ރިޕޯޓް

ކޮލަމްބޯ ފިހާރަތަކުގައި "މުއްސަނދި" ދިވެހިން!

Sep 25, 2015
1

 "މި ތަނުން ވިޔަފާރިކުރާ މީހުންގެ ބޮޑު ބަޔަކީ ދިވެހިން. ވަރަށް ގިނައިން ދިވެހިން ވިޔަފާރިކުރޭ،" ކޮލަމްބޯގެ މަޝްހޫރު "ނޯލިމިޓް" ފިހާރާގައި މަސައްކަތް ކުރާ ސޭލް މަނެއްގެ ކައިރީގައި ދިވެހިން ވަރަށް ގިނައިން އެހުމުން ލިބުނީ މި ޖަވާބެވެ.

އީދާ ދިމާކޮށް ވިޔަފާރިކުރުމަކީ ދިވެހިންގެ އާއްމު އާދަ އެވެ. ހާއްސަކޮށް އީދު ޗުއްޓީގައި އާއިލާ އެއްކޮށް ވަގުތު ހޭދަ ކުރުމަށް ރާއްޖޭން ބޭރަށް ދެ އެވެ. މި ދަތުރުގައި ބޮޑު ހޭދައެއް ކުރެ އެވެ. ނަމަވެސް މި އަހަރު އެކަން މުޅިން ތަފާތެވެ. މި އަހަރަކީ ރާއްޖެއާ އަވަށްޓެރި ގައުމުތަކަށް ދިވެހިން އެންމެ ގިނައިން އަރާނެ އެއް އަހަރަށް ވާނެ އެވެ. ހާއްސަކޮށް ސްރީލަންކާއަށް މިއަހަރު ގިނަ ބަޔަކު ވަނީ ގޮސްފަ އެވެ. އަދިވެސް ދަނީ އެވެ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ، ބޮޑެތި ޝޮޕިން މޯލްތަކާއި ވިޔަފާރީގެ މަރުކަޒުތަކުގައި ދިވެހިން މިހާރު ވަރަށް ގިނަ އެވެ. މިގޮތުން ދިވެހިން އާއްމު ގޮތެއްގައި ގޮސް އުޅޭ "އެމްސީ" ހުޅުވާއިރު ދިވެހިން "ކިޔޫ" ގައި ތިބެ އެވެ. އެތަނުން ދިމާވާ ކޮންމެ މީހެއްގެ އަތުންވެސް ބޮޑެތި އޮންނައުނު ކޮތަޅު ފެނެއެވެ. މި ސަބަބާހުރެ، ކޮލަމްބޯގެ ގިނަ ފިހާރަތަކުގައި ދިވެހިންގެ މަގުބޫލުކަން ވަރަށް ބޮޑެވެ. ހާއްސަކޮށް ދިވެއްސެއް ވިޔަފާރިކުރަން ގޮސްފިނަމަ، ކޮންމެ މީހަކު ވެސް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރާނެކަން އެމީހުންނަށް އެނގެ އެވެ.

ލަންކާއަށް ޝޮޕިންނަށް ގޮސްތިބި ބައެއް ދިވެހިންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި ދިވެހިން އާއްމުކޮށް 500 ޑޮލަރާއި 1000 ޑޮލަރު (ލަންކާގެ 70،500-141،000 ރުޕީސް) ގެ ވިޔަފާރި ކުރާނެ އެވެ. މިއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް (7،710ރ. އާއި 15،420ރ.) އާ ދެމެދުގެ އަދެކެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންގެ މެދުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިދިޔަ އަހަރު ކުރި "ވިޒިޓް އެބްރޯޑް ސާވޭ" އިން ދެއްކި ގޮތުގައި ދިވެހިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަން ދަތުރުކުރަނީ ސްރީލަންކާ އަށެވެ. މި ޗުއްޓީގައި މީހެއްގެ ބޮލަކަށް ގާތްގަނޑަކަށް 631 ޑޮލަރުގެ ހޭދައެއް ކުރެ އެވެ.

މިވަރުގެ ބޮޑު ހޭދައެއް ދިވެހިން ކުރަމުން ގެންދާތީ ބޮޑެތި ޝޮޕިން ސެންޓަރުތަކުގައި ތިބޭ މުވައްޒަފުންގެ މެދުގައި ދިވެހިން މަޝްހޫރުވެފައި ވަނީ ވަރަށް މުއްސަނދި ބައެއްގެ ގޮތުގަ އެވެ. ޖީބުގައި ލާރި އޮންނަ ބައެއްގެ ގޮތުގަ އެވެ.

"އެމްސީ" ތެރޭގައި ހުރި އައިނު ވިއްކާ ފިހާރައެއްގެ ސޭޓަކު ބުނި ގޮތުގައި ދިވެހިން ގިނަ އަދަދަކަށް ވިޔަފާރިކުރާނެ އެވެ.

"ދިވެހިންގެ ގިނަބަޔަކު މި ތަނުން ވިޔަފާރިކުރޭ. ގިނަ އަދަދަކަށް އެއްޗިހި ގަންނާނެ،" އައިނު ވިއްކާ ފިހާރައެއްގެ މުވައްޒަފަކު ބުންޏެވެ.

ކޮލަމްބޯގެ މަގުތަކަށް ބަލައިލުމުން އީދު ޗުއްޓީގައި އެ ގައުމަށް ދިވެހިން ގޮސްފައި ތިބިވަރު އެނގެ އެވެ. ބޮޑެތި ބައެއް ޝޮޕިން ފިހާރަތައް ކަމަށްވާ "ފެޝަން ބަގް" އާއި "ނޯލިމިޓް" ގެ އިތުރުން ކުޑަކުދިންގެ އަންނައުނު ވިއްކާ ފިހާރަތަކުން ވެސް ދިވެހިން ފެންނަލެއް މަދެއް ނޫނެވެ. މި ފިހާރަތަކުން ދިވެހިން ނުފިލަ އެވެ.

ދިވެހިންގެ ގިނަ ބަޔަކު ދަތުރުކުރާ ސްރީލަންކަން އެއާލައިންސުން ބުނި ގޮތުގައި މި އީދަކީ އެންމެ ގިނައިން ދިވެހިން ސްރީލަންކާ އަށް ދިޔަ އެއް ބަންދެވެ. މި އީދުގައި އެ އެއާލައިނުން އެކަނި ވެސް 11،000 އަށްވުރެ ގިނަ މީހުން ސްރީލަންކާ އަށް ދާނެ އެވެ. މީގެ އިތުރުން ގަތަރު އެއާވޭސް ވެސް ގިނަ އަދަދެއްގެ ދިވެހިން ސްރީލަންކާއަށް ދަތުރުކުރާނެ އެވެ.

އީދު ޗުއްޓީއާ ދިމާކޮށް ލަންކާއަށް ގޮސްތިބި އާއިލާއެއްގެ މެންބަރަކު ބުނި ގޮތުގައި އެ މީހުން ލަންކާއަށް ދާ އެއް ސަބަބަކީ ޓިކެޓުގެ އަގު ހެޔޮވެފައި ވިޔަފާރިކުރަން ފަސޭހަވުމެވެ.

"ގާތްގަނޑަކަށް 60 ޑޮލަރު ވަރަށް ރަނގަޅު އެޕާޓްމަންޓެއް ލިބޭ. އެތަނުގައި އާއިލާ އެއްކޮށް ތިބެވޭނެ. ޕްރައިވެސީ އޮންނާނެ. ދެން އޮންނާނީ ޓްރެވަލް، އެހާ އަގު ބޮޑެއް ނޫން. އެހެންވެ ތަންކޮޅެއް ދުރަށް ޖައްސާލާފައި ގޮސް ވެސް ރަނގަޅަށް ވިޔަފާރިކޮށްލެވޭ. އެހެންވެ މި ތަނަށް އަންނަނީ،" ކޮލަމްބޯގައި އާއިލާ ގޮވައިގެން ގޮސް ހުރި ފާތުމަތު ހަލީމް ބުންޏެވެ.

ކޮންމެއަކަށް ދިވެހިން މި އީދުގައި ކޮލަމްބޯގައި ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އަތްމަތި ތަނަވަސް ބައެއްކަން ދައްކާލަމުންނެވެ؟ މިކަމުގެ ސަބަބުން ކޮލަމްބޯގެ ޝޮޕިން ސެންޓަރުތަކުގެ މީހުންގެ ނަޒަރުގައި ދިވެހިންނަކީ ވަރަށް މުއްސަނދި ބައެކެވެ.