ބޮލީވުޑް

މިދިޔަ 12 މަސް ތެރޭ އެންމެ ކާމިޔާބު ބަތަލާއަކީ ތާޕްސީ

ބޮލީވުޑްގައި މިހާރު ހަރަކާތްތެރިވާ ހުރިހާ ބަތަލާއިންގެ ތެރެއިން ވެސް ފާއިތުވީ 12 މަސް ތެރޭ އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވާ ތަރިއަކީ ތާޕްސީ ޕަންނޫ އެވެ. ނަމަވެސް މިހާ ކާމިޔާބު އެކްޓަރަކަށް އޭނާ ވީ ކަމެއް ހުދް ތާޕްސީ އަކަށް ވެސް ނޭނގެ އެވެ.

އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި ތާޕްސީގެ ފިލްމުތަކަށް ފާއިތުވީ 12 މަސް ތެރޭ 352 ކްރޯޑު ލިބިފައި ވެއެވެ. މި ހަބަރު ކިޔާފައި ތާޕްސީ ދީފައިވާ އިންޓަވިއު އެއްގައި ބުނީ އެއްގޮތަކަށް ވެސް މިކަން އެނގިފައި ނެތް ކަމަށެވެ. ކަރަންޓީނުގައި މި ހޭދަކުރާ ދުވަސްތަކުގައި މިކަމާ މެދު އިތުރަށް ވިސްނާލާނެ ކަމަށް ވެސް އޭނާ މަޖަލަކަށް ބުންޏެވެ.

ފާއިތުވީ އަހަރު ތެރޭގައި ތާޕްސީގެ ފަސް ފިލްމެއް ރިލީޒްކޮށްފައި ވެއެވެ. "މިޝަން މަންގަލް"، "ގޭމް އޯވާ"، "ބަދްލާ"، "ސާންޑް ކީ އާންކް" އަދި "ތައްޕަޅް" އެވެ. ފުރަތަމަ ހަތަރު ފިލްމު ރިލީޒްކުރީ 2019 ގައެވެ. އަދި ތައްޕަޅް" ރިލީޒްކޮށްފައިވަނީ މިއަހަރުގެ މާޗް މަހު އެވެ.

ކޮރޯނާވައިރަހުގެ ބިރާ ހެދި ސިނަމާތައް ބަންދުކުރަންދެން މި ފިލްމު ތިއޭޓަރުތަކުގައި ދައްކަމުން ދިޔަ އެވެ. ފަސް ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބުގެ އިތުރުން ހަމަ ކޮންމެ ފިލްމަކުން ވެސް ތާޕްސީ ކުޅޭފައިވާ ކެރެކްޓާތަކަށް އޭނާއަށް ވަރަށް ބޮޑަށް ކްރިޓިކްސްގެ ތައުރީފު ލިބުނެވެ.

ތާޕްސީގެ މި ކާމިޔާބީގެ ވާހަކައަށް ބަތަލާ ދިއާ މިރްޒާ ވެސް ވަނީ ޓުވިޓާގައި އޭނާއަށް ތަހުނިޔާ ކިޔާފަ އެވެ. ފިލްމުތައް ހިޔާރުކުރުމުގައި ތާޕްސީ މޮޅުކަމުން ފަހުރުވެރިވާ ކަމަށް ދިޔާ ބުނެފައި ވެއެވެ. ހަމަ އެއާއެކު ތާޕްސީގެ ފޭނުން ވެސް ސޯޝަލް މީޑިއާގައި މިކަމާ އުފާކޮށް ތާޕްސީ އަށް ދަނީ ތައުރީފުކޮށް މަރުހަބާ ކިޔަމުންނެވެ.

"ބޮލީވުޑްގެ މޫނުމަތި ބަދަލުކޮށްލި ބަތަލާ އަކީ ތާޕްސީ. ހަމައެކަނި ލޯބީގެ ފިލްމުތައް ކުޅުމުގައި ބަދަލުގައި ތާޕްސީ ވަނީ އެކި ކަހަލަ ފިލްމުތަކުގައި ވަރަށް މޮޅު ހުނަރު ދައްކާފައި،" ތާޕްސީގެ ފޭނެއްގެ ޓުވީޓްގައި ވެއެވެ.

ކުރިއަށް ރިލީޒްކުރަން ވެސް ތާޕްސީގެ ވަރަށް ތަފާތު މޮޅު ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ރަޝްމީ ރޮކެޓް"، "ހަސީން ދިލްރުބާ" ފާހަގަ ކޮށްލެވެ އެވެ.