ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާއަށް އެތެރެވާ ޓޫރިސްޓުން ތިން ފަހަރަށް ޓެސްޓު ކުރާނެ

Jun 8, 2020

ކޮލޮމްބޯ (ޖޫން 8) - ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވުމާ ގުޅިގެން އަންނަ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ ބޯޑަރުތައް އަލުން ދުނިޔެއަށް ހުޅުވާލާއިރު، ލަންކާއަށް އެތެރެވާ ޓޫރިސްޓުން ތިން ފަހަރު މަތިން އެ ބައްޔަށް ޓެސްޓު ކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިއަ މާޗު މަހުން ފެށިގެން ބޭރު ގައުމުތަކުގެ މީހުން އެތެރެވުން މަނާ ކޮށް ލަންކާގެ ހުރިހާ އެއާޕޯޓުތައް ވަނީ ބޭރުގެ ފްލައިޓުތަކަށް ބަންދު ކޮށްފަ އެވެ.

ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، އެއާޕޯޓުތައް އޯގަސްޓް 1 އިން ފެށިގެން ހުޅުވާލަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، މިހާރު ހުއްޓިފައިވާ ޓޫރިޒަމް ސިނާއަތް އަލުން ހިންގަން ފެށުމަށްޓަކައި، ކޮވިޑް-19 އިން ރައްކާތެރިކަމުގެ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ.

އޯގަސްޓުން ފެށިގެން ލަންކާއަށް ދާ ޓޫރިސްޓުންނަށް އެތެރެ ވެވޭނީ، ފްލައިޓަށް އެރުމުގެ 72 ގަޑިއިރު ކުރިން ދޫކޮށްފައިވާ ކޮވިޑް-19 ނެތް ކަމުގެ ސެޓުފިކެޓެއް އޮތް ނަމަ އެވެ. އަދި އޭގެ ސެޓުފިކެޓެއް އޮތް ފަރާތްތައް ވެސް، އެއާޕޯޓުގައި އެ ބައްޔަށް ޓެސްޓު ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުން ދެ ވަނަ ޓެސްޓެއް ހަދާއިރު، 10 ދުވަހަށް ވުރެ ގިނައިން ލަންކާގައި ތިބޭ ނަމަ، ތިންވަނަ ޓެސްޓެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މިހާރު ޓެސްޓުގެ ނަތީޖާ ލިބެން އެއް ދުވަސް ނަގާ ނަމަވެސް، އޯގަސްޓް މަސް ފެށެންވާއިރަށް ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނަތީޖާ ލިބުން އަވަސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ޓޫރިސްޓުންގެ ގޮތުގައި ލަންކާއަށް އެތެރެ ވެވޭނީ މަދުވެގެން ފަސް ދުވަހު ގައުމުގައި ތިބޭ ފަރާތްތަކަށެވެ.

"މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވިޔަސް، މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެކަމެއް،" ލަންކާގެ ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓެސްޓު ކުރުމުގެ އިތުރުން، ޓޫރިސްޓުން އަތުން ނަގާ 40 އެމެރިކާ ޑޮލަރުގެ ވިސާ ފީ، މިހާރު ވަނީ 100 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އަދި ޓޫރިސްޓުންނަށް އައިސް ތިބެވޭނީ، މިނިސްޓްރީން ހުއްދަ ދީފައިވާ ހޮޓާއަދި ރިސޯޓު ފަދަ ތަންތަނުގައި އެކަނި ކަމަށްވެސް ވަނީ ނިންމައިފަ އެވެ. އަދި ލަންކާގައި ތިބޭ ދުވަސްތަކުގައި، އެއްވެސް ބާވަތެއްގެ ޕަބްލިކް ޓްރާންސްޕޯޓެއް ބޭނުމެއް ނުކުރެވޭނެ އެވެ.

މިދިއަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފުރަތަމަ ކޭސް ފެނުނު ފަހުން، ލަންކާގައި މިހާތަނަށް 1،801 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 11 މީހަކު ވަނީ މަރުވެފަ އެވެ.