ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެޕްރީލްގައި ރިސޯޓު ކުއްޔަށް ދެއްކި އަދަދު އިތުރު

މި އަހަރުގެ އެޕްރީލް މަހު ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ދެއްކި ފައިސާގެ އަދަދު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމު ކުރި ހިސާބުތަކުގައިވާ ގޮތުން ކުއްޔަށް ދީފައިވާ ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި މިދިއަ އެޕްރީލް މަހު 133 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

އޭޕްރީލް މަހު ބިމު ކުލި ދެއްކި އަދަދު އިތުރުވީ ނަމަވެސް މި އަހަރުގެ މިހާތަނަށް ބިމު ކުލިން ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މި ދަށްވުން އައިސްފައިވަނީ މާޗް މަހުން ފެށިގެން ރާއްޖޭގައި ޓޫރިޒަމް ހަރަކާތްތައް އެއްކޮށް ހުއްޓިފައިވުމުންނެވެ.

މި އަހަރުގެ މިހާތަނަށް ރިސޯޓުތަކުން ކުލީގެ ގޮތުގައި ލިބިފައިވަނީ 307.2 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ކުލީގެ ގޮތުގައި 459.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮވިޑް ރޯގާ ދުނިޔޭގައި ފެތުރެން ފެށުމާއެކު ޓޫރިސްޓުން އައުން ހުއްޓި ރާއްޖޭގެ ޓޫރިޒަމް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ، ރާއްޖޭގެ ޓޫރިޒަމް ހުއްޓުނުއިރު ރާއްޖޭގައި 140 ރިސޯޓެއް ހިންގަމުން ދިޔަ އެވެ. އަދި އޮޕަރޭޝަނަށް އަންނަން ތައްޔާރުވެފައި ރިސޯޓްތައް ވެސް ހުއްޓެވެ. އެނދުގެ އަދަދު ހުރީ 50،000 އަށް އަރާފަ އެވެ.