ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވޫހާނުގެ 10 މިލިއަން މީހުން ޓެސްޓު ކުރުމުން ފެނުނީ 300 ކޭސް

Jun 4, 2020

ބެއިޖިންގް (މެއި 4) - ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ދިރިއުޅޭ 10 މިލިއަން މީހުންގެ އާބާދީ އެކީގައި އެ ބައްޔަށް ޓެސްޓުކޮށް ނިންމާފައިވާ ކަމަށާއި، އެ ބަލި ފެނިފައިވަނީ ނިސްބަތުން މަދު އަދަދަކަށް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ވޫހާން ސިޓީގައި އެޅި ލޮކްޑައުން އުވާލިތާ މަސް ދުވަސް ފަހުން، އެ ސިޓީން އެ ބަލީގެ ކްލަސްޓާއެއް ފެނުމާ ގުޅިގެން، ހުރިހާ އެންމެން ޓެސްޓުކުރުމަށް ނިންމައި، އެކަން އެންމެ 19 ދުވަހުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ.

އެގޮތުން، ގާތްގަނޑަކަށް 10 މިލިއަން މީހުން ޓެސްޓުކުރިއިރު، އެ ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެންމެ 300 އެއްހާ މީހުން ކަމަށާއި، އޭގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ޕޮޒިޓިވް މީހުނާ ބައްދަލުވި 1،174 މީހުންގެ ގައިންވެސް އެ ބަލި ފެނިފައިނުވާތީ، ކުރިން ފެތުރުނު ހަލުވި މިނުގައި މިހާރު އެ ބަލި ނުފެތުރޭކަމަށް ބެލެވޭކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އެ ބަލީގައި މުޅި ޗައިނާ އިން މަރުވި މީހުންގެ 80 ޕަސަންޓް މީހުން ހިއްސާކުރަނީ ވޫހާން ސިޓީންނެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރަން، މީހުން ވަދެ ނުކުތުން މަނާކޮށް، މުޅި ސިޓީ އެތަކެއް މަހަކަށް ބަންދުކުރި އެވެ. ނަމަވެސް، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ސިޓީގެ ލޮކްޑައުން ލުއިކުރުމާއެކު، އިތުރު ކޭސްތަކެއް ފެނުމާއެކު، މުޅި އާބާދީ ޓެސްޓު ކުރަން ނިންމި އެވެ.

އެގޮތުން، މިދިއަ ހޯމަ ދުވަހާ ހަމައަށް، ގާތްގަނޑަކަށް 9.9 މިލިއަން މީހުން ޓެސްޓު ކުރެވިފައިވާކަމަށް އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެ އެވެ. އަދި ކުރީގައި ޓެސްޓު ކުރި މީހުނާއެކު، މުޅި އާބާދީގެ 11 މިލިއަން މީހުން ޓެސްޓުކުރެވިފައިވާކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 125 މިލިއަން ޑޮލަރު ހޭދަކޮށްގެން، މުޅި އާބާދީ ޓެސްޓުކުރަން، އެ ސިޓީގެ ޓެސްޓު ކުރުމުގެ ގާބިލުކަން ދުވާލަކު އެއް މިލިއަނަށް ވަނީ އިތުރުކޮށްފަ އެވެ.