ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ފިއުލް ފާމް: ފަޔާ ފައިޓިން ޕްލެޓްފޯމްގެ ބައެއް ނިމިއްޖެ

Jun 6, 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ފިއުލް ފާމްގައި ހިމެނޭ ފަޔާ ފައިޓިން ޕްލެޓްފޯމުގެ މުހިންމު މަސައްކަތްތަކެއް ނިންމާލައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ފިއުލް ފާމުގައި އަލިފާން ނިވަން ތައްޔާރު ކުރާ ފަޔާ ފައިޓިން ޕްލެޓްފޯމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ފަޔާ ފައިޓިން ޕްލެޓްފޯމްގައި ހިމެނޭ ބްރެސްޓިން ޑޮލްފިންގެ ސްޓްރަކްޗާ (އަލިފާން ނިއްވަން އަޑިން ފެންނަގަން ހަދާ ބައި) ގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ފިއުލް ފާމްގައި މިހާރު ނިމިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޖެޓްފިއުލް އާއި ޕެޓްރޯލާއި ޑީސަލް ރައްކާ ކުރުމަށް ހަދާ ޓޭންކްތައް ހިމެނެ އެވެ. މީގެ އިތުރުން އެއާސައިޑް ޑިސްޕެންސިން ސްޓޭޝަން ޓޭންކް އިންސްޓޯލު ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

ފިއުލް ފާމްގެ މަސައްކަތް ކުރަނީ ވީއައިއޭގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. މި މަޝްރޫގެ އަގަކީ 373 މިލިއަން ޑޮލަރެވެ. އެތަނުގައި މިދިޔަ އަހަރު ވަނީ ތެޔޮ ރައްކާކުރާ ޓޭންކްތައް ހަދާ ނިންމާފަ އެވެ. އެތަނުގައި ހަދާ ފަޔާ ފައިޓިން ސްޓޭޝަނަށް ބޭނުންވާ ލޮނު ނަގާނީ ކަނޑުގެ 11 މީޓަރު އަޑިންނެވެ.

ފިއުލް ފާމުގައި މިހާރު އެންމެ ހަލުވިކޮށް ކުރިއަށްދާ އަނެއް މަސައްކަތަކީ ތެޔޮ ހިފައިގެން އަންނަ ބޮޑެތި ބޯޓު ފަހަރު ކައިރި ކުރެވޭނެ ބަނދަރު ނުވަތަ ފިއުލް ޖެޓީގެ މަސައްކަތެވެ. ފިއުލް ޖެޓީ ހަދަނީ 45،000 މެޓްރިކް ޓަނުގެ ބިޔަ ބޯޓަރު ފަހަރު ކައިރި ކުރެވޭ ގޮތަށެވެ. މިތަނަށް ބޯޓު ފަހަރު ކައިރި ކުރުމަށް ފަހު ތެޔޮ ހުސް ކުރާނީ ކައިރީގައިވާ ބޮޑު ތިން ތާނގީ އަށެވެ.

މި މަޝްރޫއުގެ ދަށުން ހަދާ ފިއުލް ފާމްގެ ފުރަތަމަ ބައިގައި ތިން ތާނގީ ހުރެ އެވެ. އެތަން ފަރުމާ ކޮށްފައި ވަނީ ތެޔޮ ތާނގީތައް އިތުރު ވެސް ކުރެވޭ ގޮތަށެވެ. މި ފާމްގައި ބަނދެ ބަހައްޓާ ކޮންމެ ތާނގީއެއްގައި 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ.

މިހާރު މުޅި އެއާޕޯޓަށް ލިބެނީ ވެސް 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރުމުގެ ގާބިލް ކަމެވެ. މި ތާނގީތަކުގެ އުސް މިނުގައި 44 ފޫޓު ހުރެ އެވެ. އަދި އެތެރޭގެ ވަށަމިނުގައި 121.391 ފޫޓު ހުރެ އެވެ. ތާނގީތައް ނިމުމުން މުޅި އެއާޕޯޓުގައި ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން 45،000 މެޓްރިކް ޓަނަށް އިތުރު ވެގެންދާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.