ބޮލީވުޑް

ޓީވީން ކެރިއަރު ފަށައި ބޮލީވުޑްގައި ކާމިޔާބު ހޯދި ތަރިން

ޓީވީގައި މަސައްކަތްކުރާ ވަރަށް މަދު އެކްޓަރަކަށް ނޫނީ ހިންދީ ފިލްމު އިންޑަސްޓްރީން ރަނގަޅު މަގާމެއް ނުހޯދެ އެވެ. ބައެއް އެކްޓަރުންނަށް މަދުން ނަމަވެސް ބީ ނުވަތަ ސީ ގްރޭޑް ފިލްމެއް ކުޅެން ލިބުނަސް އެހިސާބުން އަނެއްކާވެސް އޭނާއަށް ފިލްމީ ރޮނގުން ކުރިޔަށް ދާނެ ފުރުސަތުތައް ލިބުން ދަތިވެ އެވެ. ނަމަވެސް ޓީވީން ކެރިއަރު ފަށައި އެ އެކްޓަރެއްގެ ހުނަރާއި މަސައްކަތުން ބޮލީވުޑުގައި ރަނގަޅު ކާމިޔާބެއް ހޯދާފައިވާ އެކްޓަރުން މަދުން ނަމަވެސް އެބަތިއްބެވެ.

އޭގެ ތެރެއިން ފުރަތަމަ އެކްޓަރަކީ އިރްފާން ޚާނެވެ. މިހާރު ދުނިޔެ ދޫކޮށްފައިވާ އިރްފާން ކެރިއަރު ފެށީ ޓީވީ ޝޯތަކުގައި ކުދި ކުދި ރޯލުތައް އަދާ ކުރުމުންނެވެ. "ޗަނަކްޔާ"، "ބާރަތު އޭކް ކޯޖް"، "ބަނޭގީ އަޕްނީ ބާތު" އަދި "ޗަންދުރަކާންތާ" ފަދަ ސިލްސިލާތަކުގައި އިރްފާން މަސައްކަތް ކޮށްފައި ވެއެވެ. މީގެން ކޮންމެ ސިލްސިލާއެއްގައި ވެސް އޭނާ އޭނާއަށް ކުޅެން ލިބުނު ރޯލަށް ވަރަށް ފުރިހަމައަށް އިންސާފުކޮށްފައި ވެއެވެ. ފިލްމުތައް އުފައްދާ މީހުން އޭނާއަށް އެހާ ބޮޑު އިތުބާރެއް ކޮށް ފިލްމުތަކުން ޖާގަ ދިނީ އެހެންވެ އެވެ.

ޝާހްރުކް ޚާނަކީ ވެސް ޓީވީ ސިލްސިލާތަކުން ކެރިއަރު ފެށި އެކްޓަރެކެވެ. އޭނާ ފުރަތަމަ ކުޅުނީ 1988 ގައި ދެއްކި ޓީވީ ޝޯ އެއް ކަމަށްވާ "ފައުޖީ" އިންނެވެ. އޭގެ ފަހުން 1989 ގައި "ސާކަސް" އަދި ހަމަ އެ އަހަރު "އުންމީދު"، 90-1988 އަށް "ވަގްލޭ ކީ ދުނިޔާ"، ކުޅެފައި ވެއެވެ. އޭނާއަށް ފުރަތަމަ ލިބުނު ފިލްމަކުން ޖާގަ ލިބުނީ 1989 ވަނަ އަހަރު އެވެ. ފުރަތަމަ ފިލްމުން ޝާޙްރުކް އަށް ކުޅެން ލިބުނީ ވަރަށް ކުޑަ ކުޑަ ރޯލެވެ. ނަމަވެސް އޭގެ ފަހުން އޭނާއަށް ދިވްޔާ ބާރްތީ އާއެކު "ދީވާނާ" ކުޅެން ލިބުނެވެ. އެހިސާބުން އޭނާއަށް ފަސް އެނބުރި ބަލާލަން ނުޖެހި ކުރިއަރައިގެން ދިޔައީ އެވެ.

"ވިކީ ޑޯނާ"އިން 2012 ގައި ބޮލީވުޑަށް ތައާރަފްވި އަޔުޝްމާން ކުރާނާ އަކީ ވެސް ޓީވީ ޝޯތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެކްޓަރެކެވެ. އަޔުޝްމާން ކެރިއަރު ފެށީ ރޭޑިއޯ-ޖޮކީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އެމްޓީވީގެ ރިއަލިޓީ ޝޯ "ރޯޑީޒް"ގައި ބައިވެރިވެ އެ ޝޯ ކާމިޔާބު ކުރި އެވެ. އެއަށްފަހު ދެން އޭނާ ވީ ވަރަށް ކާމިޔާބު ޓީވީ ޝޯ ހޯސްޓަކަށެވެ. އެކްޓަރަކަށް ވުމުގެ ހުވަފެން ދެކޭ ކޮންމެ މީހަކަށް އަޔުޝްމާންގެ ހަގީގީ ހަޔާތުގެ ވާހަކައިން ހަމަ ގައިމުވެސް ފިލާވަޅެއް ލިބޭނެ އެވެ.

ވިދްޔާ ބާލަން އަކީ ވެސް އެންމެ ކުރިން ޓީވީ ސިލްސިލާތަކުގައި މަސައްކަތް ކުރި ބަތަލާ އެކެވެ. "ހަމް ޕާންޗް"ފަދަ ގިނަ ސިލްސިލާތަކެއްގައި ވިދްޔާ މަސައްކަތް ކުރި އެވެ. ހިންދީ ފިލްމުތަކުން އޭނާއަށް ޖާގަ ލިބުނީ 2005 ގައި ރިލީޒްކުރި "ޕަރިނީތާ" އެވެ. އެ ފިލްމުގައި އޭނާ ކުޅުނު ރޯލު މޮޅުކަމުން އިސާހިތަކު އޭނާއަށް ފިލްމު ފުރުސަތުތައް އޮހެން ފެށި އެވެ. "ކަހާނީ"، "ޑާޓީ ޕިކްޗާޒް" ފަދަ ފިލްމުތަކުން ވިދްޔާ ވަނީ އޭނާ ވަރުގެ ހުނަރުވެރި ބަތަލާއަކު ބޮލީވުޑުގައި މަދުކަން ސާބިތުކޮށްދީފަ އެވެ.

ސުޝާންތު ސިންގް ރާޖްޕޫތު ވެސް ކެރިއަރު ފެށީ ޓީވީ ސިލްސިލާ ތަކުންނެވެ. ވަރަށް ފަހާ ޖެހެންދެން ގިނަ ބަޔަކު އޭނާ ދަންނަނީ ޒީ-ޓީވީގެ ކާމިޔާބު ސިލްސިލާ "ޕަވިތުރަ ރިޝްތާ"ގައި އޭނާ ކުޅުނު މާނަވްގެ ރޯލުންނެވެ. އެ ނޫން ވެސް ބައެއް ސިލްސިލާތަކުގައި ސުޝާންތު މަސައްކަތް ކުރި އެވެ.

އޭނާގެ ހުނަރުވެރިކަން ފާހަގަ ކުރެވި އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަކުން ފުރުސަތު ލިބުނީ "ކައި ޕޯ ޗޭ" ކިޔާ ފިލްމަކުންނެވެ. ސުޝާންތުގެ ނަސީބު ގަދަކަމުން މި ފިލްމަށް ރަނގަޅު ކާމިޔާބެއް ލިބުމާއެކު ހިންދީ ފިލްމު އިންޑަސްޓްރީގައި ކުރިއަރައިގެން ދިއުމުގެ ފުރުސަތު އޭނާއަށް ހުޅުވުނީ އެވެ. އޭގެ ފަހުން އޭނާ ކުޅުނު "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އިން ވެސް ކްރިޓިކްސްގެ ތައުރީފު އޭނާއަށް ވަރަށް ބޮޑަށް ލިބުނެވެ.

އަޔުޝްމާން އާއެކު "ވިކީ ޑޯނާ"އިން ބޮލީވުޑަށް ނުކުތް ޔަމީ ގޯތަމް އަކީ ވެސް ކުރިން ޓީވީގައި މަސައްކަތްކުރި ބަތަލާ އެކެވެ. ވަރަށް ގިނަ ޓީވީ އިޝްތިހާރުތަކުގެ އިތުރުން ކަލާޒް ޗެނަލުން ދެއްކި "ޔޭ ޕިޔާރް ނަ ހޯގާ ކަމް"ގައި ޔަމީ މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.

އާރް. މާދަވަން އަކީ ވެސް ކުރިން ޓީވީ އެކްޓަރެކެވެ. އޭނާ އެންމެ ކުރިން މަސައްކަތް ފެށީ ރީޖަނަލް ޓީވީ ޝޯ ތަކުގަ އެވެ. އޭގެ ފަހުން ޒީ-ޓީވީގެ ކާމިޔާބު ސިލްސިލާ "ބަނޭގީ އަޕްނީ ބާތު"ގައި 1996 ގައި ބައިވެރިވެފައި ވެއެވެ. އޭނާއަށް އެންމެ ފުރަތަމަ ފިލްމު ކުޅެން ލިބެން ފެށީ ސައުތު ތަމަޅަ ފިލްމު އިންޑަސްޓްރީންނެވެ. މަނީ ރަތުރަމްގެ "އަލައިޕަޔޫތޭ"ގައި 2000 ވަނަ އަހަރު އޭނާ މަސައްކަތް ކުރި އެވެ. އަދި ފަހުން "ރެހެނާ ހެ ތޭރެ ދިލް މޭ" ކިޔާ ހިންދީ ފިލްމެއް ދިއާ މިރްޒާ އާއެކު ކުޅުނެވެ. އެހިސާބުން އޭނާއަށް ބޮލީވުޑްގައި ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެން ދިޔަ އެވެ.