ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓްގެ މަަސައްކަތެއް ނެތި އަހަރު ދުވަސް

Jun 11, 2020
3

ފަރެސްމާތޮޑާ އެއާޕޯޓްގެ މަަސައްކަތް ނުފެށި ލަސްވަމުން ދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. މި އެއާޕޯޓުގެ ބިން ހިއްކާ ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. ފަރެސްމާތޮޑާގައި އަޅަނީ 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާއި އޭޕްރަން އެއް އަދި ޕެސެންޖަރު ޓާމިނަލް އެކެވެ. ބިން ހިއްކުމުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

ބިން ހިއްކާ ނިމިފައިވާ، ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތެއް ނުކުރާތާ އަހަރު ދުވަސް ވަނީ ވެފައެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ ބިން ހިއްކާ، ރިވެޓްމަންޓް ޖެހި ފަހުން އެއާޕޯޓްގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ސަރުކާރަށް ދޮޅު އަހަރު ވެގެންދިޔައިރު އެއާޕޯޓްގެ މަސައްކަތް ނުފެށި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވީ އެއާޕޯޓްގެ ނުނިމިހުރި މަސައްކަތްތައް ކުންފުންޏަކާއި ހަވާލު ކުރަން ޓެންޑަރަށް ލާފައިވާ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާގެ ފަރާތްޕުޅުން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އިތުރު އެއްވެސް މައުލޫމާތެއް ސާފުވެފައި ނުވާ ކަމަށެވެ.

"މިހާރު ބަރާބަރު އަހަރު ދުވަސްވީ އެއާޕޯޓްގެ އެއްވެސް މަސައްކަތެއް ނުކުރާތާ އެންމެ ފަހުން އިވުނީ ޓެންޑަރަށް ލީ ވާހަކަ، އޭގެ ފަހުން އިތުރު އެއްވެސް މައުލޫމާތެއް ނުލިބޭ." ނަސްރުﷲ ވިދާޅުވި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އިއުލާނު ކޮށްފައިވާ ކަމަށް މި އަހަރުގެ ޖަަަނަވަރީ 15 ގައި އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ނަސްރުﷲ ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ކުރަމުންދަނީ ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ދެއްވި ލޯނަކުން ކަމަށާއި އެހެން ކަމުން އެ މަސައްކަތް ކުރިއަށް ނުގޮސް މިހާ ދުވަސް ވެގެން ދިއުން ބަލައި ނުގަނެވޭ ކަަމަށެވެ.

އަދި ވާދޫ އާއި ފިޔޯރީ އާއި ނަޑައްލާގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެއާޕޯޓް ވީހާވެސް އަވަހަށް ނިމިގެން ދިއުމަކީ އެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި މި އެއާޕޯޓްގެ މަސައްކަތް ފެށިގެން ދިޔައީ ރައީސް ޔާމީން ސަރުކާރުގައި އެމްޕީ ހުސައިން މުހައްމަދުގެ ވަރަށް ބޮޑު ބާރުއެޅުއްވުމަކާއެކު... އުންމީދަކީ ވީހާވެސް އަވަހަށް އެއާޕޯޓްގެ ނުނިމިހުރި މަސައްކަތް ފެށި، އެއާޕޯޓްގެ ބޭނުން ކުރަން ފެށުން."

ރާއްޖޭގައި މިހާރު 13 އެއާޕޯޓެއް އޮވެ އެވެ. މި އެއާޕޯޓްތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ގެ އިތުރުން މާމިގިލި އިންޓޭޝަނަލް އެއާޕޯޓް އަދި ކޫއްޑޫ އެއާޕޯޓެވެ.

މީގެ އިތުރުން ހިމެނެނީ ކުޅުދުއްފުށީ އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަދި ދަރަވަންދޫ އާއި އިފުރުގެ އެއާޕޯޓުގެ އިތުރުން ތިމަރަފުއްޓާއި ކައްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓެވެ. އަދި މި އަހަރު އަލަށް ހަތަރު އެއާޕޯޓު ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި އަހަރު އަލަށް ހުޅުވާނެ އެއާޕޯޓް ތަކަކީ ހއ. ހޯރަފުށި އެއާޕޯޓާއި ށ. ފުނަދޫ އާއި ޅ. މަޑިވަރު އެއާޕޯޓާއި ގދ. މާވާރުލު އެއާޕޯޓެވެ.