ދުނިޔެ

އުތުރު ކޮރެއާ އިން ދެކުނާއެކު މުވާސަލާތީ ގުޅުން ކަނޑާލައިފި

Jun 9, 2020

ޕިޔޮންޔޭންގް (ޖޫން 9) - އުތުރު ކޮރެއާގެ ވެރިންނަށް ފާޑުކީ މައްސަލާގައި، ދެކުނު ކޮރެއާ އާއެކު އޮންނަ ރަސްމީ މުވާސަލާތީ ގުޅުން ކަނޑާލައިފި އެވެ.

ދެކުނު ކޮރެއާ އަކީ ދުޝްމަނެއްކަމަށް ބުނެ، މުވާސަލާތީ ގުޅުން ކަނޑާލުމަކީ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި އިތުރު ކޮރެއާ އިން ވަނީ ބުނެފަ އެވެ.

އެގޮތުން، ދެ ގައުމު ގުޅޭ ބޯޑަރުގައި 2018 އިގެ މަޝްވަރާތަކަށްފަހު ގާއިމުކޮށްފައިވާ ލިއޭޒޯން އޮފީހުގެ މެދުގައި ކޮންމެ ދުވަހަކު މަޝްވަރާކުރުމަށް ކުރެވޭ ފޯނު ކޯލުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

އަދި ދެ ގައުމުގެ ވެރިންގެ މެދުގައި ގާއިމުކޮށްފައިވާ ހޮޓްލައިންގެ އިތުރުން އަސްކަރިއްޔާ އާ ދެމެދު އޮންނަ މުވާސަލާތީ ގުޅުންވެސް ވެސް ވަނީ ކަނޑާލައިފަ އެވެ.

މިފަހަރު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދުނީ، އުތުރު ކޮރެއާގެ ސަރުކާރަށް ފާޑުކިޔާފައިވާ ލީފްލަޓުތަކެއް، ގައުމު ދޫކޮށް ދެކުނުގައި ދިރިއުޅެމުންދާ މީހުން ފޮނުވި މައްސަލައިގަ އެވެ.

އެކަން ކުރަމުންދަނީ، ދެކުނު ކޮރެއާއިން ހިތްވަރުދީގެން، އުތުރު ކޮރެއާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ހަމަޖެހުން ނަގާލަން ހިތްވަރު ދިނުމަށްކަމަށް އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.