ވިޔަފާރި

ދިރާގުން ހިއްސާއަކަށް 12 ރުފިޔާ ބަހަން ނިންމައިފި

Jun 11, 2020
1

ދިރާގު މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 12ރ. ބަހަން އެ ކުންފުނީގެ އޭޖީއެމްގައި މިއަދު ފާސް ކޮށްފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފުރަތަމަ ބޭއްވި ފުރަތަމަ "ވާޗުއަލް އޭޖީއެމް" ގައި ދިރާގުގެ ހިއްސާދާރުންގެ ތެރެއިން 68 ހިއްސާދާރުން ބައިވެރިވެފައިވެ އެވެ.

އެ ކުންފުނީގެ 31 ވަނަ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށެވެ. މިއީ ދިރާގުން ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބޭއްވި އަހަރީ އާންމު ޖަލްސާ އެވެ. އަދި ހަމައެއާއެކު، މިއީ "ފަހިވޯޓް" މެދުވެރިކޮށް ކުންފުންޏަކުން ބޭއްވި ފުރަތަމަ ވާޗުއަލް އަހަރީ އާއްމު ޖަލްސާ އެވެ.

އޭޖީއެމްގައި ވާހަކަ ދައްކަވަމުން، މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ވާޗުއަލް އޭޖީއެމްއެއް ބޭއްވުމަކީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

"އޭޖީއެމް ފަދަ ބޮޑު ޖަލްސާއެއް އޮންލައިންކޮށް ބޭއްވި، އަދި ޖަލްސާގެ އެންމެހާ ކަންތައްތައް ޑިޖިޓަލްކޮށް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެން. އަދި މިއީ ޑިޖިޓަލް މުސްތަގުބަލަކަށް އެޅުނު މުހިންމު އެއް ބިންގާ ކަމުގައިވެސް ދެކެން. އަދި ހާއްސަކޮށް މި ދަނޑިވަޅުގައި ޑިޖިޓަލް ގޮތްތައް ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ސަބަބަކީ މިގޮތަށް އޮންލައިންކޮށް ޖަލްސާ ބޭއްވުމުން އެކި ހިސާބުތަކުން، ގިނަ ހިއްސާދާރުންނަށް ބައިވެރިވާން ފުރުސަތު ހުޅުވި، ހިއްސާދާރުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުން އިތުރު ވެގެން ދިޔުމަށް އެޅޭ ބާރަކަށް ވެގެންދާތ،" އިސްމާއީލް ވިދާޅުވި އެވެ.

ދިރާގުން މިއަދު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާނެ ބޮޑު ބައެެއް ބަހަން ވަނީ ނިންމާފަ އެވެ. މިއީ ދިރާގުން ހިއްސާގެ ފައިދާ ބަހަނީ އަހަރަކު ދެ ފަހަރެވެ.

އެ ކުންފުނިން ވަނީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ އަހަރު ހިއްސާއަކަށް 4.14 ރުފިޔާ ވަނީ ހިއްސާދާރުންނަށް ބަހާފަ އެވެ. އަދި މިއަދުގެ ނިންމުމާއެކު، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.86 ރުފިޔާ ހިއްސާދާރުންނަށް ބަހާނެ އެވެ. އެހެންކަމުން ފައިދާއަށް ޖުމްލަ 12 ރުފިޔާ ހިއްސާދާރުންނަށް ލިބިގެންދާނެ އެވެ.

އޭޖީއެމް ފަދަ ބޮޑު ޖަލްސާއެއް އޮންލައިންކޮށް ބޭއްވި، އަދި ޖަލްސާގެ އެންމެހާ ކަންތައްތައް ޑިޖިޓަލްކޮށް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެން. މިއީ ޑިޖިޓަލް މުސްތަގުބަލަކަށް އެޅުނު މުހިންމު އެއް ބިންގާ ކަމުގައިވެސް ދެކެން.
އިސްމާއިލް ރަޝީދު | ދިރާގު ސީއީއޯ / އެމްޑީ

މިދިޔަ އަހަރު އެކި ގޮތްތޮތުން ދިރާގުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އެގޮތުން، މިދިޔަ އަހަރުގެ އޭޕްރިލް މަހު ތަޢާރަފުކުރި "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމް ވެގެން ދިޔައީ ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ފްރޮގުރާމަކަށެވެ. އެގޮތުން ދިރާގުން ވަނީ ހައި ސްޕީޑް ފައިބާ ޓް ދަ ހޯމްގެ ހިދުމަތް ރާއްޖޭގެ 75 ޕަސެންޓް ގޭބިސީ ފޯރުކޮށްދީފަ އެވެ. ދިރާގުގެ ފައިބާ ނެޓްވޯކް ދިވެހިރާއްޖޭގެ 58 ރަށަކަށް ފުޅާ ކުރުމުގެ މަޝްރޫއުގެ ނަތީޖާއެއްގެ ގޮތުން މި ނެޓްވާރކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އަވަސް، އެންމެ ބޮޑު ފައިބަ ނެޓްވާކް އެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުންއުޅޭ ތިން ސަރަޙައްދުގައި 5ޖީ ތާއާރުފުކުރުމާ ގުޅިގެން، ދިރާގުވަނީ ރާއްޖޭގެ އަދި ސައުތު އޭޝިއާގައި ވެސް އަލަށް ވިޔަފާރި އުސޫލުން 5ޖީ ގެ ހިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަށެވެ. ހަމަމިއާއެކު، ބްރޯޑްބޭންޑް އިންޓަނެޓް ސްޕީޑް މަތި ކުރުމަށްޓަކައި 1 ޖީބީޕީއެސްގެ އަލްޓްރާ ފާސްޓް އިންޓަނެޓް ގޭބިސީތަކާއި ވިޔަފާރި ކަސްޓަމަރުންނަށް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ. މިވަގުތު މި ހިދުމަތް ފޯރުކޮށްދެމުން ދަނީ 13 ރަށުގަ އެވެ.

ދިރާގުގެ "ޑިޖިޓަލް ރާއްޖެ" ކެމްޕެނުން ދޭހަކޮށްދީފައިވަނީ އާ ޓެކްނޮލޮޖީތަކުގެ އެންމެ އިސް ސަފުގައި ފައިތިލަ ސާބިތުކުރުމަށާއި، "ޓޭކް އޮން ޓުމޯރޯ" ހަގީގަތަށް ހެދުމަށާއި، މާދަމާގެ ޚިދުމަތްތައް ދުރާލާ އަވަހަށް ގެނެސްދިނުމަށާއި، ކަސްޓަމަރުންގެ ބޭނުންތަކަށް އިޖާބަ ދެވޭ ކުންފުންޏަކަށް ދިރާގުވުމަށް ކަނޑައަޅާފައިވާ ތަސައްވުރުގެ ސާބިތުކަމެވެ. އެ ކުންފުނިން ދަނީ ގައުމު ބިނާކުރުމާއި އިޖުތިމާޢީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން، ފާއިތުވި އަހަރުގެ އުސްއަލިތަކަށް ބަލާއިރު މިދިޔަ އަހަރުވެސް ދިރާގު އެޕްރެންޓިސް ޕްރޮގްރާމް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަދި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ވަނީ ކުރިއަށް ގެންގޮސްފައި އެވެ. މީގެ އިތުރުން އައު ވިޔަފާރި އުފެއްދުމުގެ (ސްޓާޓްއަޕް) ސަގާފަތެއް ޤާއިމުކޮށް ޒުވާން ވިޔަފާރިވެރިންގެ މެދުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެގޮތުން ގިނަ ޕްރޮގުރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ދިރާގުން ބުނީ މިދިޔަ އަހަރު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ އަކަށް ވެގެން ދިޔައީ، ކުންފުނީގެ މޯބައިލް، ފިކްސްޑް ބްރޯޑްބޭންޑް، އެންޓަޕްރައިޒް އަދި މެނޭޖްޑް ސާވިސް ކެޓެގަރީތަކުގެ ކަސްޓަމަރުން އިތުރުވެ ޓެލެކޮމިއުނިކޭޝަންސް ސިނާއަތުގައި ދިރާގުގެ މާކެޓް ހިއްސާ ހިފެހެއްޓިފައިވުން ކަމަށެވެ.