ހަބަރު

އުދައަރާފާނެތީ ފުލުހުން ތައްޔާރީ ހާލަތަކަށް

Sep 26, 2015

އެންމެ ބޮޑަށް އުދައަރާނެ ކަމަށް ލަފާކުރެވޭ ރަށްރަށުގައި އާންމުންނަށް ރައްކާތެރިކަން ދީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އޮޕަރޭޝަން ތަކެއް ފުލުހުން މިއަދު ފަށައިފި އެވެ.

އޮޕަރޭޝަން ފެށިކަން ޔަގީންކޮށްދެއްވަމުން ކޮމިޝަނަރު އޮފް ޕޮލިސް ހުސެން ވަހީދު ވިދާޅުވީ މިއަދުން ފެށިގެން އަންނަ މަހު ދެއަކާ ދޭތެރޭގައި އުދަ އަރާފާނެ ކަމަށް ޑިސާސްޓާ މެނޭޖްމަންޓުން ލަފާ ކޮށްފައިވާތީ، ރައްކާތެރިވުމުގެ ގޮތުން ރައްޔިތުން ކުރާ މަސައްކަތްތަކުގައި ފުލުހުން އެހީތެރިވުމުގެ ގޮތުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބަލައި އުދައިގެ އަސަރު ކުރާ ހުރިހާ ހިސާބެއްގައި ފުލުހުންގެ ޓީމެއް ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޓީމްތަކުން ކުއްލި ހާލަތްތަކުގައި އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ކޮމިޝަނަރު ވިދާޅުވެފައިވެ އެވެ.

އަންނަ ހޯމަ ދުވަހުގެ ރޭ ހިފާ ރަތް ހަނދު ކޭތައާ ގުޅިގެން ކަނޑުގެ ބާނިތައް ބޮޑުވެ ލޮނުގަނޑު ގާތްގަނޑަކަށް ހަ އިންޗިއަށް އުފުލޭނެ ކަމަށް ޑިޒާސްޓާ އިން ބުނާއިރު 44 ރަށަކަށް އުދަ އަރާފާނެ ކަމަށް އެސްންޓަަަރުން ލަފާކުރެ އެވެ.

އުދައިގެ އަސަރު ނުކުރާނީ، އދ. އަތޮޅާއި ފ. އަތޮޅު، ދ. އަދި ފުވައްމުލަކަށް ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފައި ވަނީ، ދިޔަވަރާއި އޮއިވަރަށް ބަދަލު އަންނާނެތީ މޫދަށް ނޭރެން އިލްތިމާސްކޮށްފަ އެވެ. އަދި އާދަޔާ ހިލާފަށް ދިޔަވަރަށް ކުއްލި ބަދަލުތައް އަންނާތީ އޮޑިދޯނިފަހަރު އެޅުމުގައި ވެސް ލިބިދާނެ ގެއްލުމަކަށް ސަމާލުވެ ތިބުމަށް ވަނީ އެދިފަ އެވެ. މީގެ އިތުރުން މޫދާ ކައިރީގައި ހުންނަ ގެތަކުން އަގު ބޮޑެތި މުދާ ރައްކާތެރިކޮށް، ކާޑުގެ ބާވަތްތައް ފަދަ ތަކެތި ލޮނުން ރައްކާތެރިވާނެ ގޮތަކަށް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ އިތުރުން އިންޑިއާގެ ބައެއް އައްސޭރިފަށުގެ ސަރަހައްދުތަކަށް ވެސް އުދައަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.