ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެންމެ ފަހު މީހާ ރަނގަޅުވެ، ނިއުޒީލެންޑްގެ ލޮކްޑައުން ނަގައިފި

Jun 8, 2020

ކްރައިސްޓްޗާޗު (ޖޫން 8) - ނިއު ޒީލެންޑުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ފަހު މީހާ އެ ބަލިން ރަނގަޅުވުމާއެކު، އެ ގައުމުގައި އަޅާފައިވާ ލޮކްޑައުން އުވާލައި، އާއްމު ދިރިއުޅުމަށް އެނބުރި ދިއުމުގެ މަރުހަލާ ފަށަން ތައްޔާރު ވެއްޖެ އެވެ.

އެކަން އިއުލާނު ކުރައްވަމުން ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ، ފިޔަވަޅުތައް ލުއިކުރި ނަމަވެސް، ވައިރަހާ ދެކޮޅަށް ސަރުކާރުގެ ސަމާލުކަން ކުޑަނުކުރައްވާނެ ކަމަށާއި، އަދި މިހާރު ހީނަރުވެފައިވާ އިގުތިސޯދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މި ވަގުތަށް މުޖުތަމައު ތެރޭގައި ބަލި ފެތުރުން މި ވަނީ ހުއްޓުވިފައި. އެކަމަކު، އެ މަސައްކަތެއް އަދި ނުނިމޭ،" ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުން އެކަމަނާ ވިދާޅުވި އެވެ.

އެގޮތުން، ނިއު ޒީލެންޑު ގަޑިން މިއަދުގެ މެންދަމު 12:00 އިން ފެށިގެން ލޮކްޑައުން އުވާލެވިގެންދާނެކަމަށް އާޑަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އެ ވަގުތުން ފެށިގެން، ފިހާރަތަކާއި، ރެސްޓޯރަންޓުތަކާއި އޮފީސްތައް ފަދަ ތަންތަން އަލުން ހުޅުވުމުގެ ހުއްދަ ލިބިގެންދާނެ އެވެ. އަދި މީގެ ފަހުން ގައިދުރުކުރުން ފަދަ ފިޔަވަޅުތައް ވެސް ކޮންމެހެން ލާޒިމެއް ނުވާނެ އެވެ.

ނިއު ޒީލެންޑުގައި އެންމެ ފަހުން އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ މީގެ 17 ދުވަސް ކުރިންނެވެ. އަދި މިއަދު އެ ބައްޔަށް ފަރުވާ ދެމުންދާ އެންމެ ފަހު މީހާ ވަނީ ދޫކޮށްލެވިފަ އެވެ.

ބަލި ފެތުރެން ފެށުމާއެކު، ބޯޑަރުތައް ބަންދުކޮށް، މުޅި ގައުމު ލޮކްޑައުންކުރި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އަދި ބަލި ފެތުރުން ހިފެހެއްޓުމުގެ ބަދަލުގައި، ކްލަސްޓާތައް ދުރާލައި ދެނެގަނެ، ބަލި ފެތުރުން ހުއްޓުވުމަށް އެ ގައުމުން ގެންގުޅު ސިޔާސަތަށް ސިއްހީ މާހަރުން ވަނީ ތައުރީފުކޮށްފަ އެވެ.

އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ގާތްގަނޑަކަށް 1،500 ގައި ހުރި އިރު، އޭގެ ތެރެއިން 22 މީހުން ވަނީ މަރުވެފަ އެވެ.