ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުންގެ ލުއިތައް އިއުލާންކުރާ ޕްރެސް ކެންސަލް

ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތުގެ ދެވަނަ ފިޔަވަހީގައި ދޭނެ ލުއިތައް އިއުލާނު ކުރަން މިރޭ ބާއްވަން އޮތް ނޫސްވެރިންގެ ބައްދަލްވުން ކެންސަލް ކޮށްފި އެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ ދުވަހުން ފެށިގެން މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދިނެވެ.

ލޮކްޑައުންއަށް ލުއި ދީފައި ވަނީ ބަލި އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ލަފާކުރެވުނު މުއްދަތު ފަހަނައަޅާގޮސް، ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވުމާއި ގުޅިގެންނެވެ.

އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމުގެ ދެވަނަ ފިޔަވަހީގައި ދޭނެ ލުއިތަކުގެ މައުލޫމާތުތައް މިރޭ ހެލްތު މިނިސްޓްރީން ހާމަ ކުރާނެ ކަމަށެވެ. އެންއީއޯސީގައި ބާއްވާ އެ ބައްދަލު ވުމުގައި ހެލްތް މިނިސްޓަރާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެއްސި ކަމަށް ވެސް އެނގިފައި ވެއެވެ.

ނަމަވެސް ޕްރެސް ފެށެން ގަޑިއެއްހާއިރަށް ވެފައިވަނިކޮށް ނޫސްވެރިންގެ މިރޭގެ ބައްދަލްވުން ކެންސަލްކޮށްފައިވާކަން ވަނީ އަންގާފަ އެވެ. ނަމަވެސް އެއީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނުބުނެ އެވެ. އަދި ދެން ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާނެ ވަގުތެއް ވެސް ބުނެފައެއް ނުވެއެވެ.

ކުރިން ކޮންމެ ދުވަހަކު އެންއީއޯސީން ބާއްވަމުން އައި ބައްދަލްވުންތައް ވެސް މިހާރު ވަނީ މަދުކޮށްފަ އެވެ.

ލޮކްޑައުންއަށް ލުއި ދިން ފަހުން ގޭބީސީތަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބޭރުގައި އުޅެވޭ ވަގުތު ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން ކޮންމެ ގެއަކުންވެ ސް ތިން މީހުންނަށް ހަފުތާއަކު ދެ ދުވަހު ދެ ގަޑިއިރަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ފުލުހުން މެދުވެރި ވަނީ ދީފަ އެވެ.

އަދި ގިނަ ވިޔަފާރިތައް ހުޅުުވުމަށް ހުއްދަދީ، ބައެއް ވިޔަފާރިތައް އޮންލައިންކޮށް ކުރިއަށް ގެންގޮސް، ޑެލިވަރީގެ ހިދުމަތް ދިނުމުގެ މަގު ވަނީ ތަނަވަސްކޮށް ދިނެވެ. މީގެ އިތުުރުން މަސް މާރުކޭޓް ހުޅުވާ، ބޭންކްތަކުން ހިދުމަތްދޭ ވަގުތުތައް ވެސް ވަނީ އިތުރު ކޮށްފައެވެ.

ލުއި ދީފައި ނުވަނީ މިސްކިތްތަކުގައި ޖަމާއަތް ހެދުމަށް މިސްކިތްތައް ހުޅުވުމަށާއި، ސުކޫލްތަކާއި އޮފީސްތައް ހުޅުވުމުގެ އިތުރުން ރަށްރަށަށް ދަތުރު ކުރުމަށެވެ.

Message by Ministry Of Health