ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ވޯގްގެ ކަވާއަށް ފްރަންޓްލައިން ވޯކަރުން

ފެޝަން އެންޑް ލައިފްްސްޓައިލް މެގަޒިން "ވޯގް" އަކީ ދުނިޔޭގެ ހުރިހާ މޮޑެލުންގެ ވެސް ހުވަފެނެކެވެ. ވޯގްގެ ކަވާއަށް އަރުވާނީ ވަރަށް ހާއްސަ މީހުންނެވެ. ހޮވައިލެވޭ މީހުންނެވެ. މި މެގަޒިންގެ ކަވަރުގައި މޮޑެލް ކޮށްލަން ލިބުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ކުރެވޭ ކަމެއް ވެސް ނޫނެވެ.

ބްރިޓިޝް ވޯގްގެ އަންނަ މަހުގެ އިޝޫގައި ކަވާ އަށް ތިބީ ވަރަށް ހާއްސަ މީހުނެވެ. މިއީ ކޮވިޑް-19 އަށް ލަންޑަނުގައި މަސައްކަތް ކުރާ އެތައް ސަތޭކަ ފްްރަންޓްލައިން ވޯކަރުންގެ ތެރެއިން ހާއްސަ ތިން މޫނެވެ.

ލަންޑަން އޯވަ ގްރައުންޑްގެ ރޭލު ދުއްވާ މީހަކާއި އީސްޓް ލަންޑަންގެ މިޑްވައިފް (ފޫޅުމާ) އެއްގެ އިތުރުން، ކިންގްސް ކްރޮސް ސުޕަމާކެޓުގެ މަސައްކަތްތެރި އެއް ވަނީ ޖުލައިގައި ނެރޭ މެގަޒިންގައި ފީޗާ ކޮށްފަ އެވެ. ފޮޓޯގްރާފަރު ޖޭމީ ހޯކްސްވޯތު ވަނީ މި ތިން މީހުންގެ 20 ޕޭޖުގެ ޕޯޓްފޯލިއޯ އެއް މެގަޒިން އަށް ނަގާދީފަ އެވެ.

"އެމީހުން އެ ދައްކުވައިދެނީ ޕެންޑެމިކް އެއްގައި އެތައް މިލިއަން މީހުންގެ ތެރެއިން ޔުނިފޯމް އަޅައިގެން މަސައްކަތަށް ނިކުތް މީހުން. މި ވަގުތަކީ ހާއްސަ ވަގުތެއް. ފްރަންޓްލައިން ވޯކަރުންނަށް ޝުކުރިއްޔާ" ވޯގްގެ އެޑިޓާ އިން ޗީފް ބީބީސީ އަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

ރޭޗަަލް މިލާ، މިޑްވައިފް އެއް

ހޮމަޓޮން ހޮސްޕިޓަލުގައި ކޮމިއުނިޓީ މިޑްވައިފް އެއްގެ ގޮތުގައި ރޭޗަލް މިލާ، 24، މަސައްކަތް ކުރާތާ މިހާރު ތިން އަހަރު ވެދާނެ އެވެ. ވޯގް ގެ ޓީމު އޭނާގެ ފޮޓޯ ނަގަން ދިޔަ އިރު އޭނާ ހުރީ ހޮސްޕިޓަލުގެ ޑިއުޓީގަ އެވެ. ބްްރިޓިޝް ވޯގް ގެ ކަވާ އަށް އެރުމަކީ ގަބޫލު ވެސް ނުކުރެވޭ ކަމެއް ކަމަށް އޭނާ ވަނީ ސިފަ ކޮށްފަ އެވެ. އަދި އާއްމުންގެ ފަަރާތުން ނެޝަނަލް ހެލްތު ސާވިސް އަށް ހީވެސް ނުކުރާ ފަދަ ލޯތްބާއި އިހުތިރާމް މިހާރު ލިބޭ ކަމަށް ފެންނަ ކަމަށް އޭނާ ބުންޏެވެ.

ނާގީސް ހޯސްފޯޑް

ލަންޑަންގެ ޓްރާންސްޕޯޓް ހިދުމަތުގައި ނާގީސް މަސައްކަތް ކުރާތާ 10 އަހަރު ވެއްޖެ އެވެ. އޭނާ ބީބީސީ އަށް ދިން އިންޓަވިއުގައި ބުނީ، ވޯގްގެ ޓީމުން އިންޓަވިއު އެއް ނަގަން ބޭނުންވެޔޭ އޭނާގެ މެނޭޖަރު ބުނުމުން ހީކުރީ އެއީ ސަމާސާ އެއް ކަމަށާއި ފަހުން އަސްލުކަން އެނގުމުން ވަރަށް އުފާވި ކަމަށެވެ. އަދި ހެލްތު ސެކްޓާގެ ވޯކަރުންނާ އެއްވަރަށް ފްރަންޓްލައިންގައި މަސައްކަތްކުރާ އެހެން ދާއިރާތަކުގެ މީހުންގެ މަސައްކަަތްތަށް ބަލައިގަތުމަކީވެސް މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

"ލަންޑަން ހުއްޓުމަކަށް ނައުމަށް އަހަރުމެން ކުރާ ބުރަ މަސައްކަތް ހައިލައިޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އަހަންނަކީ ފްރަންޓްލައިންގައި މަސައްކަތް ކުރާ އެތައް ބަޔަކު މަސައްކަތަށް ގެންގޮސްދޭ މީހަކަށް ވާތީ ފަހުރުވެރިވަން"

އަނީސާ އޮމަރު

ލަންޑަން ކިންގްސް ކްރޮސް ބްރާންޗް އޮފް ވެއިޓްރޯސްގައި ސުޕަމާކެޓް އެސިސްޓަންޓް އަކަށް މަސައްކަތް ކުރާ އަނީސާ އޮމަރު،21 އ ދެކޭ ގޮތުގައި ޕެންޑެމިކްގެ ސަބަބުން އޭނާގެ ވަޒީފާ އަށް ފަހުރެއް ލިބުނެވެ. މީގެ ކުރިން ނަމަ އޭނާގެ ވަޒީފާ ސުޕަމާކެޓެއްގައި މަސައްކަތް ކުރުމަކީ ވަރަށް އާދައިގެ ކަމެކެވެ. މިހާރު އެމީހުންނަކީވެސް މުހިއްމު މީހުން ކަމާއި ދުނިޔޭގައި ކޮންމެ ކަމެއް ހިނގި ކަމުގައި ވިޔަސް މިތަނުގައި ތިބެން ޖެހޭތީ މަސައްކަތުގެ މުހިއްމުކަން އިހުސާސް ކުރެވޭ ކަމަށެވެ. މިހާރު މިއީ ހަމަ އެކަނި ވަޒީފާ އެއްގެ ގޮތުގައި ސިފަ ނުކުރެވޭ ކަމަށް އަނީސާ ވަނީ ބުނެފަ އެވެ.

ވޯގްގެ ކަވާ ގައި ފީޗާ ކުރި ތިން މީހުންނަށް އެތައް ބަޔަކު ދަނީ ތަރުހީބު ދެމުންނެވެ. އަދި މިއީ މި އަހަރުގެވެސް ހީރޯ އިންގެ ގޮތުގައި ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.