ވިޔަފާރި

ދިރާގުގެ ވާޗުއަލް އޭޖީއެމް ފަށައިފި

Jun 11, 2020

ދިރާގުގެ ތާރީހުގައި ބާއްވާ، ފުރަތަމަ ވާޗުއަލް އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ، ދިރާގުން މި އަހަރު ބާއްވާ ފުރަތަމަ ވާޗުއަލް އޭޖީއެމް ބާއްވަނީ ބޯޑު މެންބަރުންނާއި އާއްމު ހިއްސާދާރުން ގޭގައި ތިގެންނެވެ. މިއީ ދިރާގުގެ ދިގު ތާރީހުގައި އޮންލައިން މެދުވެރިކޮށް މިގޮތަށް އޭޖީއެމް ބާއްވާ ފުރަތަމަ ފަހަރެވެ. އޭޖީއެމް ފަށާފައި ވަނީ މިއަދު 11:15 ގަ އެވެ.

މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވޯޓު ދިނުން ކުރިއަށްދާނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ވާޗުއަލްކޮށް މިގޮތަށް ބާއްވާ ފުރަތަމަ އޭޖީއެމް އެވެ.

އެ ކުންފުނިން ބުނީ މި އިވެންޓު ނިމުމުން އޭޖީއެމްގެ މައުލޫމާތު އާއްމު ޕަބްލިކަށް ހިއްސާ ކުރާނެ ކަމަށެވެ.

އޭޖީއެމްގައި އޮންނަ ބައިތައް

  • އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް މެންބަރަކު ހޮވުން
  • ހިއްސާގެ ފައިދާގެ ގޮތު ބަހަން ކަނޑައަޅާފައިވާ އަދަދު ފާސް ކުރުން
  • ކޭޕީއެމްޖީ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައެޅުން
  • އިންޓަރިމް ޑިވިޑެންޑް ބެހުމުގައި އަމަލު ކުރާނެ އުސޫލް ފާސްކުރުން

ދިރާގުން ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ޖެހޭ 12ރ. ގެ މަގުން، 912 މިލިއަން ރުފިޔާ ބަހަން އޭޖީއެމް އަށް ހުށަހަޅަން ނިންމާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްދާ ދިރާގަކީ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އާއި ސަރުކާރުގެ 41.8 ޕަސެންޓް ހިއްސާ އަދި އާއްމުންގެ 6.2 ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓަކީ ދިވެހިންނެވެ.