ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖޭގެ މެޗުތައް އޮކްޓޯބަރު އަދި ނޮވެމްބަރުގައި ކުޅެން އޭއެފްސީން އަލުން ތާވަލު ކޮށްފި އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭ ގައެވެ. ކޮލިފިކޭޝަން ގުރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގައި ރާއްޖެއަށް ބާކީ އޮތީ ތިން މެޗެވެ. ކުރިން ހަމަޖެހިފައިވާ އޮތް ގޮތުން ޗައިނާ އާއި ރާއްޖޭގެ މެޗު ކުޅެން ހަމަޖެހިފައި އޮތީ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.
އެ މެޗަށް ތައްޔާރު ވުމަށް، ގައުމީ ޓީމަށް އާ ހެޑް ކޯޗަކާއި ދެ އެސިސްޓެންޓް ކޯޗުން ހަމަޖެއްސުމަށް ފަހު ފެބްރުއަރީ މަހު ޓީމުގެ ޕްރެކްޓިސްތައް ވެސް ފެށި އެވެ. ހެޑް ކޯޗް ނެދާލޭންޑްސްގެ މާޓިން ކޫޕްމަން އާއި އެސިސްޓެންޓް ކޯޗުން ކަމަށްވާ ރާއްޖޭގެ އަލީ ސުޒޭން އާއި ނެދާލޭންޑްސްގެ ރެނޭ ހިޑިންކްގެ ބެލުމުގެ ދަށުން ހަފުތާއަކު ތިން ދުވަހު ރާއްޖެއިން ޕްރެކްޓިސް ކުރަމުން ދިޔައީ، ޗައިނާގައި މެޗު ނުކުޅެވޭނަމަ ނިއުޓްރަލް ވެނޫއެއްގައި މެޗު ކުޅުމަށެވެ.
މިދިޔަ އަހަރު ޑިސެމްބަރު 19 ވަނަ ދުވަހު ޗައިނާގެ ވުހާން އިން ފެނުނު ކޮވިޑް-19 ގެ ބަލި މަޑުކަން އޭރު އެ ގައުމުގައި ދިޔައީ ބާރު ސްޕީޑްގައި ފެތުރެމުންނެވެ. އެހެންވެ ފެބްރުއަރީ މަހު އޭއެފްސީން ނިންމީ އެ މެޗު ތައިލެންޑްގައި ކުޅުމަށެވެ. ނަމަވެސް މާޗް މަސް ފެށުނު ފަހުން އޭޝިއާގެ އެހެން ސަރަހައްދުތަކަށް ވެސް ބަލިމަޑުކަން ފެތުރުމުން ފީފާއިން ނިންމީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ހުރިހާ މެޗުތަކެއް ސަސްޕެންޑް ކުރުމަށެވެ.
ސަސަޕެންޑް ކުރި މެޗުތަކުގެ ތެރޭގައި ސީރިއާ އާ ދެކޮޅަށް މާލޭގައި މާޗް މަހުގެ 31 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗު އަދި އޭރު ޝެޑިއުލްކޮށްފައި އޮތް ގޮތުން މާދަމާ ފިލީޕީންސްގައި ރާއްޖެއިން އެ ގައުމާ ދެކޮޅަށް ކުޅޭ ގޮތަށް އޮތް މެޗުވެސް ސަސަޕެންޑް ކުރީ އެވެ.
މި ހަފަުތާގައި އޭއެފްސީން ވަނީ މެޗުތައް އަލުން ރީ ޝެޑިއުލް ކޮށްފަ އެވެ. ޗައިނާ އާއި ރާއްޖޭގެ މެޗު މިހާރު ކުޅެން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.
ރާއްޖޭގައި ކުޅުނު މެޗުން 5-0 ން ޗައިނާ މޮޅުވި ނަމަވެސް ކޮލިފިކޭޝަންގައި ޗައިނާގެ ނަތީޖާތައް ރަނގަޅު ނުވުމުން އެ ޓީމުގެ ކޯޗް ކަމުން އިޓަލީގެ މާސެލޯ ލިއްޕީ މިދިޔަ އަހަރު އިސްތިއުފާ ދިނެވެ. އެއީ މިދިޔަ އަހަރު ޗައިނާގެ ކޯޗް ކަމުން އޭނާ އިސްތިއުފާ ދިން ދެ ވަނަ ފަހަރެވެ. ރާއްޖޭގެ ކުރީގެ ކޯޗް ޕީޓާ ޝެގަޓް މަގާމުން ވަކި ކުރީ ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ހޯދި ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ޗައިނާގެ ކޯޗް ކަމަށް ޖަނަވަރީ މަހު ހަމަޖެއްސީ އެވަޓަން އަށް ކުރިން ކުޅުނު ޗައިނާ މިޑްފީލްޑާ ލި ޓައި އެވެ.
ޗައިނާގެ ހޯމް މެޗަށް ފަހު، ސީރިއާ ދެކޮޅަށް މާލޭގައި ކުޅެން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 13 ގަ އެވެ. ފިލިޕީންސްގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗު ތާވަލު ކޮށްފައި ވަނީ ނޮވެމްބަރު 17 އަށެވެ.
މި ގުރޫޕްގެ އެއް ވަނައިގައި އޮތީ، ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ޗައިނާ ދެ ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ހަޕް ޕޮއިންޓް ހޯދައިގެނެވެ. ފަސް މެޗުން ފިލިޕީންސަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ރާއްޖެއަށް ހަ ޕޮއިންޓެވެ. ގުއާމް އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.