ހަބަރު

އުދައަރާނެ ކަމަށް ލަފާވަނީ 44 ރަށަކަށް: ޑިޒާސްޓާ މެނޭޖްމަންޓް

Sep 26, 2015
1

އަންނަ ހޯމަ ދުވަހުގެ ރޭ ހިފާ ހަނދު ކޭތައާ ގުޅިގެން ކަނޑުގެ ބާނިތައް ބޮޑުވާއިރު، 44 ރަށަކަށް އުދަ އަރާފާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ. އަދި އެ ރަށްތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން މިހާރު ވަނީ އަންގައިފަ އެވެ.

މި ކޭތައަކީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ހިފާ ފުރަތަމަ ރަތް ކުލައިގެ ހަނދު ކޭތަ، ނޫނީ "ސުޕަ މޫން ލޫނާ އެކްލިޕްސް" އެވެ. "ސުޕަ މޫން ލޫނާ އެކްލިޕްސް" އަކީ ދުނިޔެއާ ހަނދު އެންމެ ކައިރިއަށް އަންނަ ވަގުތު، ހަނދު އެންމެ ބޮޑަށް ފެންނައިރު، ހަނދުކޭތަ ހިފުމުން، ދުނިޔެއިން ހަނދަށް އެޅޭ އަލި، ރަތް ކުލާގައި ހުރުމެވެ.

"ރަތްހަނދު" 27 ވަނަ ދުވަހުގެ ރޭ ފަތިހު 5:11ގައި ހިފަން ފަށާ އިރު، ކަނޑުގެ ލޮނުގަނޑު ގާތްގަނޑަކަށް ހަ އިންޗިއަށް އުފުލޭނެ ކަމަށް ޑިޒާސްޓާ އިން ވަނީ ލަފާކޮށްފަ އެވެ. އެންމެ ބޮޑަށް އުދަ އަރާނެ ކަމަށް ލަފާކުރެވެނީ 27 އަދި 28 ގައެވެ. އެކަމަކު 29 އާއި 30 ގައި ވެސް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެ އެވެ.

މި ނާދިރު ކޭތަ ރާއްޖެއަށް ފުރިހަމަޔަށް ފެނުމުގެ ފުރުސަތެއް ނެތެވެ. މި ވައްތަރުގެ ކޭތައެއް އެންމެ ފަހުން ހިފީ 1982 ވަނަ އަހަރު އެވެ. ހޯމަ ދުވަހުގެ ރެއަށް ފަހު ދެން މިފަދަ ކޭތައެއް ފެންނާނީ 2033 ވަނަ އަހަރު ކަމަށް ނުޖޫމީ އިލްމްވެރިން ވިދާޅުވެ އެވެ.