންނަށް މީގެ ކުރިން އަބަދުވެސް އޮތީ ޝައްކެއްގެ ގޮތުގަ އެވެ. ބަޔަކު އެކަން ހަދާފައި އޮތީ ބޮޑު ނާޖާއިޒު ވިޔަފާރިއަކަށެވެ. ސަބަބަކަށް ވަނީ ހައްޖަށް މީހުން ގެންދާ ގްރޫޕްތައް ހަދައިގެން ދުރާލާ ފައިސާ ނަގައި އޭގެން ބޮޑެތި ވިޔަފާރިތައް ކޮށް މުއްސަދިވަނީ އެވެ. ނަތީޖާ އަކަށް ވަނީ އުމުރު ދުވަހުން އެއް ކުރި ފައިސާ ކޮޅު ވެސްގެއްލި ހައްޖުގެ އަޅުކަން އަދާނުކުރެވި، ވޭނީ އިހުސާސްތަކެއްގައި ބައެއް ދިވެހިން އުޅެން ޖެހުމެވެ. އަދި މި ނިމުނީ އެއް ނޫނެވެ. ހައްޖަށް ގެންދިޔުމުގެ އިންތިޒާމްތައް ގޯސްކަމުން ވިސާގެ މައްސަލަތައް ދިމާވުމާއި މައްކާގައި ދިވެހިން ބައިތިއްބާތަންތަނުގެ ފެންވަރު ދަށްކަމާއި މިހެން ގޮސް އެތައް ޝަކުވާތަަކަކުން އޮތީ ފުނި ޖެހިފަ އެވެ.

އެކަމަކު މި ހުރިހާ ކަމެއް ބަދަލުކޮށްލީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން 2013 ވަނަ އަހަރު ވުޖޫދަށް އައުމާ އެކު އެވެ. އައި އެންމެ ބޮޑު ހެޔޮ ބަދަލަކީ ހައްޖަށް މީހުން ގެންދާ އަމިއްލަ ޖަމާއަތްތައް މަދުކޮށް، ވަކި މިންގަނޑުތަކަކާއި ގަވާއިދުތަކެއްގެ ތެރެއަށް ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތް ފައްތާލުމެވެ. އެއާ އެކު ހައްޖަށް ދިޔުމުގައި ހުރި ވޭންތަކަށް އެކީ ފަރުވާއެއް ލިބުނީ އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު ޔާމީން އިދުރީސް "އަވަސް" އަށް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުގެ އަމާޒަކީ ހައްޖަށް މީހުން ފޮނުވައިގެން ފައިސާ ހޯދުން ނޫން ކަމަށެވެ.

ހައްޖު ކޯޕަރޭޝަން އުފެދިގެން އައީ، ފައިސާ ފަހަށް ރައްކާކޮށްގެން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ކަމަށް ޔާމިން ވިދާޅުވިއެވެ. އަދި ކޯޕަރޭޝަނުގެ ވިސްނުމަކީ ހައްޖަށްދާން މީހުން ހޭދަކުރާ ފައިސާ ހަލާލުގޮތުގައި އިންވެސްޓުކޮށް، އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ހައްޖުވެރިންނަށް ލިބޭނެ ލިބޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެއް އަހަރުން އަނެއް އަހަރަށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެ ކުންފުނިން ދުރާލައި މަސައްކަތް ކުރެއެވެ. އެގޮތުން 2014 ވަނަ އަހަރު އެ ކޯޕަރޭޝަނުން ކުރި ފުރަތަމަ ހައްޖު ދަތުރުގައި ހައްޖުވެރިންނަށް ދިމާވި ދަތި ކަންތައްތައް، މި އަހަރު ތަކުރާރު ނުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ ދަތުރުގެ ކާމިޔާބީ ވަޒަންކުރިން ހައްޖުވެރިންނާ ސުވާލުކުރުމަށްފަހު ގިނަ ހައްޖާޖީންގެ ޖަވާބު ވަރަށް ޕޮޒިޓިވް. އެހެންނަމަވެސް އެދަތުރުގެ ފަހު ވަގުތު ދިމާވިކަންކަމާއި ގުޅިގެން ދިމާވި ދަތިތައް ހުރުމާއެކު ޝަކުވާ ލިބުނު. އަޅުގަނޑުމެން މިފަހަރުގެ ދަތުރު ރާވައި އިންތިޒާމްކޮށްފައިވަނީ ވަރަށް ފުރިހަމަޔަށް،" ޔާމިން ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީންނަށް މާލެއިން ފުރުމުގެ ކުރިން ދަރުބާރުގޭގައި މައުލޫމާތުގެ ގިނަ ސެޝަންތަކެއް ވަނީ ނަގައިދީފައެވެ. ފުރުމަށް ކުރަންޖެހޭ ކަންކަން ޗެކިންއާ ހަމަޔަށް އެ ކޯޕްރޭޝަނުން ކޮށްދީފައިވާއިރު، ހައްޖުވެރިންގެ ކަންކަން ބަލަހައްޓާނެ ޑޮކްޓަރުންގެ ޓީމަކާއި ދީނީ އިލްމުވެރިންގެ ޓީމެއްގެ އިތުރުން ދިވެހި ކަައްކާއިންގެ ޓީމެއްވެސް ވަނީ ހައްޖާޖީންނާއެކު މައްކާއަށް ފޮނުވާފައެވެ. މީހުން ތިބެން ހޮޓާ ހިފާފައިވަނީ ހަވަރަކަށް މިނިޓުން ހަރަމްފުޅާ ހަމަޔަށް ދެވޭ ހިސާބުތަކުންނެވެ.

ޔާމީން ވިދާޅުވި ގޮތުގައި ކޯޕަރޭޝަނަށް އާންމުންގެ މެދުގައި އޮތް ޑިމާންޑު ބޮޑުވުމަކީ އެ ކޯޕަރޭޝަނުގެ ކާމިޔާބީ އެވެ.

މިހާރުވެސް 2017 އާ ހަމަޔަށް ހުރި ޖާގަތައް ވަނީ ފުލް ވެފައެވެ. 2018 އާ ހަމަޔަށް ވެސް ގިނަ ބަޔަކު ފައިސާ ދައްކަމުންދާއިރު އެއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޔާމީނު ދެކިވަޑައިގަންނަވައެވެ.

ދިވެހި ހައްޖުވެރިންނަށް ލުއިފަސޭހަ ހޯދަދޭން ހައްޖުކޯޕަރޭޝަނުން ކުރާ އުންމީދު ވަރަށް ބޮޑެވެ. އެގޮތުން ރާއްޖޭން ހައްޖަށް ދާ މީހުންގެ އަތުން ނަގާ ފައިސާގެ އަދަދު މަދުކުރުމަށް ގިނަ ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށާއި، އެކަމަށް ގިނަ ޕްލޭންތަކެއް ވެސް ހަދަމުން އަންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް މަގުސަދު އެކައުންޓް ހޯލްޑަރުން ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން އެ ބޭފުޅުންނަށް ރަނގަޅު ރިޓާންއެއް ދިނުން. ރަނގަޅު އިންވެސްޓްމަންޓެއް ހެދިއްޖެނަމަ ހައްޖުގެ އަގު ކުޑަ ކުރެވިދާނެ. އޭގެން ލިބޭ ނަފާ ބޭނުން ކޮށްގެން،" ޔާމީން ވިދާޅުވި އެވެ.

އެ ވިސްނުމުގައި ކުރި މަސައްކަތުން ހައްޖު ކޯޕަރޭޝަނުން ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ތަރައްގީ ކުރަން ރަށެއް ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެސް ޔާމީނު ވިދާޅުވިއެވެ. އަދި ރައީސް އަބްދުﷲ ޔާމީން ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވާފައިވާ ގޮތުގެ މަތިން، ދިވެހި ހައްޖާޖީންނަށް އެ ގައުމުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ރާވާފައިވާ ކަމަށެވެ.

މި ލަނޑުދަނޑިތައް ހާސިލުވުމަކީ ދިވެހި ހައްޖުވެރިންނަށް ހަމަޔަގީނުންވެސް އުފާވެރިކަމާއި ލުއިފަސޭހަކަށް ލިއްބައިދޭނެ ކަމެކެވެ.

ޔާމީނު ދެކިވަޑައިގަންނަވާ ގޮތުގައި ހައްޖު ކޯޕަރޭޝަން އުފެދިގެން ދިޔުމަކީ އެކަން ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައިވެސް ހުދުމަތުގެ ވާދަވެރިކަން އިތުރުވެ، ނަތީޖާ ރަނގަޅުކޮށްދޭނެ ކަމެކެވެ.