ވިޔަފާރި

ރާއްޖެ ފުރަތަމަ ފަހަރަށް ވާޗުއަލް ޓޫރިޒަމް ފެއާއަކަށް

ވާޗުއަލްކޮށް ރާއްޖެއިން ބައިވެރިވާ ފުރަތަމަ ޓޫރިޒަމް ފެއާގެ ގޮތު، އެރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގައި ބައިވެރިވާން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ތައްޔާރު ވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަން ނިންމާފައިވާ ޓޫރިޒަމް ފެއާތައް ހުއްޓިފައިވާއިރު، ދުބާއީގައި އޮންނަ މި އަހަރުގެ އޭޓީއެމް ފެއާ ބާއްވަން ނިންމާފައި ވަނީ އޮންލައިންކޮށް، ވާޗުއަލް ފެއާއެއްގެ ގޮތުގަ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ "އޭޓީއެމް ވާޗުއަލް ފެއާ" އޮންނާނީ މި މަހުގެ 28 އިން ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ކުންފުންޏާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ގިނަ ކުންފުނިތަކުން ވެސް މި ފެއާގައި ބައިވެރިވާނެ އެވެ.

އޭޓީއެމް ވާޗުއަލް ފެއާގައި ވެސް އެގްޒިބިޓަރުންނާއެކު މީޓިންތައް ބާއްވާއިރު، ގައުމުތަކުން ދައްކާލާ ޓޫރިޒަމް ޕްރޮޑަކްޓްތައް ފެއާ އަށް ޒިޔާރަތް ކުރާ މީހުންނަށް ފެންނާނެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ފެއާގެ ތެރޭގައި އެކި ގައުމުތަކުން ބާއްވާ ވެބިނާތަކުގައި ބައިވެރިވެ، ރާއްޖޭގެ ޓޫރިޒަމް ހުޅުވާލަން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ދޭނެ ކަމަށެވެ.

އޭޓީއެމް ފެއާ ބާއްވާ ދުބާއީ ހިމެނޭ މެދުވެރިމަތިން މިދިޔަ އަހަރު ރާއްޖެ އަށް 60،000 މީހުން ޒިޔާރަތް ކުރި އެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 15.1 ޕަސެންޓް އިތުރު އަދަދެކެވެ.

ކޮވިޑް-19 އާ ގުޅިގެން އެޕްރީލް މަހުން ފެށިގެން ރާއްޖެއަށް ޓޫރިސްޓުން އައުން ވަނީ ހުއްޓިފަ އެވެ. މީގެ ސަބަބުން ޓޫރިޒަމް ހުއްޓިފައި އޮތުމަށްފަހު ޖުލައި މަހު ޓޫރިޒަމް ހުޅުވާލަން ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ. އެކަމަށްޓަކައި ސަރުކާރުން ވަނީ ހަ ހާލަތެއް ވަޒަންކޮށްފަ އެވެ. މިގޮތުން އިގްތިސޯދު ހުޅުވާލަން ނިންމާފައިވަނީ މީގެ ތެރެއިން ތިންވަނަ ހާލަތުގަ އެވެ. މި ހާލަތުގައި ޓޫރިޒަމް ހުޅުވާލާނަމަ ޓޫރިސްޓުން އަންނަ އަދަދު 50 ޕަސެންޓް ދަށްވެ، ޓޫރިސްޓުން ހޭދަ ކުރާ ބެޑް ނައިޓްސް 39 ޕަސެންޓް ދަށް ވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.