ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުރިހާ ހުއްދަތައް ދޫކުރުން ޕޮލިސް މެދުވެރިކޮށް

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަަބަބުން އެކި ބޭނުންތަކަށް ހޯދަންޖެހޭ ހުރިހާ ހުއްދަތައް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މީގެ ކުރިން ބައެއް ހުއްދައަށް ދޫކުރަމުން އައީ އިކޮނޮމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުންނެވެ. އަދި ގިނަ ހުއްދަތަކެއް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ދިޔައީ ދޫކުރަމުންނެވެ.

މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މާދަމާއިން ފެށިގެން ހުރިހާ ހުއްދަތައް ދޫކުރުންވެސް ކުރިއަށްދާނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން އަމިއްލަ އޮފީސްތައް ހުޅުވުމުގެ ހުއްދައާއި، ވިޔަފާރިތައް ހުޅުވުމަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރަމުން އައި ހުއްދަތައް ދޫކުރުންވެސް ކުރިއަށް ގެންދާނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މިއަދާ ހަމައަށް މިނިސްޓްރީއަށް ހުށައަޅާފައިވާ އަދި ހުއްދަ ލިބިފައިނުވާ ފަރާތްތަކުން އަލުން ހުށައަަޅަން ނުޖެހޭނެ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ. އެ ފަރާތްތަކުގެ ހުށައެޅުން ބެލުމަށްފަހު ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ދޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ދޫކުރަމުން އައި ހުއްދަތަކަށްވެސް ދެން އެދެންޖެހޭނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ހުޅުވުމުގެ ހުއްދަ ދީފައިވާ ވިޔަފާރިތަކުން ހިދުމަތް ދިނުމަށް އެދި ހުށައެޅުމާއި، ޑެލިވަރީގެ ހިދުމަތަށް އެދެން ޖެހޭނީވެސް ޕޮލިސް ޕޯޓަލް މެދުވެރިކޮށެވެ.

"މިއީ މިހާތަނަށް ހުއްދަ ލިބިވަޑައިގެންފައިނުވާ ފަރާތްތަކުން އަމަލުކުރައްވަންވީ ގޮތް. މީގެ ކުރިން ދޫކޮށްފައިވާ ހުއްދަތައް ބާތިލެއް ނުވާނެ، އަދި އެ ފަރާތްތަކުން އަލުން ހުއްދައަށް އެދޭކަށްނުވެސް ޖެހޭނެ." ވިސާމް ވިދާޅުވިއެވެ.

ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިވާ ހުއްދަތައް މަދުނަމަ އަލުން ހުށައެޅުމުގެ ފުުރުސަތުވެސް އޮންނާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

ރީޓެއިލް ފިހާރަތަކަށް ހިދުމަތް ދިނުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުމުގެ ތެރެއިން ސްޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ އާއު ފާމަސީ އާއު ބުކްޝޮޕާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހުޅުވުމުގެ ހުއްދަދޭން ވަނީ ނިންމާފައެވެ. އަދި މޯބައިލް ފޯން ފިހާރަތަކާއި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފިހާރަތަކާއި، ފޮތި ފިހާރަ އަދި ކުޅިވަރު ސާމާނުތައް ވިއްކާ ފިހާރަތަަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަތަކަށް އޮންލައިންކޮށް ހިދުމަތްދީ ޑެލިވަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދަނީ ދެމުންނެވެ.

ނޫސްވެރިންގެ މި ބައްދަލްވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1380 ވިޔަފާރިއަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިތަކަށް ސަޕޯޓް ސްޓާފުން 3530 ފާސް ދޫކޮށްފައިވާ ކަމަށެވެ.

ޑެލިވަރީގެ ހިދުމަތް 9739 ފަރާތަކަށް ވަނީީ ދޫކޮށްފައެވެ. އެ ވިޔަފާރިތަކަށްވެސް 12،000 ފާސް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.