ހަބަރު

ހުޅުލެއަށް ދިޔަ ލޯންޗެއްގައި ރޯވެ، ގިނަ ބަޔަކު ފިހިއްޖެ

Sep 26, 2015

ޓޫރިސްޓުން ގޮވައިގެން ހުޅުލެއަށް ދަތުރު ކުރި ލޯންޗެއްގައި އަލިފާން ރޯވެ، އޭގައި ތިބި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައްވެ ފިހިއްޖެ އެވެ.

"ސްވެނިއާ 18" ލޯންޗްގައި އަލިފާން ހިފީ މިއަދު މެންދުރު 1:10 އެހާކަން ހާއިރު ހުޅުލޭ ފަޅަށް ވަންނަން އުޅެނިކޮށެވެ. ލޯންޗްގެ އިންޖީނުގައި ހިފި އަލިފާންގަނޑު މުޅި ލޯންޗަށް ފެތުރި، އެ ލޯންޗުން ދަތުރު ކުރި 23 މީހުންގެ ތެރެއިން 21 މީހަކަށް އެކިވަރުގެ އަނިޔާތައްވެ އައިޖީއެމްއެޗާއި އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

އޭގެ ތެރޭގައި 20 ޓޫރިސްޓަކު ހިމެނެ އެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި ފިހުނު ޓޫރިސްޓުންގެ ތެރެއިން ޗައިނާގެ އަންހެނެއްގެ މޫނު ވަނީ ފިހިފަ އެވެ. އޭނާގެ ސާޖަރީއެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެން ތިބި މީހުން މާ ބޮޑަށް ނުފިހޭ ކަމަށް އެ ހޮސްޕިޓަލުން ބުންޔެވެ.

އޭޑީކޭ އިން ބުނީ އެތަނުގައި ފަރުވާ ދެމުން އަންނަ ޓޫރިސްޓުންގެ ގާތްގަނޑަކަށް 22 ޕަސެންޓް ހުރީ ފިހިފަ އެވެ. އަދި އެ މީހުންގެ ހާލު ސީރިއަސް އެއް ނޫނެވެ.

ފިހުނީ އެންމެ ދިވެއްސެކެވެ. އޭނާގެ ހާލު ގޯސް ނޫން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

"އަނެއްހެން މާ ބޮޑު ސީރިއަސް ޕޭޝަންޓެއް ނެތް،" އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން އަލިފާން ނިންވާލި އިރު މުޅި ލޯންޗް ވަނީ އަނދާ ހުލިވެފަ އެވެ. ސްވެނިއާ ޓްރާސްޕޯޓަކީ ކަނިފިނޮޅާއި ގަސްފިނޮޅު އަދި ރީތި ރަށް ރިސޯޓަށް ޓްއަރިސްޓުން އުފުލައިދޭ ކުންފުންޏެކެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އިންޖީނުގައި އަލިފާން ހިފީ ބެޓަރީގެ މައްސަލައަކުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.