ހަބަރު

ހުރާ ފެރީ ކަނޑުމެދަށް ހުއްޓުމުން، ކޯސްޓް ގާޑުން އެންމެން މާލެ ގެނެސްފި

Sep 26, 2015

ކ.ހުރާއިން ފުރައިގެން 100 މީހުންނާ އެކު ދަތުރު ކުރި، ދިރާސާ ފެރީ އިންޖީނު ހުއްޓިގެން އޭގެން ދަތުރު ކުރި އެންމެން ކޯސްޓް ކާޑުން މާލެ ގެންނަން ފަށައިފި އެވެ.

ހުރާ ދިރާސާ ފެރީ ހުއްޓުނީ މިއަދު ހެނދުނު 9:30 އެހާކަން ހާއިރު މާލެ އަތޮޅު ފުލްމޫން ބީޗް ރިސޯޓާ ދިމާ ކަނޑުމެދަށެވެ. އަދި އިންޖީނު ހެދޭތޯ ކުރި މަސައްކަތް ނާކާމިޔާބުވުމުން ކޯސްޓް ގާޑަށް ގުޅައި އެހީއަށް އެދުނެވެ. އެ ފެރީގައި ހުރި މީހަކު ބުނީ ކޯސްޓް ގާޑުން 15 ވަރަކަށް މިނެޓްގެ ތެރޭގައި ފެރީ ކައިރިއަށް އައިސް މީހުން މާލެ ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސިފައިން ހުރާ ފެރީއަށް އެހީވުމުގައި ސީޖީ ލޭންޑިން ކްރާފްޓާއި ހާބަރު ލޯންޗެއް އެހީތެރިވަމުން އަންނަ ކަމަށެވެ. މިހާތަނަށް 24 މީހަކު މާލެ ގެނެސްފައިވާ ކަމަށް ކޯސްޓްގާޑުން ބުންޏެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވެ ބޯކޮށް ވާރޭ ވެހޭތީ ކަނޑު ދަތުރުތައް ފެށުމުގެ ކުރިން އެ ދަތުރެއްގެ މައުލޫމާތު ފުލުހުންނާއި ސިފައިންނާ ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. އަދި ރައްކާތެރި ކަމަށް ބެލުމަށް ފަހުގައި ނޫނީ ކަނޑުދަތުރުތަކަށް ނުނިކުތުމަށް އިއްޔެ އިލްތިމާސްކޮށްފައިވެ އެވެ.